މި އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ނިކުތް ގޮތުން މިއަދަކީ ވަރަށް ކަޅު ދުވަހެއް ކަމަަށާއި އޭގެ ސަބަބުން ގައުމުގެ ހާލަތުގައި ކަޅު ލަށްގަނޑެއް ޖެހުނު ދުވަހެއް ކަމަށް އެމްޑީޕީ އައްޑޫ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ސޮބްރީ ވިދާޅުވެއްޖެ އެވެ.
ތިރީސް އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާ ވާދަ ކުރައްވައިގެން ކާމިޔާބް ކުރެއްވުމާ ގުޅިގެން ސޮބްރީ ވަނީ "މިއީ ރާއްޖެ އެތައް އަހަރެއް ފަހަތަށް ދިއުން" ކަމަށް ސިފަ ކުރައްވައިފަ އެވެ.
"އެތައް އަހަރެއްގެ ފަހަތަށް އަހަރަމެން ދިވެހިން ޖެހި، އާއިލީ ވެރިކަމުގެ ތެރެއިން އެތައް ބައެއްގެ ހައްގަށް އަރައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޒާތީ ހަސަދަ ފިލުވައި ނިކަމެތި ރައްޔިތުން އަޅުވެތި ކުރަން އިތުރު ބޮޅެއް ބަނދަވިގެން ދާ ދުވަސް މިއަދަކީ" ދާދި ފަހުން މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރި ސޮބްރީ ވިދާޅުވި އެވެ. "ދިވެހި ރައްޔިތުންނަކީ އެ މީހުން އަބަދުވެސް ދެކޭ ގޮތުގައި ގަނެވިފައި ތިބޭ ބަޔަކަށް ވާން ޖެހޭ. އެ މަޅީގައި މި ފަހަރު ވެސް ބަޔަކު ބެދި ގައުމު ދޫކޮށްލެވުނީ ހުދުމުހުތާރު ވެރިކަމުގެ ކޮއިލުތެރެ އަށް. ރައްޔިތުން ސަލާން ޖަހާ ދިގު ސަގާފަތް މި ގައުމުގައި އަނެއްކާ ވެސް ބޮޑު ދެ ސޭޓުންގެ ގޮށް މުށަށް މުޅި ގައުމު މި ދިޔައީ."
ސޮބްރީއަކީ ނަޝީދަށް ކެމްޕޭން ކުރުމުގައި އައްޑޫގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި، ހިތަދޫ މެދު ދާއިރާގެ ރައީސްކަމާއި އެ ދާއިރާގެ ކެމްޕޭން މެނޭޖަރު ވެސް މެ އެވެ.
އަދި އޭނާއަކީ ނަޝީދުގެ ސަރުކާރުގައި އުފެއްދެވި ސަދަން ހެލްތު ސާވިސް ކޯޕަރޭޝަން (އެސްއެޗްއެސްސީ) ގެ ޑިރެެކްޓަރުކަން ވެސް ކުރެއްވި، އެމްޑީޕީގެ އިސް ހަރަކާތްތެރިއެކެވެ.