އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު އައްޔަނުކޮށްފިއެވެ.
ޝުއާއު ޑެޕިއުޓީ މޭޔަރު ކަމަށް އައްޔަނުކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ އައްޑޫސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައެވެ.
ޑެޕިއުޓީ މޭޔަރުކަމަށް ޝުއާއުގެ އިތުރުން ދެން ވާދަ ކޮށްފައިވަނީ އާމިނަތު އަދާލާ ރަޝީދު އަދި މުހައްމަދު ފައިސަލްއެވެ. ޝުއާއު ޑެޕިއުޓީ މޭޔަރު ކަމަށް އައްޔަނު ކޮށްފައިވަނީ އަށް ވޯޓުންނެވެ. ދެން ވާދަކުރެއްވި އަދާލާ ރަޝީދަށް އެއް ވޯޓު ލިބުނު އިރު މުހައްމަދު ފައިސަލް އަށް ލިބުނީ ތިން ވޯޓެވެ. އަދި އެއް ވޯޓު ބާތިލު ވެފައިވެއެވެ.
އައްޑޫސިޓީ ކައުންސިލަށް އިންތިހާބުވި މެމްބަރުންނާއި މޭޔަރު މަގާމުގެ ހުވާ ކުރައްވާފައިވަނީ މިއަދު ހެނދުނު 10:00 ގައި އައްޑޫ ހައި ސްކޫލުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.
މޭޔަރުގެ ގޮނޑިއާ ނުލާ އައްޑޫސިޓީގައި 12 ގޮނޑި އިންނައިރު އެމްޑީޕީއަށް ލިބިފައިވަނީ އޭގެ ތެރެއިން 6 ގޮނޑިއެވެ. ޕީޕީއެމަށް ތިން ގޮނޑި ލިބިފައިވާއިރު އަމިއްލަ ތިން މެމްބަރުން އިންތިހާބު ކާމިޔާބު ކޮށްފައިވެއެވެ.