Last Updated: November 23, 09:20
Saturday, November 23, 2024
ރިޕޯޓް އެމްއެމްޕީއާރުސީ ހިޔާނާތް

"ލިސްޓެއް"ގައި ޖެހި ނަމާއެކު އެތައްބަޔަކު ކުށްވެރިންނަށް!

ރާއްޖޭގެ ރަށްތަކާއި ފަޅުތަކުގެ ގޮތުގައި ހިމެނޭ ޖުމުލަ 57 ތަނެއް ކުއްޔަށް ދޫކޮށްގެން ހިންގާފައިވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުން އެނގުމަކީ ދިވެހި ރައްޔިތުން އެންމެ ބޭނުންވާ ކަމެވެ. ރައްޔިތުން ބޭނުންވީ އެއީ ކޮންބައެއް ކަން އެނގި އެމީހުންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގައި ދައުލަތުން ގެއްލުނު ފައިސާ ރައްޔިތުންގެ ހަޒާނާއަށް ޖަމާ ކުރެވޭނެ ގޮތެއް ހޯދުމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ހޯދައި އެފައިސާ ރައްޔިތުންގެ ވަތްގަނޑަށް ގެނެސްދޭނެ ވައުދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ކަމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ސޯލިހުވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވައި އެކޮމިޝަންގެ މައްސޫލިޔަތެއްގެ ގޮތުގައި އޮތީ މި ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް ފައިސާ ލިބުނު މީހުންނަށް ފައިސާ ލިބުނުގޮތް ހޯދާ އެކަމުގައި ޖިނާއީ ދައުވާއެއް ހިމެނޭނަމަ, އެކަމަށް ދައުވާ ކުރުމަށް ފޮނުވުމެވެ. އެކަމަށްޓަކާ އެ ފައިސާ ލިބުނު ކަމަށް ބުނި އެންމެންގެ ނަންތައް ހިމެނޭގޮތަށް ބޮޑު ލިސްޓެއް އެކުލަވާލާ ކޮމިޝަނުން މަސައްކަތްކުރިއެވެ. ނަތީޖާއެއް ނުލިބި ދެ އަހަރާ ބައިވާން ދިޔައިރު, މިކަން އެނގެން ބޭނުންވެ ކެތްމަދު ވެފައި ތިބި ރައްޔިތުން ގޮވަމުން ދިޔައީ ލިސްޓް އާންމު ކުރާށެވެ.

ކަމަކަށް ކަންކުރާ އުސޫލުން އެސެޓް ރިކަވަރީ ކޮމިޝަނުން ލިސްޓެއް ހަދާ މަޖިލީހަށް ދިނުމުން, ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން އެ މެމްބަރުން އެ ލިސްޓް އާންމު ކުރީ ރައްޔިތުންގެ އެދުމާ އެއްގޮތަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ދިން ލިސްޓަކީ "ކަން ކުރި ކަމުގެ ނަން އެޅެން ވެގެން" ކުރި ކަމެއްގެ ގޮތުގައި މިސިފަ ކުރީ އެ ލިސްޓުގައި ހިމެނޭ މީހުންގެ ތަހުގީގު ގޮސްފައިވާ ހިސާބުކަމަށް ކަމަށް އެ ލިސްޓުގައި ބަޔާންކުރާ ކަންކަމުގެ ސަބަބުންނެވެ. ކޮމިޝަނަށް ދެއަހަރާ ބައިވި އިރު, ލިސްޓުގެ 70% މީހުންގެ ނަމާ ދިމާލުގައި ޖަހާފައި ވަނީ "Information Collection" ނުވަތަ އަދި ކުރާ ތުހުމަތުތަކަށް އަދި މައުލޫމާތު އެއްކުރަނީކަމަށެވެ.

ލިސްޓުގައި ތިބި އެންމެން ކުށްވެރިންނަށް ހަދާ ރައްޔިތުން "ހުކުމް" ކޮށްފި!

