އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ވައިޓް ފޮސްފަރަސް ބޮމުގެ ހަމަލާތައް ދޭން ފަށައިފިއެވެ.
އިޒްރޭލުން އެމީހުން އެފަދަ ހަމަލާއެއް ދީފައިނުވާ ކަމަށް ބުނެފައިވީ ނަމަވެސް ފަލަސްތީނުގެ އެތައް ބަޔަކު އަދި މަންޒަރުދުށް މީހުން ވަނީ މި މަންޒަރު ދައްކުވައިދޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އަދި އެތައް ސަތޭކަ މީހުންދަނީ އިޒްރޭލުން އެފަދަ ހަމަލާތަކެއް ފަލަސްތީނަށް ދީފައިވާ ކަމަށް ބުނެ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ.
ވައިޓް ފޮސްފަރަސްއަކީ ވަރަށް ވިހަގަދަ މާއްދާއެކެވެ. މި މާއްދާ އެކުލެވޭ ބޮން މީގެ ކުރިންވެސް އިޒްރޭލުން ވަނީ ބޭނުންކޮށްފައެވެ. އެހެން ނަމަވެސް މީގެ ނުރައްކާތެރިކަން ބޮޑުކަމުން ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން މި މާއްދާ އެކުލެވޭ ބޮމެއް އާންމުން އުޅޭ ސަރަހައްދަކަށް ބޭނުން ކުރުން ވަނީ ހުރިހާ ޤައުމުތަކަށް ވެސް މަނާކޮށްފައެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި އިޒްރޭލުން ވަނީ 2008 ވަނަ އަހަރު ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު އެމީހުން ޣައްޒާގައި ހިންގި އަސްކަރީ ހަރަކާތެއްގައި ވެސް ރައްޔިތުންނަށް އަމާޒުކޮށް ވައިޓް ފޮސްފަރަސް ހަމަލާތަކެއް ދީފައެވެ. 2013 ވަނަ އަހަރު އިޒްރޭލުން ވަނީ އެމީހުން ވައިޓް ފޮސްފަރަސް ބޭނުންކުރުން ހުއްޓާލާނެ ކަމަށް ބުނެފައެވެ.
އެހެން ނަމަވެސް ޓްވިޓާގައި އެތައް ސަތޭކަ ބަޔަކު ދަނީ އިޒްރޭލުން މި މާއްދާ އެކުލެވޭ ބޮން ޣައްޒާއަށް އަޅާފައިވާކަމަށް ބުނެ ފޮޓޯތަކާއި ވީޑިއޯތައް އާއްމު ކޮށްފައެވެ. އެހެން ނަމަވެސް ޣައްޒާގެ ކަމާއިބެހޭ ފަރާތަކުން މިކަމާއިބެހޭ ވާހަކައެއް އާއްމުކޮށްފައެއް ނުވެއެވެ.
ވައިޓް ފޮސްފަރަސްއަކީ އޮކްސިޖަން ހުންނަ ތަންތަނުގައި ބޮޑު ސަރަހައްދަކަށް އޭގެ ގޮވުމުގެ އަސަރު ފެތުރިގެންދާ އެއްޗެކެވެ. އޭގެ ސަބަބުން ހަންގަނޑު ހަލާކުވެ ކައްޓަށް ވެސް އޭގެ އަސަރު ކުރެއެވެ. އަދި ހަށިގަނޑުގެ އެތެރެއަށް އެ މާއްދާ ވަދެ އެތެރޭގެ ގުނަވަންތަކަށް ބޮޑެތި އަނިޔާވެ، މީހާ މަރުވާން މަގުފަހި ކުރުވައެވެ. އަދި ނޭވާލާ ނިޒާމު ހަލާކު ކޮށްލައެވެ.