ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާ ކުރި ދައުލަތުގެ ބަޖެޓްގައި އައްޑު އަށް އެކަށީގެންވާ ބަޖެޓެއް ލިބިފައި ނުވާ ކަމަށާއި އާ ސަރުކާރުން އެކަމާ ވިސްނާވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފު ގޮވާލައްވައިފި އެވެ.
މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ލަތީފް ވިދާޅުވީ މި އަހަރު ވެސް އަދި އަންނަ އަހަަރަށް ވެސް އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރި ބަޖެޓްގައި މައިގަނޑު ގޮތެއްގައި އައްޑު އަށް ކަނޑައަޅާފައި ވަނީ ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ ބަޖެޓް ކަމަށެވެ.
ލަތީފް ވިދާޅުވީ މި އަހަރުގެ ބަޖެޓްގައި ވެސް އެކަން ހިމެނި ނަމަވެސް އެ މަޝްރޫއު ފުރިހަމަ ނުކުރެވި އޮތް އިރު، އެކަމަށް ކަނޑައެޅި ފައިސާ އަށް ވެސް ވީ ގޮތެއް ނޭނގޭ ކަމަށެވެ.
އައްޑޫގެ ބަޖެޓާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވަމުން އޭނާ ވިދާޅުވީ 32،000 މީހުންގެ އާބާދީއެއް އޮތް އައްޑު އަށް ވުރެ، އާބާދީފެ ގޮތުން ކުޑަ ސަރަހައްދުތަކަށް މާ ބޮޑެތި ބަޖެޓްތައް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންވެ މިކަން ހަމަހަމަ އުސޫލަކުން ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އާ ސަރުކާރަށް ޑީއާރްޕީ އަށް ނިސްބަތްވާ މެމްބަރު ވަނީ ގޮވާލައްވައިފަ އެވެ.
"މިކަމާ ގުޅިގެން މިދިޔަ އަހަރު ވެސް ބަޖެޓް ފާސް ކުރި އިރު އަޅުގަނޑު ބަޖެޓަށް އިސްލާހެއް ހުށަހެޅިން. އެކަމަކު މަޖިލީހުން އެ ބަލައެއް ނުގަތް. މި ފަހަރު ވެސް އެފަދަ އިސްލާހެއް ހުށަހަޅަން އަޅުގަނޑު ގަސްތު ކުރަން،" ހިތަދޫ ކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ލަތީފް ވިދާޅުވި އެވެ.
އަންނަ އަހަރަަަށް ލަފާ ކުރި 16.4 ބިލިއަން ރުފިޔާގެ ބަޖެޓްގައި އައްޑު އަށް ކަނޑައަޅާފައި ވަނީ 45.7 މިލިއަން ރުފިޔާ އެވެ.
މި އަހަރު އައްޑު އަށް ލިބިފައި ވަނީ 44 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ކައުންސިލުން ލަފާކޮށް މަޖިލީހަށް ހުށަހެޅި 159 މިލިއަން ރުފިޔާގެ ތެރެއިންނެވެ.