އިންޑިއާގެ އުއްތަރްޕްރަދޭޝްގައި ކޮވިޑް ޖެހިގެން މަރުވި އަންހެނަކު އެންދުމަށްޓަކައި މުނިސިޕަލްޓީގެ ކުނި އުފުއްލާ ލޮރީއެއްގައި ގެންދިޔަ މަންޒަރު ފެނި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަރުވި 65 އަހަރުގެ ބާލާމަތީ ނަމަކަށް ކިޔާ އަންހެން މީހާގެ ބޭބެ ޕްރަބާސް ސަރުކާރު ބުނެފައިވާ ގޮތުގައި އޭނާގެ ދައްތަ ވެސްޓް ބެންގޯލްގައި ބަލިކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މިދިޔަ މަހު ޕްރަބާސް ދިރިއުޅޭ އަވަށް ކަމަށްވާ ޖަލާލްއާބާދަށް އޭނާގެ ދައްތަ ގެނައީ އިތުރު ފަރުވާ ދިނުމަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް އޭނާގެ ދައްތަ ސަލާމަތްނުވެ މިދިޔަ އާދީއްތަ ދުވަހު ވަނީ މަރުވެފައެވެ.
އޭނާގެ ދައްތަ މަރުވުމުން އޭނާގެ ހަށިގަނޑު އެންދުމަށް ގެންދިޔުމަށް އިތުރު 3 މީހެއްގެ އެހީ ލިބޭތޯ އޭނާ އެތައް އިރަކު މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އެއްވެސް މީހަކު އެހީތެރި ނުވުމުން އޭނާ މުނިސިޕަލް ކޯޕަރޭޝަނަށް ގުޅީ ކަމަށް ޕްރަބާސް ބުނެފައިވެއެވެ.
އެ އަވަށުގެ ހޮސްޕިޓަލުން ވަނީ އެއީ ކޮވިޑް ޖެހިގެން މަރުވި މީހެއް ކަމެއް އެ މީހުންނަށް ޔަޤީން ކުރެވިފައިނުވެއެވެ. އެހެން ނަމަވެސް މިހާރު އެ އަވަށުގެ ހާލަތަށް ބަލާފަ ވަކި އެއްޗެއް ދަންނަވަން ދަތި ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.
މި މައްސަލަ ތަހުގީގް ކުރުމަށް މިހާރު ވަނީ ފުލުހުންނާއި ހަވާލު ކޮށްފައެވެ. ގޭގައި މީހަކު މަރުވެގެން ކަމާއިބެހޭ ފަރާތްތަކަށް ނާންގާ އެފަދަ ގޮތަކަށް އެންދުމުން އެއީ ބަލަންޖެހޭ ކަމެއް ކަމަށް އެ އަވަށުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.