ސ. ހިތަދޫއިން ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހުންގެ ޑައިރެކްޓު ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އިތުރު މީހަކު މިއަދު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވީ އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ މީހާގެ ޑައިރެކްޓު ކޮންޓެކްޓެކެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ ހިތަދޫ ކްލަސްޓަރގެ ކޮންޓެކްޓުންގެ ތެރޭގައި 60 މީހުން ހިމެނޭކަމަށެވެ. އަދި އެމީހުން ސާމްޕަލް ނަގައި ޓެސްޓު ކުރަމުން އަންނަ ކަމަށް އޭއީއެޗްއިން ވަނީ ބުނެފައެވެ.
އައްޑޫގައި މިވަގުތު ހަތަރު ކްލަސްޓަރ އޮތް އިރު ކޮންޓެކްޓުންގެ އަދަދު މިވަނީ 189 އަށް އަރާފައެވެ. އެގޮތުން އިއްޔެ ފެނުނު ސަވައިލެންސް ކްލަސްޓަރ ގެ ކޮންޓެކްޓުންގެ ގޮތުގައި 28 ފަރާތެއް ފާހަގަ ކުރެވިފައިވާކަމަށް އޭއީއެޗްއިން ވަނީ ބުނެފައެވެ.
އައްޑޫގެ މިވަގުތު ކޮވިޑު އެކްޓިވް ކޭސް އަދަދު މިވަނީ 28އަށް އިތުރުވެފައެވެ.