އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވާކަމަށް ލީކުވެފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުން ހާމަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލީކުވެފައިވާ ލިސްޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ އެސެޓު ރިކަވަރީ ކަމިޝަނުން އެކުލަވާލާފައިވާ ރިޕޯޓުގެ ބައެއް ކަމަށެވެ. ނަމަވެސް ލިސްޓާއި ގުޅޭގޮތުން ކަމާއި ބެހޭ ފަރާތްތަކުން އަދި އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ.
ލީކުވެފައިވާ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީ މެމްބަރުންގެ އިތުރުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ މެމްބަރުންގެ އިތުރުން ޖުމްހުރީ ޕާޓީގެ މެމްބަރުން ހިމެނެއެވެ.
ލިސްޓުގައި ހިމެނޭ ޕީޕީއެމް/ޕީއެންސީ މެމްބަރުންނަކީ ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މުޙައްމަދު ސަޢީދާއި، ޕީޕީއެމްގެ ނައިބުލީޑަރުން ކަމުގައިވާ ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫނާއި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) އާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޙުސައިން ލަޠީފު (ސެމްބެ)އާއި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.
އެމްޑީޕީގެ މެމްބަރުންނަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ ޢާޒިމާއި، ހެންވޭރު ހުޅަނގު ދާއިރާގެ ޙަސަން ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހިމެނެއެވެ.
މީގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގިނަ މަމްބަރުންތަކެއް ލިސްޓުގައި ހިމެނޭއިރު މައްސަލަ ރައްޔިތުންގެ މަޖިލީހުން އަންނަނީ ބަލަމުންނެވެ. މައްސަލައިގެ ރިޕޯޓު ރައްޔިތުންގެ މަޖލީހުގެ 241 ކޮމެޓީއަށް ލިބުމާއި އެކު އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިވަނީ ކޮމެޓީން އިސްތިއުފާ ދެއްވާފައެވެ.