މަޖިލީހުން ލިސްޓް އާންމު ކުރުމާއެކު މިމައްސަލަ ބަލާ ކޮމިޝަންގެ ރައީސް ވިދާޅުވީ, ލިސްޓުގައި ނަން އޮތް ހަމަ ކޮންމެ މީހަކީ ކުށްވެރިއެއް ނޫންކަމަށެވެ.

އެހެންނަމަވެސް އެބޭފުޅާއަށް ވެސް ވިސްނިވަޑައިނުގެންނެވި ތަންކޮޅަކީ, މަސައްކަތް ފުރިހަމަ ނުވާ, އަދި ތަހުގީގު ވެސް ނުފަށާ ތިބި މީހުންގެ ނަމާއެކު ހެދި ލިސްޓެއްގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި ކުށެއް ނެތް މީހުންގެވެސް އަބުރުގެއްލުނު ކަމެވެ. ތެދެއް ދޮގެއް ހެވެއް ގޯހެއް ނޭންގި ތިބެ މި އެންމެނަށް ރައްޔިތުން "ހުކުމް" ކޮށްލީ އެ ލިސްޓުގައި މި އެންމެންގެ ނަން އޮތީތީއެވެ.

ރަނގަޅެވެ. މައުލޫމާތު ލިބިތިބި ކަމަށްވަންޏާ އެކަން ހޯދާ ބަލާށެވެ. އެމީހުންގެ ބައިވެރިވުން ހިޔާނާތުގައި އޮތް މިންވަރު ދެނެގަންނާށެވެ. އެމީހުންނަށް ފައިސާ ލިބުނުގޮތާއި އެމީހުންގެ އަމަލުތައް ތަހުގީގުކޮށް ހެކި ހޯދާށެވެ. އެހެންނަމަވެސް, ތަހުގީގުވެސް ނުފަށާ އޮވެ އެމީހުންގެ ނަން ލިސްޓުގައި ހިމަނާލުމަށްފަހު "މިއޮތީ ލިސްޓެކޭ" ރައްޔިތުން ކައިރީ ބުނީމާ, އެ ރައްޔިތުން އެ ކަން ޤަބޫލުކުރާލެއް ފަސޭހަވާނެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ކަންކުރި ގޮތުން ބައެއްގެ އަބުރު ގެއްލި, ރައްޔިތުންގެ މެދުގައި ފިތުނަ އުފެދިއްޖެއެވެ. ރައްޔިތުންގެ އިތުބާރު ކަމިޝަނަށް ގެއްލިއްޖެއެވެ. ރައްޔިތުން ބޭނުންވި ކަރަޕްޝަންގެ ބޮޑު މައްސަލައަށް ފަސްއެޅި އަސްލު ފޮރުވިއްޖެއެވެ.

"އެފައިސާ މިފައިސާ"ގެ ތަފާތު ވަކިކުރަންޖެހޭ!

"އެފައިސާ މިފައިސާ"ގެ ތަފާތު މި މާސިންގާ ހިޔާނާތުގެ ތެރެއިން ވަކިކުރަން ޖެހޭ ކަމަށް މި ބުނަނީ, އެކަމަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރާއިރު ވެސް ބަލާ, އެހެންނަމަވެސް ލިސްޓުގައި ނަންތައް އަތުރާލާ ލިސްޓުގައި ޖެހި ހުރިހާ އެންމެން "ހަވަރަށް"ދިން އިރު އެ ކޮމިޝަނުން ނުބަލާ ދޫކޮށްލާފައި އޮތް ކަމަކަށް ވީތީއެވެ.

