Last Updated: November 28, 06:03
Thursday, November 28, 2024
މުނިފޫހިފިލުވުން

ދީޕިކާ ވަރެއް ހަމަ ނެތް!

މޮޑެލް ކުރުމުގެ ތެރޭގައި ދީޕިކާ ޕަދްކޯން އެންމެ ފުރަތަމަ އެކްޓް ކުރީ މަޝްހޫރު ލަވަ ކިއުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާގެ މިއުޒިކް ވީޑިއޯއެއްގަ އެވެ.

އަދި ބޮލީވުޑަށް ނިކުތުމުގެ ކުރިން "އައިޝްވާރިއާ" ގެ ނަމުގައި ހެދި ކަންނާޑާ ފިލްމެއްގައި ދީޕިކާ ވަނީ ލީޑް ރޯލް ކުޅެފަ އެވެ.

އޭގެ ފަހުން 2007 ވަނަ އަހަރު ބޮލީވުޑްގެ ކިންގް ހާން ޝާހްރުކް ހާނާ އެކު "އޯމް ޝާންތީ އޯމް" އިން ދީޕިކާ ބޮޑު ސްކްރީނަށް ނިކުމެ ގިނަ ބައެއްގެ ސަމާލުކަން އަތުލި އެވެ.

އެ ފިލްމަށް ފަހު ބޮޑެތި ހުށަހެޅުންތައް، ބޮޑެތި މަޝްހޫރު ބެނާތަކުން އުމުރުން 27 އަހަރުގެ ދީޕިކާ އަށް އޮހެމުން ދިޔަ އެވެ.

"އޯމް ޝާންތީ އޯމް" އަށް ފަހު ދީޕީކާ ދެން ފެނިގެން ދިޔަ ފިލްމަކީ އަކްޝޭ ކުމާރާ އެކު، ނިކިލް އަދުވާނީގެ "ޗާންދްނީ ޗޯކް ޓް ޗައިނާ" އިންނެވެ.

ދީޕިކާ ޑަބަލް ރޯލް ކުޅުނު އެ ފިލްމަށް މާ ބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް، އޭގެ ފަހުން ނިކުތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަޗްނާ އޭ ހަސީނޯ" ވެގެން ދިޔައީ ވަރަށް ކާމިޔާބް ފިލްމަކަށެވެ.

އެ ފިލްމުގައި ދީޕިކާ ފެނިގެން ދިޔައީ ފަހުން އޭނާ ރައްޓެހިވެގެން އުޅުނު ރަންބީރު ކަޕޫރާ އެކުގަ އެވެ. އެކަމަކު ފަހުން އެ ގުޅުން ވަނީ ނިމުމަކަށް އައިސްފަ އެވެ. މިއީ ދިޕިކާގެ ފޭނުންނަށް ލިބުނު ވަރަށް ހިތާމަވެރި ހަބަރަކަށްވި އެވެ.

ސަބަބަކީ ދީޕިކާ އާއި ރަންބީރު ދެން އެކުގައި ސްކްރީނުން ދުވަހަކު ވެސް ނުފެންނާނެ ކަމަށް ބެލެވިފައި އޮތުމެވެ. އެކަމަކު އެއީ އޮޅުމެކެވެ. ކުށް ހީއެކެވެ. ދީޕިކާއަކީ ޕްރޮފެޝަނަލް ބަތަލާއެއްކަން އޭނާ ފަހުން ވަނީ ފޭނުންނަށް ސާބިތުކޮށްދީ އެންމެން ސިިއްސުވާލައިފަ އެވެ.
ޕްރޮފެޝަނަލް ގުޅުމާއި ޕާސަަނަލް ގުޅުން ގެންގުޅޭނެ މިންގަނޑުތައް ދީޕިކާ ވަނީ އަމިއްލަ ތަޖުރިބާއިން ވަރަށް ރަނގަޅަށް ދަސްކޮށްފަ އެވެ.

އެއީ ކުރީގެ ލޯބިވެރިޔާ އާ އެކު ކުޅެ، 100 ކްރޯޑް ކްލަބުން ވެސް ޖާގަ ހޯދި "ޔެ ޖަވާނީ ހޭ ދީވާނީ" އިންނެވެ. މިއީ މި އަހަރު ރިލީޒްވި އެންމެ ކާމިޔާބް އެއް ފިލްމެވެ.

މި އަހަރުވެގެން ގޮސްފައި ވަނީ ދީޕިކާ އަށް ފާގަތި އުފާވެރި އަހަރަކަށެވެ. ސަބަބަކީ އޭނާގެ ހަތަރު ފިލްމެއް ރިލީޒްވެ، ހުރިހާ ފިލްމެއް ވެސް ބޮޑު ކާމިޔާބީއެއް ހޯދުމެވެ. އެހެންވެ ހެޓްރިކަކަށް ވުރެ ވެސް މައްޗަށް ދީޕިކާ ވަނީ ދަތުރުކޮށްފަ އެވެ.

އެގޮތުން ޝާހް އާ އެކު ދީޕިކާ ކުޅުނު ދެވަނަ ފިލްމް "ޗެންނައި އެކްސްޕްރެސް" ވެގެން ދިޔައީ މި އަހަރު ބޮކްސް އޮފީހުގައި ގިނަ އާ ރެކޯޑްތަކެއް ހެދި ފިލްމަކަށެވެ. މީގެ އިތުރުން އަހަރުގެ ކުރީކޮޅު ރިލީޒްވި "ރޭސް 2" އަކީ ވެސް 100 ކްރޯޑް ކުލަބުގެ ފިލްމެކެވެ.

