Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ރައީސް ނަޝީދު ބޭސް ފަރުވާޔަށް ސަލާން ޖެހުމަކީ ދިވެހީންގެ އަގުވައްޓާލުން: މަލީހް

ރައީސް ނަޝީދު ބޭސް ފަރުވާޔަށް ސަލާން ޖެހުމަކީ ދިވެހީންގެ އަގުވައްޓާލުން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ކުރައްވާ ދަތުރުފުޅުގެ ހަރަދު ހަމަޖެއްސެވީ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވާ މި ދަނޑިވަޅުގައި މި ކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓްގައި މަލީހް ވިދާޅުވީ އެކަމަކީ ކަރަޕްޝަން ހުއްޓުވުމާއި ބެހޭ ޤާނޫނުގެ އިޖްރަޢާތުތަކުގެ ތެރެއިން ކޮށްފަވާ ކަމެއްތޯ ބަލަންޖެހޭ ކަމަށާއި ޕީޕީއެމްގެ ހުސްނުވާ އާސަންދަ ކާރޑު ރ.ނ ވޮލެޓްގަ އޮންނާނެ ކަމަށެވެ. އަދި އެ ކަމުނުދިޔައީ ކީއްވެތޯ ވެސް ވަނީ ސުވާލު ކުރައްވާފައެވެ.

"ރައީސް ނަޝީދު ބޭސް ފަރުވާޔަށް ސަލާން ޖެހުމަކީ ދިވެހީންގެ އަގުވައްޓާލުން.އެކަމަކީ ކަރަޕްޝަން ހުއްޓުވުމާއި ބެހޭ ޤާނޫނުގެ އިޖްރަޢާތުތަކުގެ ތެރެއިންކޮށްފަވާ ކަމެއްތޯ ބަލަންޖެހޭ.ޕީޕީއެމްގެ ހުސްނުވާ އާސަންދަ ކާރޑު ރ.ނ ވޮލެޓްގަ އޮންނާނެ. އެކަމުނުދިޔައީ ކީއްވެ? އަވަސް ޝިފާއަކަށް އެދެން." މަލީހް ވިދާޅުވިއެވެ.

އަދި އެހެން ޓްވީޓެއްގައި މަލީހް ވަނީ ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންނެވުމާއި ގުޅޭ ގޮތުން ނެރެފައިވާ ލިޔުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އެލިޔުމަކީ ދައުލަތުގެ ނިޝާން ޖެހި ހުތުރު ލިޔުމެއް ކަމަށް ވިދާޅުވެފައެވެ.

"އެމްޑީޕީއިން ދުއްވާ ދެބޯގެރި. އިދިކޮޅުގައި – ރާއްޖެއަކީ މުއްސަނދި ޤައުމެއް, ބޭސް ފަރުވާޔަށް ސަލާންޖަހައިގެން ނުވާނެ. ރައްޔިތުންގެ ފައިސާއިން 2 މުސާރަ ނަންގަވާ ހެލްތް އިންޝޫރަންއަށް ލާރި ހޯދާ މިކުރިކަމާއި ދޭތެރޭ ރައްޔިތުން ގޮތެއް ނިންމަވާ. ދައުލަތުގެ ނިޝާންޖެހި ހުތުރު ލިއުމެއް." މަލީހް ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް ޖަރުމަނަށް ދަތުރުކުރެއްވި އެއަރ އެމްބިއުލާންސްގެ ޚަރަދާއި ޖަރުމަންވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަން ސަރުކާރުންކަމަށްވެސް މަޖިލީހުގެ އިދާރާއިން ހާމަކުރެއެވެ.