މި ލިސްޓާއެކު އޭގައި ނަން ހިމެނޭ ކިތަންމެ ފަރާތަކުން ވާހަކަ ދައްކައިފިއެވެ. ހާއްސަކޮށް އެ ބައެއްގެ ނަމުގައި ފަހަތަށް "Information Collection" ޖަހާފައި ތިބި ވަރަށް ގިނަ ފަރާތްތައް ވަނީ ވާހަކަ ދައްކާފައެވެ. ހާއްސަކޮށް ވިޔަފާރި ކުރާ ކުންފުނިތަކާއި ބައެއްކަހަލަ ޕްރޮފެޝަންތަކަށް ހާއްސަ ވެފައިވާ ފަރާތްތަކެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ދުވަސްވީ މައްޝޫރު ކުންފުނިތަކުގެ ތެރެއިން މީގައި ހިމެނޭ ބައެއް ކުންފުނިތަކުން ބުނެފައިވާ ގޮތުގައި އެމީހުން ވަކި ބަޔަކާއެކު ހިންގާފައިވަނީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެކެވެ. ވިޔަފާރި މުއާމަލާތެއް އެމީހުންކުރި އިރު, ތަހުގީގެއް ކުރިނަމަ, ނުވަތަ ކިރިޔާވެސް އަހާ އޮޅުންފިލުވާލި ނަމަ, އެކަންވެސް ހާމަވާ ވަރަށް ލިޔެކިޔުން ހުންނާނެ ކަމަށް އެމީހުން އެބަ ބުނެއެވެ.

ދެން އޮތީ ބަޔަކަށް ވަކި ކަމެއް ކޮށްދީފައިވާ, ނުވަތަ އެމީހުންގެ ޕްރޮފެޝަންގެ ގޮތުން އެބަޔަކަށް ކޮށްދީފައިވާ މަސައްކަތަކަށް ބަޔަކަށް ދީފައިވާ އުޖޫރައެވެ. މި މީހުންނަށްވެސް ލިސްޓެއްގައި ނަމެއް އޮތްކަންވެސް އަދި އެއީ ހިޔާނާތުގައި ހިމެނޭ ފައިސާކަންވެސް އެނގުނީ އަދި ކިރިޔާއެވެ. އެހެންނަމަވެސް އެމީހުން އޭރު އެފައިސާ ނެގީ ހިޔާނާތުގެ ފައިސާކަން އެނގިގެން ނޫންކަމަށާއި, އެހެންނަމަވެސް އެފައިސާ އަކީ އެމީހުން ކުރި ހަލާލު މަސައްކަތަކަށް ދީފައިވާ އުޖޫރައެއްކަން, ކިރިޔާވެސް ތަހުގީގެއްކޮށް ބަލާ އޮޅުންފިލުވާލިނަމަ އެނގޭނެ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

ދެން އޮތީ, "ފައިސާ ފޮއްޗެއް ލިބިއްޖިއްޔާ އޭގައި ނުހިފާނީ ކާކުތޯ؟ އަދި އެލިބޭ ފައިސާ އެއީ, އެކަށީގެންވާ ރަނގަޅު އަދަދެއްގެ ފައިސާއަށް ވެއްޖިއްޔާ, އެ ފައިސާ ދޭ މީހާކުރެއް އަހާނެތޯ, ކިހިނެއް ހޯދި ފައިސާއެއްތޯ؟ ޚުދު އަނބިމީހާވެސް ނާހާ, ގޭގެ ޚަރަދު ހިންގަނީ ހަލާލު ފައިސާއިންތޯ." މިފަދަ މޭރުމުން އަމަލު ކުރާ މީހުންނެވެ.

އެހެން ގޮތަކަށް ބުނަނީނަމަ, ނާޖައިޒު ފައިދާއެއް މަންފާއެއް ހޯދުމުގެ ނިޔަތުގައި ފައިސާގައި ހިފާފައިވާ މީހުންނެވެ. ރައްޔިތުން ހަގީގަތުގައި އެނގެން ބޭނުންވި ހިޔާނާތްތެރިންނަކީ މިއީއެވެ. ލިސްޓުގައި ނަން ޖަހާ އާންމު ކުރަންވީ މީހުންނަކީ ވެސް މިއީއެވެ.

އެހެންނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުން "އެފައިސާ މިފައިސާ"ގެ ތަފާތު ނުބަލާ, އަދި ތަހުގީގުވެސް ނުފަށާ ތިބި މީހުންގެ ނަންތަކާ އެކު ނެރުނު ލިސްޓާއެކު, ރައްޔިތުންގެ ހިތުގައި އުފެދުނީ ސުވާލު ތަކެވެ. އިތުރުވީ ޝައްކާއި ހަވުމެވެ. ގެއްލުނީ އިތުބާރެވެ. ވަޅުޖެހި ފަސްލެވުނީ, އިންސާފު ލިބޭނެ ކަމަށް ކުރަމުން އައި އުންމީދުތަކެވެ.

