ފުލުހުންނާއި ސިފައިން މިހާރު އައްޑޫގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް ހަރުކަށި ފިކުރު ކުރިއެރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވޭ ބަޔެކެވެ.
ފުލުހުން ހައްޔަރު ކުރި ބައެއް މީހުންގެ ގެތަށް ޗެކްކޮށް ބައެއް ސާމާންތައް ވަނީ ގެންގޮސްފައެވެ. އެގޮތުން ހިތަދޫއިން ހައްޔަރު ކުރި މީހެއްގެ ގެެއިން ދެ ކޮމްޕިއުޓަރ ސީޕީޔޫ އާއި ހާޑު ޑިސްކުގެ އިތުރުން ބައެއް ސާމާން ވަނީ ގެންގޮސްފައެވެ.
ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ހަރުކަށި ފިކުރާ ދެކޮޅަށް އޮޕަރޭޝަން ހިންގަމުންނެވެ. އައްޑޫގައި ވެސް މިއަދު ހިންގި ޚާއްސަ އޮޕަރޭޝަނަކީ މިކަމާ ގުޅުން ހުރި އޮޕަރޭޝަނެއް ކަމަށް މައުލޫމާތު ލިބެއެވެ.
ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ކަށަވަރުކޮށްދީފައިވި ނަމަވެސް ހައްޔަރުކުރި މީހުންގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.