Last Updated: November 28, 06:03
Thursday, November 28, 2024
ރިޕޯޓް

ޔާމީންގެ ފުރަތަމަ 100 ދުވަހާއި އައްޑޫގެ ހުވަފެން

ރައީސް ޔާމީން އައްޑޫގެ ކުދިންތަކަކާ ސަމާސާ ކުރައްވަނީ. ފޮޓޯ/ ޕީޕީއެމް

ނޯޓް: މިއީ "ވޮއިސް އޮފް މީދޫ" ގައި ނޮވެމްބަރު 19 ގައި ޝާއިއުކޮށްފައިވާ ލިއުމެކެވެ. "އައްޑޫ ލައިވް" ގެ ކިއުންތެރިންނަށް ވަރަށް މުހިއްމު ލިއުމެއް ކަމަށް ފެންނާތީ މި ސައިޓްގައި ޝާއިއު ކުރީ އެވެ. ކިއުންތެރިން އިންސާފުކޮށްލައްވާށެވެ.
******************************************************************

ލައްކަ ސަކަރާތް ޖެހިއްޖެ އެވެ. ސިޔާސީ ގޮތުން މީހުން ކަތިލައި، ދިވެހި ސަލާމަތީ ބާރުތަކާއި، މިނިވަން މުއައްސަސާތަކުގެ އަގު ވައްޓާލެވިއްޖެ އެވެ.

ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ މީހުންގެ އަނބިންނަށް ގޯނާ ކުރަންވެސް ފެށިއްޖެ އެވެ. ޖުމުލަކޮށް 2008 ގައި ފެށުނު ރިޔާސީ ދައުރު ފެށުނީއްސުރެ 7 ފެބްރުއަރީ އާއި ހަމައަށްވެސް ފެނިގެން ދިޔައީ މަގުމަތީގެ ކުދިންކޮޅެކެވެ. އަދި 7 ފެބުރުއަރީގެ ފަހުން ވެސް ތަފާތު ސިޔާސީ ޑްރާމާތައް ފެނިގެން ގޮސްފައިވެ އެވެ.

ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރަކަށް އައްޑުއަތޮޅު ރައްޔިތުންގެ ވޯޓު މުހިންމުވެއެވެ. އައްޑޫ ރައްޔިތުން ބުރަވާ ކޮޅެއް ބަލަން ނޭވާ ހިފަހައްޓާލަން ޖެހެ އެވެ.

ސަބަބަކީ މާލެ ނުލައި ރާއްޖޭގެ އާބާދީ އެންމެ އާބާދީ ބޮޑު އަތޮޅަކީ އައްޑޫ ކަމަށްވުމެވެ. އަދި މާލެ ފިޔަވައި ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ލިބިފައިވާ އަތޮޅަކީ ވެސް އައްޑު އަތޮޅަށްވުމެވެ.

ދިމާވީ އެކިއެކި ސިޔާސީ ނުކަސިޔާރު ކަންތައްތަކާއިހެދި 11 ނޮވެމްބަރު 2013 ގައި އައު ރިޔާސީ ދައުރެއް ނުފެށުނު ނަމަވެސް 17 ނޮވެމްބަރ 2013 ވަނަ ދުވަހުވަނީ އައު ރިޔާސީ ދައުރެއް ފަށާފަ އެވެ. އެއީ 2008 ގެ ރިޔާސީ ދައުރަށް ފަސް އަހަރާއި ހަ ދުވަސް ފަހުންނެވެ.
މި ސަރުކާރުގެ ރައީސަކަށް ދިވެހި ރައްޔިތުންގެ ފުރިހަމަ އަޤުލަބިއްޔަތުން އިންތިޚާބުކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީގެ ފަރާތުން ނިކުންނެވި ރިޔާސީ ކެންޑިޑޭޓް އަލްފާޟީލް ޔާމީން ޢަބްދުލް ޤައްޔޫމްއެވެ. އަދި އޭނާގެ ނާއިބަށް ޑަކްޓަރު މުޙައްމަދު ޖަމީލު އަހުމަދެވެ.