ދެން ހަދާނީ ނުވަތަ ހެދޭނެ ގޮތަކީ ކޮބާ؟

އެމްއެމްޕީއާރްސީގެ ހިޔާނާތް ބެލުމަށް ރިޔާސީ ކޮމިޝަން އުފެއްދިތާ ވީ ދުވަހެއް މި ސަރުކާރަށްވެސް ވީއެވެ. އެ ކޮމިޝަނުން ކުރަމުން އައި ތަހުގީގުގެ ލަސްކަން ހުރި މިންވަރު ހާމަވަނީ, ލިސްޓު ނެރުނު އިރު އޭގައި ހިމެނޭ ނަންތަކުގެ ތެރެއިން ގިނަ ނަންތަކުގެ ފަހަތުގައި "Information Collection" ޖަހާފައި ވުމެވެ.

އެޔެއް މިޔެއް ބަލާނުލާ ޖަހާލި ނަންތަކާއި އެކު ލިސްޓެއް އާންމު ކުރުމަށް ދޫކޮށްލާފައި, އެ ލިސްޓުގައި އަދި އޮތުމަކީ ކުށްވެރިވުން ނޫންކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވުމަކުން ނުނިމެއެވެ.

ދެންވެސް ކުރާންވީ ކަމަކީ ބާރު ސްޕީޑުގައި ތަހުގީގު ކުރުމެވެ. އަވަހަށް ތަހުގީގުކޮށް ލިސްޓުގައި ނަން ޖަހާފައި ތިބި މީހުންގެ ތެރެއިން "ހަލާލު ހަރާން ނުބަލައި" ފައިސާގައި ހިފާފައި ތިބި މީހުން ވަކިކޮށް އެކަން ރައްޔިތުންނަށް ސާފުކޮށްދޭންވީ އެވެ. އެއްވެސް ނުފޫޒަކާ ހެދި އެކަން ރަނގަޅަށް ނުކުރެވޭނަމަ އެވާހަކަވެސް ނިކުމެ ރައްޔިތުން ގާތު ބުނާށެވެ. ރަށުތެރޭ އެވާހަކަ ދައްކާށެވެ. އޭރުން އެކަމުގެ ހައްލު ހޯދަން ރައްޔިތުން ކުރަންޖެހޭ ކަންކަން ކުރާނެއެވެ.

ރިޔާސީ ކޮމިޝަނުން މި މައްސަލައިގެ ތަހުގީގު ރަނގަޅަށް ބާރަށް ކުރޭތޯ ރައްޔިތުންގެ މަޖިލީހުން ބަލާ އެކަމަށް ފާރަވެރި ވާންވީއެވެ. އެމަސައްކަތް އެދެވޭ ސްޕީޑެއްގައި ކުރާކަމަށް ނުފެންނަ ނަމަ އެކަމުގެ ޝަކުވާ ރައީސުލްޖުމްހޫރިއްއަށްވެސް ކުރަންވީއެވެ. ލިސްޓް ނެރެލާފައި "ތިމަންމެންގެ ޒިންމާ އަދާވީއޭ" ބުނެ ދެއަތް އުރާލައިގެން ތިބެންވީކީ ނޫނެވެ.

މިހާހިސާބަށް މިކަންކަން ދިޔައިރު, ރިޔާސީ ކޮމިޝަން އުފެއްދި ބޭނުން ހާސިލުނުވެ އޮތަތީ އެ މަސައްކަތް ބާރަށް ކުރުމަށް އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އަމުރުކުރަންވީއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޒިންމާ އާއި ބާރުގެ ބޭނުންކޮށް, ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އޮތް, މި މައްސަލަ "ޖަމަލު ފޮޑި"އަކަށް ނުވެ އަވަހަށް ބާރަށް ކުރިއަށް ގެންގޮސް އިންސާފު ގާއިމު ކުރެވޭނެ ގޮތްތައް ކަށަވަރުކޮށްދެއްވަންވީއެވެ.