އައްޑޫ ތަރައްޤީކޮށްދޭނެ ކަމުގެ ވައުދަކީ ކޮންމެ އިންތިހާބެއްގައިވެސް ކެންޑިޑޭޓުންގެ އެންމެ ބޮޑު އެއް ވައުދެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއަށް ވުމެވެ. ކޮންމެ ސަރުކާރެއް ގެނައުމުގައި ވެސް އައްޑޫގެ ދައުރު ބޮޑުވީމައެވެ.
އިއްޔެ ހުވާ ކުރެއްވި އާ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވެރިކަމަށް ހޮވިވަޑައިގަތް އިރު ވަނީ އައްޑޫން އިންތިހާބްގެ ފުރަތަމަ ބުރުގައި ލިބިލެއްވި ވޯޓަށް ވުރެ 3686 ވޯޓު އިތުރަށް ހޯއްދަވާފައެވެ. އެމަނިކުފާން އެމްޑީޕީގެ ރިއާސީ ކެންޑިޑެޓް މުހައްމަދު ނަޝިދު އާއި ވާދަކޮށް މޮޅުވެފައިވަނީ އެންމެ 6022 ވޯޓުގެ ތަފާތުންނެވެ.
އެހެންކަމުން ޔާމީނަށް އިންތިހާބް ކާމިޔާބް ވުމުގައި އައްޑޫ ރައްޔިތުންގެ ފަރާތުން ލިބިލެއްވި 3686 ވޯޓަކީ ވަރަށް މުހިއްމު ވޯޓެކެވެ.
ދެން އޮތީ ޔާމީންގެ އާ ސަރުކާރާއި އައްޑޫގެ ތަރައްޤީގެ ވާހަކައެވެ. ޔާމީންއަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީވެސް އައްޑޫންނެވެ. ޔާމީނަށް ވެރިކަން ލިބިއްޖެނަމަ އައްޑޫއަށް އެއްވެސް ކަމެއް ކޮސް ނުދެއްވާނެކަމަށް މިހާރުވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.
ޔާމީންގެ ބޭބެ ކުރީގެ ރައީސް މައުމޫންގެ ޒައާމަތުގައި އައްޑޫގެ ތަރައްޤީ މަޑުޖެހި ކުރިއަށް ނުގެންގޮސް އޮތްވާހަކައެވެ. ވިލިނގިނލި ރިސޯޓަކަށް ހެދުމަށް 30 އަހަރު ނެގި ވާހަކައެވެ. ހުސް ވައުދުވާ ވާހަކަ އާއި އިންތިހާބުތަކާއި ދިމާކޮށް ފޮނި ހުވަފެން ދައްކާ ވާހަކައެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި އައްޑޫގައި ވަނީ ގިނަ މަޝްރޫއުތަކެއް ފައްޓަވާފައެވެ. ބައެއް ފަރާތަކުން ގަބޫލް ކުރާ ގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނަޝީދުވަނީ އައްޑޫއަށް ގިނަ ކުރިއެރުން ހޯއްދަވާދެއްވާފައެވެ. އަދި ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވުމާއި ގުޅިގެން އެކުލާވެލުނު އާ ސަރުކާރުންވެސް ވަނީ ބޮޑެތި މަޝްރޫއުތައް ހިންގެވުމަށް ފައްޓަވާފައެވެ. އެހެންކަމުން އެކަންކަން ޔާމީންގެ އާ ސަރުކާރުން އަވަސް މުސްތަގްބަލެއްގައި ކުރައްވާނެކަމަށް ގިނަ ބަޔަކު އުއްމީދުކުރެއެވެ.
ޔާމީން އާއި އެމަނިކުފާންގެ ރަނިންމޭޓް ޑރ ޖަމީލް ވަނީ ކެމްޕެއިން ތެރޭގައި ގިނަ ކަންކަމަށް އައްޑޫގައި ވައުދުވެ ވަޑައިގެންފައެވެ. އެގޮތުން ޖޫން 10 ވަނަ ދުވަހު ފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައި ޖަމީލް ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި އައްޑޫއަކީ ދެކުނުގެ ތަރައްޤީގެ މައިމަރުކަޒު ކަމަށެވެ.
"އޮނަރަބަލް އަބުދުﷲ ޔާމީންގެ ވެރިކަން ވެގެން ދާނީ ފަހުގެ ތާރީހެއްގައި ދިވެހި ރާއްޖޭގެ އެއްވެސް ތާކުން ނުފެންނަ ފަދަ ތަރައްގީ އާއި ތަހުޒީބާއި އަދި ހަމަ އެއާ އެކީގަ މާލީ ތަނަވަސް ކަމާއި ފުއްދުން ތެރިކަން އައްޑު އަށް ގެނެސް ދޭނެ ފުރިހަމަ ވެރިކަމަކަށް އަޅުގަނޑުމެން ހަދާނަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.