މި ދެ ބޭފުޅުން ހުވާ ކުރެއްވުމާ އެކު މި ދެ ބޭފުޅުން ރައްޔިތުންނަށް ކުރެއްވި ވަޢުދުތައް މަތިން ހަނދާންކޮށްލަން ޖެހެ އެވެ.

ވަކިން ޚާއްޞަކޮށް މި ދެ ބޭފުޅުންގެ ޒުވާންކަމާ އެކު މި ދެ ބޭފުޅުންނަށް ކުރެވޭ އުއްމީދު ބޮޑެވެ. ސުވާލަކީ މި ދެ ބޭފުޅުންގެ ވަޢުދުތައް ތަންފީޒުވެގެން ދާއިރު އައްޑު އަތޮޅަށް އަންނާނެ ކުރިއެރުމާ މެދުގަ އެވެ.

* ދެކުނުގެ ތަރައްޤީގެ މައި މަރުކަޒު:

މިހާރު ރައީސުލް ޖުމްހޫރިއްޔާގެ ނާއިބް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ކެމްޕޭން ދަތުރު ފުޅެއްގައި 10 ޖޫންގައި، ފޭދޫގައި ވިދާޅުވެފައި ވަނީ އައްޑުއަތޮޅަކީ ޕީޕީއެމްގެ ސަރުކާރެއްގައި ސަރަޙައްދީގެ ތަރައްޤީގައި ދެކުނު ތަރައްޤީގެ މައި މަރުކަޒު ކަމަށް ހައްދަވާނެ ކަމަށެވެ.
ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތައް ބަލަހައްޓާ އޮފީސް(ދެކުނު) މި ނަމުގައި ޔާމީންގެ ބޭބޭފުޅުގެ ވެރިކަމުގައި އައްޑުއަތޮޅު ހިތަދޫގައި ޢިމާރާތްކޮށް ހިންގަންފެށި އެވެ.

މިއީ އޭ.ޑީ.ބީ.ގެ ވަރަށް ބޮޑު ލޯންއެހީ އަކުން ފެށި މަސައްކަތެކެވެ. މި މަޝްރޫޢު ނިމި އޮފީސް ޢިމާރާކޮށް އޮފީސް ހުޅުވުން ފިޔަވައި މާގިނަ އިތުރު މަސައްކަތްތަކެއް ނުކުރެވެ އެވެ. އޭރު ހުރި ޕްލޭނިންގ މިނިސްޓްރީގެ ފައިލްތަކުގައި މި އޮފީހުގެ މަސައްކަތްތައް ލިޔެ ފައިލްކުރުން ނޫން އިތުރު އެއްވެސް ކުރިއެރުމެއް ލިބުނު ކަމެއް ފާހަގަ ނުރެވެއެވެ.

އޮފީހަކީ ފަންނީ އޮފީހަކަށްވީ ހިނދު ވެސް، އޮފީހުގައި މަސައްކަތް ކުރާގެ ޤާބިލް މީހުންނެއް ނުއުފެއްދެއެވެ. އަދި މަސައްކަތް ކުރާނެ އެކަށީގެންވާ ބަޖެޓެއް ނުލިބުނުއިރު، މަސައްކަތް ކުރާނެ ވަސީލަތްތައްވެސް މުޅިން ހަމަޖެހިގެންނެއް ނުދާކަން ފާހަގަކުރެވެއެވެ.މިހާރު މިޢިމާރާތުގައި ހިގަމުންދަނީ އައްޑުއަތޮޅު ސިޓީ ކައުންސިލްގެ އޮފީހެވެ.
ސުވާލަކީ ދެކުނު ތަރައްޤީގެ މައިމަރުކަޒަށް ވެގެންދާއިރު މި ސަރަޙައްދުގައި ހިމެނެނީ ކޮންކޮން އަތޮޅުތަކެއްތޯއެވެ. އަދި މި އަތޮޅުތަކަކީ "ފަސްޓް ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ކޮންސެޕްޓާއި އެއްގޮތަށް ހުވަދުއަތޮޅު ދެބުރިއާއި، ނާއިބް ރައީސްގެ ފުވައްމުލައް ހިމެނިގެންދާނެބާވައެވެ. ހަޤީގަތަކީ މި ތިންއަތޮޅު ނުހިމަނައި އެކަށީގެންވާ އިޤްތިޞާދެއް މި ސަރަޙައްދުގައި ނުއޮންނާނެ އެވެ. އަދި މިއަތޮޅު ތަކުގެ މީހުންނަށް އިތުބާރާއި ޔަޤީންކަމާއެކު ދަތުރުފަތުރުން ގުޅާލެވިގެން ނޫނީ މި އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ދެމި ނުއޮންނާނެ އެވެ.

* ޓްއަރިޒަމްގެ ސިނާޢަތާއި ވަޒީފާގެ ފުރުސަތުތައް:

ފުވައްމުލަކަށް އުފަން މިހާރުގެ ނާއިބްރައީސް 15 ސެޕްޓެމްބަރު 2013 ވަނަ ދުވަހު ވަނީ އައްޑޫ އަތޮޅުގައި 5،000 އެނދު ތަރައްޤީ ކުރައްވާނެކަމަށް ވަޢުދު ވެވަޑައިގަންނަވާފައެވެ.

މިއީ އައްޑު އަތޮޅުގެ ޒުވާނުންނާއި ސަރަޙައްދުގެ ޒުވާނުންނަށް ވަޒީފާ ހުޅުވިގެންދާނެ އުއްމީދެކެވެ. ހަންކެޑެ ސިންގަޕޫރު ކުންފުންޏަކާއި ޙަވާލު ކުރެވިފައި ވިޔަސް އަދިވެސް އެތަނުގެ މަސައްކަތް ނުފެށެއެވެ.
ހެރަތެރެ އޮތީ ހުހަށެވެ. އެމް.ޓީ.ޑީ.ސީ.ގެ ބޯޑުގައި ޤާބިލް ޑިރެކްޓަރުން ނެތްތަނުގައި ކުންފުނި އޮތީ ވެންޓިލޭޓަރަށްލާފައި އައި.ސީ.ޔޫ.ގައެވެ. މި އަތޮޅުގެ ސްކޫލުން ނިކުންނަ ކުދިންނަށް ކެރިއަ ގައިޑެންސް ޕްރޮގްރާމެއްހާ ހިސާބު ވެސް މިއިން ޒަމާނަކު ހިންގިފައެއް ނެތެވެ. ހުސް އެއްވައްތަރެއްގެ ވަޒީފާ އުފެއްދުމަކީވެސް ތަރައްޤީއަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.

އެހެނަސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމް.ޓީ.ޑީ.ސީ. ނިދިންހޭލައްވާލައި ހެރެތެރެއަށް ހަމަ އިސްކޮޅަށް ދެމިގެން ނޫނީ ލޯކަލް ކައުންސިލް އިންތިޚާބާއި، ޢާންމު އިންތިޚާބުން ރަގަޅު ކާމިޔާބީއެއް ޕީ.ޕީ.އެމް.އާއި އަދި ގުޅިފައިވާ ފަރާތްތަކަށް ލިބުމަކީ ދުރުކަމެއްކަމުގައި ދެންނެވިދާނެ އެވެ.

އަދި ހަންކެޑެ ބުރެކި ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެތަން ތަރައްޤީކުރުން މެކުހަށް މި ދީބުގެ އަދީބުގެ މިނިސްޓްރީން ބުރަ މަސައްކަތްތަކެއް ކުރާތަން އިންތިޚާބުތަކުގެ ކުރިން އައްޑުއާއި ސަރަޙައްދު އޮތީ ފިސާރި ކެރިގެން ބަލާށެވެ.

* ގަން އެއަޕޯޓް ފުރިހަމަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް:

ޔާމީން ކުރީގައި ޗެއަމަންކަން ކުރެއްވި އެސް.ޓީ.އޯ. ހިމެނޭގޮތަށް ގަން ތަރައްޤީ ކުރުމަށް ވަނީ "ގަން އެއަޕޯޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް" އުފައްދަވާފަ އެވެ.