އަދި މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ރާމް ލީލާ" ވެސް އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. މިއީ ދިޕިކާ އާއި ރަންވީރު އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ. ޑައިރެކްޓަރަކީ އެފަދަ ދެވަނައެއް ނެތް، ސަންޖޭ ލީލާ ބަންސާލީ އެވެ.

މި ހުރިހާ ފިލްމްތަކަކާ އެކު މިހާރު ވެސް ބެލެވެނީ އަހަރުގެ ގިނަ އެވޯޑް ހަފުލާތަކުގައި އެންމެ މޮޅު ބަތަލާގެ މަގާމު ދީޕިކާ ކަށަވަރު ކުރާނެ ކަމެވެ.

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. "ރާމް ލީލާ" ގައި އޭނާ ދައްކުވައި ދީފައިވާ އެކްޓިިން އާއި "ޗެންނައި އެކްސްޕްރެސް" ގެ އާދަޔާހިލާފް ރޯލާއި "ޔެ ޖަވާނީ ހޭ ދީވާނީ" ގައި އޭނާ ދައްކުވައި ދީފައިވާ މޮޅު އެކްޓިން ވަނީ އެންމެންގެ ހިތުގައި ވެސް ބިންވަޅު ނެގިފަ އެވެ.
އަނެއްކޮޅުން ދީޕިކާގެ ކެރިއާ ގްރާފަށް ކްރިޓިކުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށް، އޭނާގެ ހުނަރާ ދޭތެރޭ ސުވާލް އުފެއްދޭނެ ޖާގައެއްް ނެތް ކަމަށް ބުނެފަ އެވެ.

ދީޕިކާގެ ކުރިއަށް ވެސް ހުރީ އުންމީދީ ފިލްމްތަކެކެވެ. އޭގެ ތެރޭގައި އަންނަ އަހަރު ރިލީޒް ކުރާ، ދީޕިކާގެ ކާފަ އުމުރުގެ ރަޖްނީ ކާންތު އާ އެކު ކުޅުނު "ކޮޗަދައްޔާން" އާއި ޝާހް އާ އެކު ކުޅޭ ފަރަހް ހާން ޑައިރެކްޓް ކުރާ "ހެޕީ ނިއު އިޔާ" ހިމެނެ އެވެ.

މީގެ އިތުރުން ހޯމީ އަދަޖާނިއާގެ "ފައިންޑިން ފެނީ ފެނާންޑޭޒް" އާއި އަދި ރަސްމީކޮށް އިއުލާން ނުކުރާ ބައެއް ފިލްމްތައް ހިމެނެ އެވެ.

މީގެ ތެރެއިން އެއް ފިލްމަކީ އާއިލީ ލޯބީގެ ފިލްމްތައް އުފެއްދުމުގައި ދެވަނައެއް ނެތް ސޫރަޖް ބަރްޖަތިއާގެ "ބަޅޭ ބެއްޔާ" އެވެ. އެ ފިލްމަށް ދީޕިކާ ސޮއިކޮށްފިކަން ކަށަވަރުވެއްޖެ ނަމަ އެއީ ސަލްމާން ހާނާ އެކު އޭނާ ކުޅޭ ފުރަތަމަ ފިލްމެއް ވާނެ އެވެ.

މި ހުރިހާ ސަބަބަކާ ހުރެ ގަބޫލް ކުރަން ޖެހޭ ހަގީގަކީ ހަމަ ދީޕިކާ ވަރެެއް ނެތް ކަމެވެ. ފިލްމީ އެއްވެސް ކަމަކާ ގުޅުމެއް ނެތް އާއިލާއަކުން ނިކުމެ، ވާދަވެރި ބޮލީވުޑްގައި މި ވަރުގެ ކާމިޔާބީއެއް ހާސިލް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް އަންހެން ތަރިއަކަށެވެ.
އެކަމަކު ދީޕިކާ ވަނީ އޭނާގެ ބުރަ މަަަސައްކަތާއި ހުނަރުވެރިކަމުން އެންމެންގެ ހިތުން ހާއްސަ ޖާގަައެއް ހޯދައިފަ އެވެ. އެކަމަށްޓަކައި އޭނާ އަށް ސެލިއުޓް ވެސް ނަގަން ޖެހެ އެވެ.

އޭނާއަކީ ބޮލީވުޑްގެ މިހާރުގެ އެއް ނަމްބަރު ބަތަލާ އެވެ. ގިނަ އޮފާތަކެއް އޮހެމުން އަންނަ އެންމެ ނުފޫޒް ގަދަ ބަތަލާ އެވެ. މަޝްހޫރު ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ތިބީ، ދީޕކާ އެ މީހުންގެ ފިލްމްތަކަށް ގެންނަން ކިއު ހަދައިފަ އެވެ.

ދީޕިކާގެ ކެރިއަރުގެ ކުރީކޮޅުގައި އޭނާ ކުޅުނު އިތުރު ފިލްމްތަކުގެ ތެރޭގައި "ލަފަންގޭ ޕަރިންދޭ"، "ހައުސްފުލް" ގެ އިތުރުން "ދޭސީ ބޯއިސް"، "ކޭލޭ ހަމް ޖީ ޖާންސޭ"، "ލަވް އާޖް ކަލް"، "އާރަކްޝަން" އަދި "ކޮކްޓެއިލް" ފަދަ ފިލްމްތައް ހިމެނެ އެވެ.