އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ ޚާއްސަ ފިޔަވަޅުތައް އެޅުމަށް އައްޑޫ އީއޯސީ އިން ނިންމާފައިވި ނަމަވެސް މިވަގުތު ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް ނިންމާފައިނުވާ ކަމަށް އީއޯސީ އިން ހާމަކޮށްފިައެވެ.
މިރޭ އީއޯސީ އިން ބޭއްވި ޕްރެސް ކޮންފަރެންސުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވީ މިދިޔަ ރަމަޟާން މަހުގެ އެއްވެސް ނަމާދެއް ޖަމާއަތުގައި ނުކުރެވުމުން، މިއަހަރުގެ ރަމަޟާން މަހުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތުން މަހުރޫމް ކުރަން ބޭނުންނުވާ ކަމަށެވެ.
ނަމަވެސް ނަމާދަށް ދިއުމުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާސްކު އެޅުމާއި އަމިއްލަ މުސައްލަ ހިފައިގެން ދިއުމާއި ގެއިން ވުޟޫ ކޮށްގެން ދިއުމަށް ސޯބެ ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ހައި ރިސްކު ބޭފުޅުންނާއި އުމުރުން ދުވަސްވީ ބޭފުޅުން މިސްކިތުގެ ޖަމާއަތަށް ވަޑައިނުގަތުމަށް އީއޯސީ އިން ވަނީ އިލްތިމާސްކޮށްފައެވެ. ކޮވިޑު އަލާމަތެއް ހުރި ބޭފުޅުން ވެސް މިސްކިތަށް ވަޑައިނުގަތުމަށް އެފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިވަގުތަށް ޖަމާއަތުގައި ނަމާދުކުރަމުން ދިޔަ ނަމަވެސް ހާލަތު ގޯސްވާ ނަމަ މިސްކިތުގެ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން މަޝްވަރާ ކުރެވިފައިވާ ކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ.
ކާފިއު ގަޑިއާއި ތަރާވީހު ނަމާދު ކައިރި ވާތީ ހިފުޒުކޮށް ތަރާވީސް ކުރާ މިސްކިތުގައި 8:50 ވުމުގެކުރިން ތަރާވީހު ނަމާދު ނިންމުމަށް ވަނީ ނިންމާފައެވެ. އަދި ދަމު ނަމާދު ގަޑިއަކީ ކާފިއު ގަޑިއަށް ވުމުން އެގަޑީގައި މިސްކިތަށް ދަމު ނަމާދަށް ދާ ފަރާތްތަކުން ހިނގާފައި ދިއުމަށް އީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ. އެގަޑިއަކީ ދުއްވާ އެއްޗެހި ދުއްވުން މަނާ ގަޑިއެއްކަން އީއޯސީ އިން ވަނީ ފާހަގަކޮށްފައެވެ.