އިންޑިއާގެ މަތީ ދަރަޖައިގެ ވައިރޮލޮޖިސްޓެއް ކަމަށްވާ ޝާހިދު ޖަމީލް ސަރުކާރާއި ޚިޔާލު ތަފާތުވެ އޭނާ އައްޔަންކޮށްފައި ހުރި ޕެނަލުން އިސްތިއުފާ ދީފިއެވެ.
ޝާހިދަކީ ސަރުކާރުގެ ފަރާތުން އިންޑިއާގައި މިހާރު ފެތުރެމުންދާ ކޮރޯނާގެ ވޭރިއަންޓާއި ބެހޭގޮތުން ދިރާސާ ކުރުމަށް އެކުލަވާލި ޕެނަލްގެ ޗެއާމަންއެވެ. މި ޕެނަލަށް ކިޔާފައިވަނީ އިންސާކޮގް(އައިއެންއެސްއޭސީއޯގީ) އެވެ. އޭނާ މަޤާމުން އިސްތިއުފާދިން ސަބަބުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮރޯނާގެ ބާރުގަދަ ނުރައްކާ ވައްތަރެއް އިންޑިއާގައި ފެތުރޭނެ ކަމަށް ބެލެވޭ ކަމަށް އެ ޕެނަލުން ވަނީ ސަރުކާރަށް އަންގާފައެވެ. އިންޑިއަން ވޭރިއަންޓަކީ މިހާތަނަށް ދުނިޔެއިން ފެނުނު ކޮރޯނާގެ އެންމެ ނުރައްކާ ވޭރިއަންޓް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ވޭރިއަންޓް އެކި ޤައުމުތަކުން ވެސް ވަނީ ފެންނަން ފަށާފައެވެ.
ޝާހިދާއި ހަވާލާދީ ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި އިންޑިއާގެ ސަރުކާރުން ކޮރޯނާ ހުއްޓުވުމަށް ޕޮލިސީތައް އެކުލަވާލުމުގައި އެހާ ފަރުވާތެރިވާތަނެއް އޭނާއަށް ނުފެނެއެވެ. ގިނަ މީހުން އެއްވުން ހުއްޓުވުން ފަދަ ކަންކަމުގައި ސަރުކާރުން އަމަލު ކުރަނީ އެފަދަ ދަނޑިވަޅެއްގައި އެންމެ އެދެވޭ ގޮތެއްގައި ނޫންކަމަށް އޭނާ ދެކޭ ކަމަށް ވެސް ޝާހިދު ވަނީ ބުނެފައެވެ.
ޕެނަލުގެ އެހެން މެމްބަރަކާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝާހިދާއި އިންޑިއާގެ ސަރުކާރާއި ދެމެދު ޕެންޑަމިކްގެ ހާލަތާއިގުޅިގެން ވަރަށް ބޮޑަށް ވަނީ ދެބަސްވުން އައިސްފައެވެ. އަދި އޭނާ މަޤާމް ދޫކޮށްލި ސަބަބަކީ އެއީ ކަމަށް ބެލެވޭ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.