މި ކުންފުނި އުފެދިގެންއައި އިރު ޔާމީނަށް އިންތިޚާބު ކަށަވަރު ކުރެއްވުމަށް ތާޢީދު ކުރެއްވި މަހުޖަނު ޤާސިމް އިބްރާހިމްގެ "ރެސިސްޓެންސް" ވަރަށް ބޮޑުކަން ފާހަގަ ކުރެވިފައިވެ އެވެ.

އަދި ވަޙީދުގެ ސަރުކާރުން ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ޤާސިމް އިބްރާހިމްގެ ކުންފުންޏަކަށް ގއ.ކާޑެއްދޫ ހިންގުން ވަނީ ޙަވާލު ކުރައްވާފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން އެންޑޯސްކޮށްފައިވާ އައްޑު ނއަތޮޅުގެ ތަރައްޤީގެ ތަޞައްވުރު "އައްޑޫވިޝަން" ގައިވާ ގޮތަށް ގަން އެއަޕޯޓް ތަރައްޤީ ކުރަނީ ސީޕްލޭން ބޭސްއަކާއި އެއަރބަސް މަރުކާގެ ބޮޑެތި ބޯޓު ފަހަރުވެސް ޖެއްސޭގޮތަށެވެ.އަދި ދުނިޔޭގެ އެންމެ ފެންވަރު ރަގަޅު އެއަޕޯޓްތަކުން ލިބިދޭ ޚިދުމަތްތައް ގަމުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުން ލިބޭނެ ފަދަ ޕްލޭންތައް ވަނީ އެކުލަވާލާފައެވެ. ފާހަގަ ކުރެވޭ އަނެއްކަމަކީ ގަމުގައި "ފްލައިން" ސްކޫލެއް ވެސް ހިންގާކަމެވެ. މި ތަނަކީ ގަން އެއަޕޯޓް ތަރައްޤީވެގެން ދާއިރު ހިމާޔަތް ކުރެވޭތަކަނަށް ވާން ޖެހެ އެވެ.

ޔާމީން ސަރުކާރުގެ ފުރަތަމަ 100 ދުވަހު އައްޑު އަތޮޅު ގަމުގެ އެއަރޕޯޓުގެ މަސައްކަތް މަޑު ނުޖެހި ހަލުވި ކަމާއެކު ކުރިއަށް ގެންގޮސް، މަސައްކަތްތައް ނިންމަން އޮތް ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެން ގޮސް ނިންމަން ޖެހެ އެވެ. އަދި ގަން ތަރައްޤީވެ ފައްކާވުމުން ރާއްޖޭގެ އެތައް ޒުވާނުންނަކަށް އަމިއްލަ އުފަލުގައި ދިރިއުޅެވޭނެ ކަމުގެ އުއްމީދު ބޮޑެވެ.

* ފެނާއި ނަރުދަމާ އަދި މަގުތައް:

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ ޤަބޫލު ކުރާ ގޮތުންނާއި އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޤަބޫލު ކުރާ ގޮތުގައި ފެނާއި ނަރުދަމާއަކީ އަސާސީ ޙައްޤެކެވެ.

ޔާމީނުގެ ބޭބެގެ ރަން ތިރީސް އަހަރުގައި މިއަތޮޅުގައި ބޯފެން ރައްކާކުރުމަށް މަސައްކަތްތަކެއް ކުރެވުނެވެ. އެހެނަސް އެމަޝްރޫޢުގެ ފައިދާ އެންމެ އާދައިގެ ރައްޔިތު މީހާއަށް ނުލިބުނުތަނުގައި ނަރުދަމާގެ މަސައްކަތްތަކަށް އެކިއެކި މަޝްރޫޢުތަކުން ތަންފީޒު ކުރަންއުޅު އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހުނެވެ.

ނަޝީދުގެ ސަރުކާރުގައި ވެސް މިއަތޮޅުގެ ރައްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ޤާއިމުވާނެކަމަށް ބެލެވުނަސް ފެނިގެން ދިޔައީ ސަރުކަރުގެ ފައިސާއިން "ފަސާދަކޮށް" މަޝްރޫޢުތަކާއި ހަވާލުވެ ތިއްބެވި ފަރާތްތަކުން އަމިއްލަ މަސްލަޙަތު އިސްކޮށް މުއްސަދިވުމަށް މަސައްކަތް ކުރަމުން ދިޔަކަމެވެ.

ޖުމުލަކޮށް މުޅި ރާއްޖޭގެ ގިނަ ރަށްރަށުގެ ފެންފަށަލަ އޮތީ ތަޢައްޔަރުވެފަ އެވެ. މާނައަކީ ވެރިމީހާ މިނަރަލް ވޯޓަރ އިން ފެންވެރިޔަސް، ނިމަކެތި ރައްޔިތު މީހާ ފެންވަރައި،ކައްކައި، ބޮއެ ހަދަނީ ނަޖިސް ފެނެވެ.

އައްޑު އަތޮޅަކީ ގުޅިފައިވާ ރަށްތަކެއް އޮތް އަތޮޅަކަށް ވާތީ އެކަށީގެންވާ މަގުތައް ބޭނުންވެ އެވެ. މިހާރު "ލިންކް ރޯޑް" ވެފައި ވަނީ "މަރުގެ މަގަ" ށެވެ.

މި މަގު ގޮވައި އާދޭސް ކުރަނީ ބޮޑު މަރާމާތަކަށެވެ. ފޭދު އާއި، މަރަދު އާއި މަރަދޫފޭދޫ ގުޅިފައިވާ މަގު އެކުވެރި ކޮޅުނބުގެ ސަރުކަރުންވަނީ ދާދި ފަހުން ހިލޭ އެހީގައި ހަދާ ދީފަ އެވެ.

އެހެނަސް އަތޮޅުގެ ހުޅުދު އާއި މީދޫގެ މަގުތައް އަދިވެސް އޮތީ އޮތްގޮތަށެވެ. ގުޅިފައިވާ ރަށްތަކުގެ ހަދާފައިވާ މަގުތައް ފިޔަވައި ދެން ހުރި ހުރިހާ މަގުތައް ވަޙީދުގެ ސަރުކާރުން ރިބަން ކެނޑި ގޮތަށް ހުރީއެވެ. ރޯޑް ކޯޕަރޭޝަން އޮތޯ ބޮޑު ގުގުރީގައި ނިދާފަ އެވެ. މިކަމަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ.

* ސިއްހީ ޚިދުމަތްތައް:

ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންމެ މާލެ އަށް "ރެފަރަލް" ހަދާތީ އައި.ޖީ.އެމް.އެޗް.ގެ ދަތިކަމުގެ ވާހަކަތައް ތަކުރާރުވެ އެވެ.

އައްޑު އަތޮޅަށާއި މުޅި ސަރަޙައްދަށްވާ ވަރުގެ "ސުޕަ ސްޕެޝަލިޓީ" ހޮސްޕިޓަލެއްގެ ބޭނުން އިންތިހާ އަށް ބޮޑެވެ. މިފަދަ ހޮސްޕިޓަލަކުން މެޑިލަން ޓްއަރިޒަމަށް ކޭޓަރ ކުރެވިދާނެ އެވެ.

ޔޫރަޕް މީހުން ބޭނުންވާ ޕްލާސްޓިކް ސާރޖަރީ ހެދުމާއި، ހިތުގެ ފުރިހަމަ އޮޕަރޭޝަންތައް ކުރެވޭ ފެންވަރުގެ އެންމެ މި ޒަމާނުގެ ހޮސްޕިޓެލެއް ހެދުމަށް ޢާންމުކޮށް ހުޅުވާލުމަކީ ވަރަށް މުހިންމުކަމެކެވެ. މިހާރު ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ފައިސާ އަލުން މުރާޖަޢާކޮށް، އިންޝުއަރެންސް ސްކީމުން ބޭރުވެގެންދާ 700 މިލިއަން ރުފިޔާ ސަލާމަތް ކުރުމަށް މިފަދަ ހޮސްޕިޓަލެއްގެ މުހިންމުކަން ބޮޑެވެ. އަދި ޓްއަރިޒަމް ސިނާޢަތުން 5،000 އެނދު ތަރައްޤީވެގެން ދާ އިރު މިއީ ކޮންމެހެން ވެސް މުހިންމު މަސައްކަތެކެވެ.

