ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްދުފަހަނައެޅި އަމަލުތަކާ ދެކޮޅަށް އެންމެން ވެސް އެއްބައިވަންތަވާން ޖެހޭ ކަމަށާއި މިއީ ގައުމުގެ ދަރީންގެ މުސްތަގުބަލަށްޓަކާ ނަމަވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާގެ އެންމެ ފުނަށް ދިޔުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
As a nation we hv to rise against this threat that will tear our nation apart. We have to stay united against extremism. This is not about political parties but about the future of our children.
As chair of 241 committee I assure to do my best to get to the bottom of this attack.— Mohamed Aslam (@aslamdp) May 15, 2021
މި މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ ޓީމެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައި އެ ކޮމިޓީން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
މިފަދަ ކޮމިޓީއެއް އެކުލަވާލާފައިމިވަނީ ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް އެރުވި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން މާރިޔާގެ އިސްތިއުފާ އަށް ގޮވާލާ އަޑުތައް ވަނީ ގަދަވާން ފަށާފައެވެ.
އިލްޔާސް މިހެން ވދާޅުވިއިރު ނަޝީދުގެ ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު ވެސް ވަނީ ނުރައްކާ ބޮޑުވަމުންދާ ވާހަކަ ނަޝީދު އާއިލާއާ ހިއްސާކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އާއިލާއާ ނަޝީދު ހިއްސާކުރައްވާފައި ނުވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ގިނަ ޒަހަމްތަކެއް ލިބިފައިވާއިރު، އޭޑީކޭ އިން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ގެންދެވިފައެވެ.