ދާދި ފަހުން ޓްވިޓާއިން ދާއިމަށް ސަސްޕެންޑް ކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި އިންސްޓަގްރާމްގައި އިޒްރޭލަށް ސަޕޯޓްކޮށް ސަނާކިޔާފައިވާ ޕޯސްޓްތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ކަންގަނާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓްތައް އިއްޔެއްސުރެން ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. އޭނާގެ ކޮންމެ ޕޯސްޓަކުން ފެންނަންހުރީ ފަލަސްތީނާއިމެދު އޭނާގެ ހިތުގައި އޮތް ނުރުހުމާއި އިޒްރޭލްގެ އަމަލުތަކަށް އޭނާ ކުރާ ތާއީދެވެ.
އިޒްރޭލުން ކަންތައް ކުރަނީ ކުރަންވީ ގޮތަށް ކަމަށާއި މުޅި އިންޑިއާ އޮތީ އެ މީހުންނާއި އެކުގައި ކަމަށް ކަންގަނާ ވަނީ އޭނާގެ ޕޯސްޓްތަކުގައި ތަކުރާރުކޮށް ބުނެފައެވެ. އޭނާގެ މި ޕޯސްޓްތަކުގެ ސަބަބުން ފަލަސްތީން ދެކެ ލޯބިވާ އެންމެން ވަނީ އޭނާއާއި ދިމާލަށް އެތަކެއް އެއްޗެއްސެއް ކިޔާފައެވެ. އޭނާގެ ޕޯސްޓްތަކުގައި ފަލަސްތީނަކީ ޓެރަރިސްޓް ޤައުމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް އިޒްރޭލުން ހަމަލާ ދިނުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ބުނެފައިވެއެވެ.
އިންޑިއާގެ ބައެއް މީހުންވަނީ ކަންގަނާގެ މި ޕޯސްޓްތަކަށް އަޅާނުލުމަށް ގޮވާލާފައެވެ. އަދި އޭނާ މި ވަގުތު އެގޮތަށް ކަންތައް އެކުރަނީ މޯދީގެ ސަރުކާރުން ކޮވިޑްގެ ކަންތައްތަކުގައި ފެއިލްވެފައިވާ މަންޒަރު އޮއްބާލާ މީހުންގެ ސަމާލުކަން އޭނާގެ ޕޯސްޓްތަކަށް ހޯދުމަށް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ކަންގަނާއަކީ ރާއްޖޭގެ ނިސްބަތުން ބެލިކަމުގައި ވިޔަސް ގިނަ ބަޔަކަށް ކަމުގޮސްގެން ސަޕޯޓްކުރާ ތަރިއެކެވެ. އެހެން ނަމަވެސް އޭނާގެ މި ނޭއްގާނީ އަމަލުގެ ސަބަބުން އޭނާދެކެ އެންމެ ރުޅި އަންނަ އެއްބަޔަކަށް ދިވެހިން ވެގެންދާނެކަމީ ޝައްކެތްއޮތް ކަމެއްނޫނެވެ. އޭނާ މީހުންގެ ސަމާލުކަން ހޯދަން ޖެއްސި ސްޓަންޓުން އަމިއްލަ ބޮލަށް އެތިފަހަރެއް އަރާތަން ފެނިގެންދިޔުން ގާތެވެ.