އައްޑޫގައި ހައްލު ކުރަން ޖެހޭ ގިނަ މައްސަލަތައް އެބަހުރި ކަމަށާއި، އެކަންކަން ހައްލު ކުރުމަށް ކައުންސިލްގައި ހުރީ މަދު ވަސީލަތްތަކެއް ކަމަށް އައްޑޫގެ އާ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އާ ކައުންސިލަރުންގެ ހުވާ ކުރުމަށްފަހު މިއަދު ބޭއްވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫގައި ހައްލު ކުރަން ޖެހޭ ގިނަ މައްސަލަތައް ހުރިކަމަށެވެ. އެގޮތުން އިގްތިސާދީ އިޖްތިމާއީ އަދި މުނިސިޕަލް ގިނަ މައްްސަލަތައް ހުރިކަމަށް ނިޒާރު ވިދާޅުވިއެވެ.
އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ހިދްމަތް ދިނުމަށް ކައުންސިލްގައި ވަސީލަތްތައް މަދުކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވީ އާ ކައުންސިލްގެ އަމާޒަކަށް ވާންވީ އާމްދަނީ ހޯދޭނެގޮތް ބަލައި ކައުންސިލްގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދްމަތް ދޭނެ ވަސީލަތް ހޯދުމަށް ކަމަށެވެ.
އެގޮތުން ހުރިހާ ކައުންސިލަރުންގެ ވިސްނުން ބަހައްޓަންވީ ދައުލަތުގެ ބަޖެޓުން ކައުންސިލަށް ލިބޭ 5 ޕަސެންޓާއި، ކައުންސިލް ހިންގުމުގެ ބަޖެތުގެ އިތުރުން އާ ވިސްނުން ތަކާއި އެކު ކައުންސިލްގެ އާމްދަނީ އިތުރު ކުރެވޭނެ މަގު ހޯދުމަށް ކަމަށެވެ.
އައްޑޫގެ ވިޔަފާރިވެރިންނާއި، ފަންނުވެރިންނަށް އަމާޒު ކުރައްވައި ނިޒާރު ވިދާޅުވީ އެ ފަރާތްތަކުގެ ލަފާ އާއި މަޝްވަރާ ކައުންސިލަށް ބޭނުން ކަމަށެވެ.
ކޮވިޑުު-19 އާއި ގުޅިގެން އައްޑޫ ކައުންސިލުން ހިންގަން ރާވާފައިވާ ގިނަ ކަންކަމަށް ހިޔަނި އެޅިފައިވާ ކަން ފާހަގަ ކުރައްވަމުން ނިޒާރު ވިދާޅުވީ މި ކައުންސިލްގައި ތްފާތު ތަޖްރިބާ ލިބިލައްވާފައި ތިބި ގާބިލް ބޭފުޅުން ތިއްބެވި ކަމަށާއި، ރައްޔިތުން ބޭނުންވާ ތަފާތު މި ކައުންސިލުން ގެނެސްދޭނެ ކަމަށެވެ.
އައްޑޫގެ ހުރި މައްސަލަތަކަށް ޖުމްލަކޮށް އަލިއަޅުއްވައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ރައްުޔިތުންނާއި ގާތުން މަސައްކަތް ކޮށް އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ.