އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކު ހޮވުމަށް ކައުންސިލަށް އިންތިހާބުވި އެމްޑީޕީ ކައުންސިލަރުންގެ ސިއްރު ވޯޓެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިރޭ 9.30 ގައި އެމްޑީޕީ ހިތަދޫ އޮފީހުގައި ބާއްވާ ސިއްރު ވޯޓުގައި އައްޑޫ ކައުންސިލަށް އެމްޑީޕީން އިންތިހާބުވި 6 ކައުންސިލަރުންނާއި މޭޔަރު އަލީ ނިޒާރު ވޯޓު ލުމަށް ހަމަޖެހިފައެވެ.
އެމްޑީޕީން ވަނީ ކައުންސިލަރުންގެ ނައިބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް އާއި ނައިބް ރައީސް ހޮވުމަށް އަމަލު ކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅާފައެވެ. އެގޮތުން ސިޓީ އަދި ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ އިންތިހާބުގެ ކެމްޕެއިން ޓީމާއި ރަށުގެ އެމްޑީޕީ ލީޑާރޝިޕް އަދި އިންތިހާބުވި ކެންޑިޑޭޓުންގެ މެދުގައި މެދުގައި ހޮވާ އެއް ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ވިޕް ލައިނެއް ނެރުމަށް ވަނީ އަންގާފައެވެ. އަދި މިގޮތަށް ހޮވޭ ފަރާތް ނޫން އެހެން ފަރާތްތަކުން ޑެޕިއުޓީ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް އަދި ނައިބް ރައީސްގެ ގޮތުގައި ނަން ހުށަނޭޅުމަށް ޕާޓީން ވަނީ އަންގާފައެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގެ ޑެޕިއުޓީ މޭޔަރުކަމަށް ހަތަރު ކައުންސިލަރުން ވަނީ ޝައުގިވެރިކަން ފާޅުކޮށްފައެވެ. އެއީ ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު މޫސާގެ އިތުރުން މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު އާއި ރަސްގެދަރަ ދާއިރާގެ ކައުންސިލަރު ހުސެއިން ޒަރީރުގެ އިތުރުން ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިޒުއް ރަހްމާނުއެވެ.
އައްޑޫ ކައުންސިލްގެ ހުވާ ކުރުމުގެ ދަރުބާރު މާދަމާ ހެނދުނު 10:00 ޖަހާއިރު އައްޑޫ ހައި ސްކޫލް ހޯލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ކައުންސިލަރުން ހުވާ ކުރުމަށް ފަހު ކައުންސިލްގެ ފުރަތަމަ ޖަލްސާ ވަގުތުން ބާއްވައި އައްޑޫގެ ޑެޕިއުޓީ މޭޔަރަކު ހޮވުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ.