ރައީސް ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާގައި ގޮއްވާލި ބޮން ހަދައި އެތަނުގައި ބޭއްވިކަން އާއްމު ރައްޔިތުންގެ ތެރެއިން މީހަކަށް ހިލަމެއް ނުވީ ކީއްވެތޯ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސުވާލު އުފައްދަވައިފިއެވެ.
ރޭ ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްއިން ބޭއްވި ނޫސް ކޮންފަރެންސްގައި ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މިއީ އެކަކު އަނެކަކަށް ބަސްބުނެ ބްލޭމް ގޭމް ކުޅެންވީ ވަގުތު ނޫން ކަމަށެވެ.
ސިފައިންގެ އިންޓެލިޖެންސާާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ ރައީސް ނަޝީދަށްވެސް އަދި އެހެން މީހަކަށް އަމާޒުކޮށްވެސް މިފަދަ ހަމަލާއެއްދޭން އުޅޭކަން އެނގުނު ނަމަ އެކަން ހުއްޓުވާނެކަމަށެވެ. އަދި މިފަދަ އައިޑީއެއް ހަދައި، އެޑިވައިސް ތަނެއްގައި ބައިންދާ ހަދާ އިރު އެކަން އާއްމު ރައްޔިތަކަށް ހިލަމެއް ނުވޭތޯ ހިތައް އަރާކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑު ހިތަށް އަރާ މިފަދަ ޑިވައިސެއް ހަދާ، އައިއީޑީއެއް ހަދާ، ތަނެއްގައި ބައިންދާ މިހުރިހާ ކަމެއް ކުރިއިރު ހަމަ އެއްވެސް އާއްމު ރައްޔިތަކަށް ނުވަތަ ބޭފުޅަކަށް ހިލަމެއް ނުވަތަ ހުވަމެއްވެސް ނުވޭބާއޭ"
ޒަކައްރިޔާ މަންސޫރު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ އިރު އެމަނިކުފާންގެ ތިން ބޮޑީގާޑުންނަށްވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ފަރުވާއަށް ފަހު އެތިން ސިފައިންވެސް ވަނީ ދޫކޮށްލާފައެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ވަނީ ވަކިން ދެ ނޫސް ކޮންފަރެންސް ބާއްވާފައެވެ. އެ ދެ ނޫސް ކޮންފަރެންސްގައި ފުލުހުންވެސް އަދި އެމްއެެންޑީއެފްއިން ވެސް ވަނީ މި ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެ ދެ އިދާރާއަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް ފަހު ތަހްގީގަށް އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭކަމަށް ބުނެ އާއްމު ރައްޔިތުން އަންނަނީ ތަހްގީގީ އިދާރާތަކަށް ފާޑު ކިޔަމުންނެވެ. މި ހާދިސާ އާއި ގުޅިގެން ޝައްކު ކުރެވޭ ހަތަރު މީހުން ތިބިކަމަށް ފުލުހުން ބުނެފައިވާ އިރު އޭގެ ތަފްސީލެއް ފުލުހުން އަދި ހާމަ ނުކުރެއެވެ.
ނަމަވެސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހެއްކަމަށް ބުނެ މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.