"އެކަން ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން ތަރައްގީގެ އަމާޒުގައި ހިމެނިފައިވާ އެންމެ މުހިއްމު އެއް ދައުރަކީ އަޅުގަނޑުމެންގެ ތަރައްގީގަ މާލެއެކޭ އެއް ފަދައިން ތަރައްގީ ކުރާ ސަރަހައްދުތަކުގެ ތެރެއިން ދެކުނުގެ ސަރަހައްދުގެ ތަރައްގީގެ މައި މަރުކަޒަކަށް މި އައްޑޫ އަޅުގަނޑުމެން ހަދާނަން."
2013 އޮގަސްޓް 31 ވަނަ ދުވަހު މިހާރުގެ ރައީސް ޔާމީން އައްޑޫއަށް ވަޑައިގެން މަރަދޫގައި ބޭއްވި ބައްލަުވުމެއްގައި ވިދާޅުވީ "އައްޑޫ ތަރައްޤީ ކުރާނީ އަޅުގަނޑު" ކަމަށެވެ.
އެބައްދަލުވުމުގައި ޔާމީން ވިދާޅުވެފައިވަނީ "އައްޑޫގެ ތަރައްގީ އަށް އެންމެ ވަރުގަދަ އަށް މަސައްކަތް ކުރާނެ މީހަކީ އަޅުގަނޑު. ތަރައްގީގެ މަޝްރޫއުގައި އިގުތިސާދީ މެނިފެސްޓޯ މިރޭ އިއުލާންވެގެންދާ އިރު އަޅުގަނޑުމެންގެ މެނިފެސްޓޯއާ ކައިރި އަށް އާދެވޭނެ ޕާޓީއެއް ނޫޅޭނެ،"
"މި އަތޮޅުގެ ތަރައްގީ އަކީ މާލެ ސަރަހައްދު ނަގާފައި އަޅުގަނޑަށް ގަބޫލްކުރެވޭ ގޮތުގައި އެންމެ ވަރުގަދަ އަތޮޅު ތަރައްގީކުރަން. މި އަތޮޅަށް ތަރައްގީ ޔަގީން. އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ދާއިރާ ފަހަނައަޅައި އެހެން ދާއިރާއަކަށް ތަރައްގީއެއް ނުދާނެ." ޔާމީން ވިދާޅުވިއެވެ.
15 ސެޕްޓެމްބަރު 2013 ވަނަ ދުވަހު މިހާރުގެ ނައިބް ރައީސް އައްޑޫއަށް ވަޑައިގެން ވިދާޅުވީ އައްޑޫގައި 5000 އެނދުގެ ރިސޯޓެއް ތަރައްޤީ ކުރައްވާނެކަމެށެވެ.
"އައްޑޫގަ މިހާރު ތަރައްގީވެފަ ހުރި ރިސޯޓްތަކުގެ އިތުރުން އައްޑޫގެ މި ބައްރުގެ މި ހިސާބުގަނޑުގައި ހިތަދޫގަ އާއި އަދި މި ސަރަހައްދުގަ ހުރި އަޅުގަނޑުމެންނަށް ފެންނަން ހުރި ޖާގައިގެ ތެރެއިން އިރާދަކުރެއްވިއްޔާ އިތުރު ރަށެއް އުފައްދައިގެން ނަމަވެސް، މަދުވެގެން 5،000 ފަތުރުވެރިންނަށް ޖާގަ ލިބޭ ފަދަ ގޮތަކަށް އަޅުގަނޑުމެން އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރާނަން." ޑރ. ޖަމީލް ވިދާޅުވި އެވެ.
މިފަދަ އެތައް ވާހަކަ ތަކެއް ވަނީ ރެކޯޑް ކުރެވިފައެވެ. މިހުރިހާ ވާހަކަ ތަކެއް ހުރި އިރު އައްޑޫގެ ސިއްހީ ހާލަތާއި، މަގުގެ ހާލަތުގެ އިތުރުން ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ނުހުއްޓި ކުރިއަށްދާން އެބަޖެހެއެވެ.
އަދި ވަހީދުގެ ސަރުކަރާއި، ނަޝީދު ސަރުކާރުން ފެއްޓެވި ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަ ވާން އެބަޖެހެއެވެ.
އާ ސަރުކާރުގެ ރައީސް ކަމަށް ޔާމީން ހުވާ ކުރެއްވުމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުންވަނީ މަރުހަބާ ކިޔާފައެވެ. ކައުންސިލުން ވަނީ އައްޑޫގެ ތަރައްޤީގެ މަޝްރޫއު ނުހުއްޓި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. މީ އައްޑޫގެ އެންމެހާ ރައްޔިތުންގެ އެދުމެވެ.