އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އައްޑޫ ހައި ސްކޫލް ހޯލުގައި ބޭއްވުމަށް ނިންމައި ތައްޔާރީތައް ވާން ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުން ހުވާގެ އިގްރާރުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު އައްޑޫ ހައި ސްކޫލް ހޯލްގައި ކަމަށެވެ.
އައްޑޫގައި ކޮވިޑު ފެތުރެމުންދާތީ ކައުންސިލަރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މިހާރުގެ ކައުންސިލަރުންގެ އިތުރުން ދައުވަތުދީފައިވަނީ އަވަށު އޮފީސް ތަކުގެ ޑިރެކްޓަރުންނަށް ކަމަށެވެ. މި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ މުވައްޒަފުން ވެސް ބައިވެރި ނުވާނެކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ހުވައިގެ ރަސްމިއްޔާތަށް ފަހު އާ ކައުންސިލްގެ ފުރަތަމަ ޖަލްސާ ކުރިއަށް ގެންދާނެއެވެ. މި ޖަލްސާގައި އައްޑޫ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ވޯޓު ކައުންސިލަރުންގެ މެދުގައި ކުރިއަށް ގެންދާނެއެވެ. މި ވޯޓުގެ ކަންތައް ކުރިއަށް ގެންދާނީ ކައުންސިލްގެ ޒިއްމާދާރު ވެރިޔާގެ ބެލުމުގެ ދަށުންނެވެ.
އައްޑޫ ކައުންސިލަށް މިފަހަރު އިންތިހާބުވެފައިވަނީ އެމްޑީޕީގެ ހަ ކައުންސިލަރުންނާއި ޕީޕީއެމް 3 ކައުންުސިލަރުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި 3 ކައުންސިލަރުންނެވެ. މޭޔަރަކަށް ހޮވިވަޑައިގަތީ އެމްޑީޕީން ވާދަކުރެއްވި އަލީ ނިޒާރެވެ.