Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު ޝަރުއީ ދާއިރާ

އަބްދުއްރަހީމްގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

އަދުރޭ -- ފޮޓޯ / ސަން

ކްރިމިނަލް ކޯޓުން ބޭރުކޮށްލި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

އަބްދުއްރަހީމްގެ މައްޗަށް އުފުލި ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ މޭ 10 ވަނަ ދުވަހުއެވެ.

އެ މައްސަލަ އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ބޭރުކޮށްލާފައިވަނީ މައްސަލާގައި ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ރިޕޯޓް ހެދުމަށް، ފުލުހުން ސާމްޕަލް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ހިލާފަށް ކަމަށް ބަޔާންކޮށެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފު ކުރާނެތޯ ސުވާލު ކުރުމުން ޕީޖީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ނިންމާފައިވާކަމަށެވެ.

އަދުރޭގެ މައްޗަށް ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތް ކުރިއަށްދިޔަ ދުވަހު އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވާތީއެވެ.