ކޮވިޑް-19 ގައި މާލޭގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު ބަލި ކޮންޓްރޯލް ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިއްހީ އިދާރާތަކާއެކު ރޭ ބޭއްވި ބައްދަލުވުން ވަކި ގޮތެއް ނުނިންމި ނިންމާލައިފިއެވެ.
މާލެ ސަރަހައްދުގައި ކޮވީޑް-19 ގެ ނަމްބަރުތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނައިރު ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ ހަރުކަށި ފިޔަވަޅުތަކާ ގުޅޭގޮތުން ރޭ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭގެ މަޝްވަރާތައް ކުރިއަށްދިޔައީ ސީދާ ލޮކްޑައުން ކުރުމާއި ގުޅޭގޮތުން ނޫން ކަމަށާއި، އެހެންނަމަވެސް އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ވަކި ގޮތެއް ނުނިންމޭ ކަމަށެވެ. އަދި މިއަދު ވެސް އެކަމާއި ގުޅޭގޮތުން ރައީސް އިތުރު ބައްދަލުވުންތައް ކުރިއަށްގެންދަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އޮންނަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ލޮކްޑައުނަކަށް ދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ ހާލަތު ގޯހުން ގޯހަށް!
މި ފާއިތުވި ދެ ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުގެ ކޮވިޑްގެ ހާލަތު ވަނީ އަތްނުފޯރާ ހިސާބަށް ގޮސްފައެވެ. އެޗްޕީއޭއިން ލަފާކުރާ ގޮތުގައި މާލެ ސަރަހައްދުން ނަގާ ކޮންމެ ފަސް ސާމްޕަލަކުން ތިން ސާމްޕަލެއް އަންނަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ.
ފާއިތުވި ދެ ހަފްތާގައި އެވްރެޖްކޮށް މުޅި ރާއްޖޭގެ ކޮވިޑް ކޭސްތައް ހުރީ 600 އިން މަތީގައެވެ. ފާއިތުވި ދެ ދުވަހު ރާއްޖެއިން ފެނުނު ޖުމުލަ ކޭސްތައް ހުރީ 1000 ހުން މަތީގައެވެ. ފާއިތުވި 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ވަނި ޖުމުލަ 8817 ކޮވިޑް ކޭސް ފެނިފައެވެ. މިވަގުތު ރާއްޖޭގެ ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 10،376 ގައެވެ.
ހޮސްޕިޓަލުތަކުގެ އެނދުތައް ފެރެމުން އަންނަކަމަށް ޑޮކްޓަރުން ބުނަމުން އަންނައިރު މިހާރުވެސް މާލެ ސަރަހައްދުގެ ބެޑް ކެޕޭސިޓީގެ 80 އިންސައްތަ ފުރިފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މިވަގުތު ރާއްޖޭގައި 244 މީހަކަށް އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.
ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވުމުގެ އިތުރުންވެސް ބަލީގައި މަރުވާ މީހުންގެ އަދަދުތައްވެސް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް މި ހިނގާ ފާއިތުވެ މިދިޔަ ހަތް ދުވަހުގެ ތޭގައި ބަލީގައި ފުރާނަ ދޫކުރި މީހުންގެ އަަދަދު ވަނީ އިތުރުވެފައެވެ. އެއްދުވަހެއްގެ ތެރޭގައި ކޮވިޑްގެ އެތައް މަރެއްވެސް ދިވެހިންނަށް ވަނި ދެކެން ޖެހިފައެވެ.