އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ އެމްޑިޕީ ލީޑަރޝިޕްގެ އިސް ފަރާތްތަކަކަށް ލިބިފައިވާކަން ހާމަވާ ލިޔުންތަކެއް ސޯޝަލްމީޑިއާގައި ލީކްވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ލީކްކޮށްލާފައިވާ މައުލޫމާތުތަކުން ހާމަވާގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ވަނީ އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން ޕާލިމެންޓަރީ ގްރޫމްގެ ލީޑަރު އަލީ އާޒިމަށްވެސް ލިބިފައެވެ.
ލީކް ކޮށްލާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ޕީޖީ ލީޑަރު އަލީ އާޒިމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެމެދު ހިނގާފައިވާކަމަށް ބުނާ މެސެޖު ތަކެއްވެސް ހިމެނެއެވެ. އެ މައުލޫމާތު ތަކުގައިވާގޮތުން އޮގަސްޓް 2015 ގައި އަލީ އާޒިމްގެ ގެއަށްގޮސް އެއް މިލިއަން ރުފިޔާ ދިންކަމަށް މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނެފައިވެއެވެ. އަދި އަދީބުގެ ފޯނުގެ 26 ފޮރެންސިކް އެނަލިސިސްއިން އެކި ފަހަރުމަތިން ފައިސާ ހޯދައިފާކަމާއި ކަނާލިފަރު ކޮންސްޓްރަކްޝަން ލެޓަރ ހޯދާފައިވާކަމާއި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ވޯޓުތައް ދާގޮތް އަންގައި އަދީބުގެ އަތުން ފައިސާ ބޭނުންކޮށްގެން މެމްބަރުންނަށް ރިޝްވަތު ދީފައިވާކަން އެނގެން އޮންނަކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް އަލީ އާޒިމް ބުނެފައިވަނީ ލީކް ކޮށްލާފައިވާ ތަކެއްޗަކީ ފޭކް ކަމަށެވެ.
އެމްޑީޕީ ޗެއާޕާސަން ހަސަން ލަތިފާއި ގުޅޭގޮތުން ލީކްކޮށްލާފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ އޭރު އެމްޑީޕީއާއި އިދިކޮޅު ފަރާތްތައް އިސްވެ އޮވެ ހިންގި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ހަރަދުތަކަށް 5 މިލިއަން ރުފިޔާ ހަސަން ލަތިފާއި ހަވާލުކުރި ކަމަށް އަދީބު ބުނެފައިވާކަމަށެވެ.
މީގެ އިތުރުން އެމްޑީޕީން ހިންގި މިންޖުވާން މުޒާހަރާގެ ހަރަދުތަކަށް އެމްޑިޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް 2 މިލިއަން ރުފިޔާ ދީފައިވާކަމަށްވެސް އަދީބު ބުނެފައިވާކަމަށް ލީކް ކޮށްލާފައިވާ މައުލޫމާތުތަކުގައިވެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ ބަލާ އެފައިސާގައި ޖެހިފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކި އެމްޑީޕީން ވެފައިވާ ވައުދެކެވެ. މި މައުލޫމާތުތައް ލީކުވެފައި މިވަނީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް މަޖިލީހުގެ 241 ކޮމިޓީއަށް ހިއްސާކުރި ފަހުންނެވެ. އަދި އެކޮމިޓީން އާޒިމް ވަނީ އިސްތިއުފާވެސް ދެއްވާފައެވެ.