ދެ ކުދިން ލިބިފައި ވަނިކޮށް ކައިވެނީ ރޫޅިފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރުގެ ހަޔާތަށް އާ ބައިވެރިއަކު އައިސްފައިވާ ކަމަށާއި ކަރިޝްމާ ގެންދަނީ އާ ބައިވެރިޔާ އާ "ޑޭޓް ކުރަމުން" ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން 2003 ވަނަ އަހަރުގެ ދިއްލީގެ މަޝްހޫރު ވިޔަފާވެރިއެއް ކަމަށްވާ ސަންޖޭ ކަޕޫރާއި ކަރިޝްމާގެ ކައިވެނި ނިމުމަކަށް އައިސްފައިވާތާ ގިނަ ދުވަސްތަކެއް ފަހުން ކަރިޝްމާގެ ހަޔާތަށް މިހާރު އައިސްފައި ވަނީ މުމްބާއީގެ 35 އަހަރުގެ ޒުވާނެކެވެ. އަދި އޭނާއަކީ އެމެރިކާގެ ޑޫކް ޔުނިވަސިޓީން ތައުލީމް ހާސިލްކޮށްފައިވާ ޒުވާނެކެވެ.
ސިއްހީ ހިދުމަތާ ގުޅޭ ކުންފުންޏެއްގެ ސީއޯއެއްގެ މަގާމުގައި ހުރި ސަންދީޕް ތޮޝްނިވާލް އާއި ކަރިޝްމާ ޑޭޓް ކުރަމުންދާތާ ދުވަސްތަކެއްވެފައިވާ ކަމަށްވެ އެވެ. އަދި އެ ދެ މީހުން އެކުގައި ގިނަ ވަގުތުތަކެއް ވެސް ހޭދަ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކާމިޔާބް ގިނަ ފިލްމްތަކެެއް ކުޅެފައިވާ ކަރިޝްމާ، 39، އާއި ސަންދީޕް ދިމާވީ ދާދި ފަހުން ޕާޓީއަކުން ކަމަށްވެ އެވެ. އޭގެ ފަހުން ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދި އެ ގުޅުން މިހާރު ލޯތްބަށް ބަދަލުވެފައިވާ ކަމަށް ވެސް ބޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ.
ކަައިވެންޏަށް ފަހު، ފިލްމް ކުޅުން ހުއްޓާލައި ކަރިޝްމާ ކުރީގެ ފިރިމީހާ އެކު ދިއްލީ އަށް ބަދަލުވި ނަމަވެސް، ކައިވެނި 2010 ވަނަ އަހަރު ރޫޅުމާ އެކު އޭނާ އަލުން ވަނީ މުމްބާއީ ބަދަލުވެފަ އެވެ.
އަދި 2011 ވަނަ އަހަރު ވިކްރަމް ބަޓް ޑައިރެކްޓް ކުރި "ޑޭންޖަރަސް އިޝްގް" އިން ކަރިޝްމާ އެނބުރި ސްކްރީނަށް އަ އެވެ.
އެހެން ނަމަވެސް އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ފިނި ތަރުހީބާ އެކު ކަރިޝްމާ މިހާތަނަށް އިތުރު ފިލްމަކަށް ސޮއެއް ނުކުރެ އެވެ.
އެކަމަކު ޓީވީ ބައެއް އިޝްތިހާރުތަކުން ކަރިޝްމާ ފެނެ އެވެ.