އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އެ މައްސަލައިގެ ތަހުގީގު އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމައިފިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ މާޗު މަހުގެ 11 ވަނަ ދުވަހު ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވިޝާން އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ތަފާތު ފަސް ފަހަރެއްގެ މަތިން ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
އަދި އެ ފައިސާ ޗަމްޕާގެ އެކައުންޓުތަކަށް ޖަމާކޮށްފައިވަނީ އެ ފައިސާގެ އަސްލު އޮޅުވާލައި އެ ފައިސާއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށް މަސައްކަތް ކުރުމަށްކަން ތަހުގީގަށް ފާހަގަކުރެވޭ ކަަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އެގޮތުން މި އަމަލަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނާ މަނީ ލޯންޑަރިންގެ ކުށުގެ އަމަލަކަށްވާތީ، އެ ކުންފުނީގެ މައްޗަށް ތަހުގީގުކުރާ މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތަށް އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ކޮމިޝަނަށް ހާޒިރުކުރަން ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެ ކުންފުނީގެ ފަރާތުން އެ ކޮމިޝަނަށް މީހަކު ހާޒިރުވިކަން ޔަގީންވެފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތުވާ މީހުންނާއި ކުންފުނިތަކުގެ ލިސްޓެއް މަޖިލީހުން އާންމުކޮށްފައިވާއިރު އެ ލިސްޓުގައި ޗަމްޕާ ބްރަދާސް ކުންފުނި ހިމެނެއެވެ.
މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ތަހުގީގުކޮށް ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 3.5 މިލިއަން ޑޮލަރު ޗަމްޕާ ބްރަދަރސްގެ އެކައުންޓަކަށް އެސްއޯއެފް މެދިވެރިކޮށް ޖަމާކޮށްފައިވެއެވެ.