ކޮވިޑު-19 އަށް ފަރުވާދެމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކޮވިޑުގައި ނިޔާވެފައިވަނީ 76 އަހަރުގެ އަންހެނެކެވެ.
މިއީ ކޮވިޑުގައި ރާއްޖެއިން މަރުވި 85 ވަނަ މީހާއެވެ. ނަމަވެސް އަދި މިކަމުގެ ތަފްސީލް އެޗްޕީއޭއިން ހާމަ ނުކުރެއެވެ.
ފާއިތުވި ކޮންމެ ދުވަހަކު ކޮވިޑުގައި މީހުން މަރުވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދުވެސް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ހުކުރު ދެ ދުވަހު ޖުމްލަ 8 މީހަކު ކޮވިޑުގައި މަރުވެފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނީ މާލެ ސަރަހައްދުގެ 80 ޕަސެންޓު އެނދު ފުރިފައިވާކަމަށާއި، ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިގެން 234 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުން ކަމަށެވެ.