ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑު-19 ޖެހިފައިވާ 7 މީހުން މަރުވެފައިވާ އިރު ބަލީގައި ރާއްޖެެއިން މަރުވި މީހުންގެ އަދަދު 81އަށް އަރައިފިއެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ އެންމެ ފަހުން ކޮވިޑު ޖެހިގެން މަރުވެފައިވަނީ ބިދޭސީއެކެވެ. ނަމަވެސް އަދި އެޗްޕީއޭއިން އެކަން ކަށަވަރުކޮށްދީފައި ނުވެއެވެ.
ރޭ އިރާކޮޅު އައިޖީއެމްޗުގެ އިމަޖެންސީ ރޫމަށް ގެންދިޔަ ދިވެހި އަންހެނަކު ވެސް ވަނީ މަރުވެފައެވެ. އޭނާ ކޮވިޑަށް ޓެސްޓު ކުރިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އެއީ މިބަލީގައި އިއްޔެ މަރުވި 6 ވަނަ މީހާއެވެ.
ރޭ ފަތިހު އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކޮވިޑު ޖެހިގެން މަރުވެފައިވާ އިރު އިއްޔެ މެންދުރު 12:30 ހާއިރު އުމުރުން 83 އަހަރުގެ ދިވެހި ފިރެހެނަކު ވެސް ވަނީ މަރުވެފައެވެ.
ތިން ވަނަ މީހާ މަރުވެފައި ވަނީ އއ. ރަސްދޫއިންނެވެ. ރަސްދޫއިން މަރުވެފައިވަނީ އުމުރުން ދުވަސްވީ އިންޑިއާ މީހެކެވެ. އަދި ހަތަރު ވަނަ މީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފަސް ވަަނައަށް މަރުވެފައި ވަނީ ޅ. ނައިފަރު ކޮވިޑް ފެސިލީޓިގައި ފަރުވާ ހޯދަމުން ދިޔަ އުމރުން 97 އަހަރުގެ އަންހެނެކެވެ.
މިއީ އެއްދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑު ބަލީގައި މަރުވި ދުވަހެވެ.
ރާއްޖޭގައި ކޮވިޑު ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު އިއްޔެ އެކަނިވެސް 703 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގެ ކޮވިޑު އެކްޓިވް ކޭސް މިވަނީ 7603 އަށް އަރާފައެވެ.