* ފެންވަރު މަތީ ޓީޗަރުންނާއި މަތީ ތަޢުލީމު:

ޕްރީ ސްކޫލް ޤާނޫނު ހަރުދަނާކޮށް މި އަތޮޅުގައި ތަންފީޒު ކުރެވެން ޖެހެއެވެ. ހަރުދަނާ ބިންގަލެއްގެ މަތީގައި ތަޢުލީމު ފައްކާކޮށްގެން މެނުވީ އަޅުގަނޑުމެން ދާން ބޭނުންވާ "ހުވަފެން ހަގީގަތަކަށްވާ އައްޑޫ" ނުލިބޭނެ އެވެ.

ޕްރައިމަރީ، ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ސްކޫލްތަކުގައި ފެންވަރު މަތީ ޤާބިލް ޓީޗަރުން ތިބެން ލާޒިމެވެ. އަގު ހެޔޮ "ބޮޑު ބޭބެގެ ވަލުން" ގެންނަ ޓީޗަރުންނަށް އޮޅުން ފިލުވައި ދޭންޖެހެނީ ދަރިވަރުންނެވެ.

މިއީ 2014 ވަނަ އަހަރު ދިރާސީ އަހަރު ފެށޭ އިރު ނިމި ތަންފީޒު ވެފައި އޮނަން ކޮންމެހެން ވެސް ޖެހޭކަމެކެވެ. ސްކޫލްތަކަށް ބޭނުންވާ ބަޖެޓް ލިބެންވެ އެވެ. ކުދިންގެ ފޮތް ހަމަވެ، ސްކޫލް ފެށެންވާ އިރަށް ހުރިހާ މާއްދާއެއްގެ ޓީޗަރުން ހަމަވާންވެ އެވެ. މިހާރު ހުރި ޔުނިވަސިޓީގެ ފެކަލްޓީގެ އަޑުގަދަކޮށް ފުރިހަމަ ޤާބިލް "ލެކްޗަރާ" އިން އެތަނުގައި ތިބެން ޖެހެ އެވެ.

* ޒުވާނުންނާޢި ބިނާވެށި:

ޕީ.ޕީ.އެމް.ގެ މެނިފެސްޓޯގައި ބުނާ "ޒުވާން ވިޔަފާރި ވެރިޔާ" އަށްވުމަށްޓަކައި އަތޮޅުގެ ޒުވާނުންވަނީ ފެން ބޮވައިގެންފަ އެވެ. ހަމައެކަނި މިއަތޮޅެއް ނޫނެވެ.
މުޅި ސަރަޙައްދުގެ ޒުވާނުންވެ. މިއީ ފުރަތަމަ 100 ގެ ތެރޭގައި އެންމެ ކުޑަމިނުން އައްޑޫގެ ވިޔަފާރިވެރިންގެ ޗެޕްޓަރު އަލުން ހޭލައްވާލަން ޖެހެ އެވެ. އަދި އައްޑޫގައި ހުޅުވާ މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ބޭންކް އޮފް މޯލްޑިވްސް އިން ދިނުމަށް ހަމަޖައްސާފައިވާ "އިސްލާމިކް ބޭންކިން ވިންޑޯ" ގެ ޚިދުމަށް އަވަސް ވާން އެބަ ޖެހެ އެވެ.

އައްޑު އަތޮޅަށް ފައްކާކޮށްފައިވާ ބިނާވެށި ހިރަފުސް ފޮޅާލަ ދެއްވައި އެ ބިނާވެށި ތަންފީޒު ކުރުމަށްޓަކައި ސިވިލް ސަވަންޓުގެ މުވައްޒަފުން ތަމްރީނުކޮށް ދެއްވުމަށް ހަލުވި ފިޔަވަޅުތަކެއް އަޅައިގެން ނޫނީ ޔާމީންގެ ސަރުކާރަށް އައްޑު އަތޮޅު ފަތަޙަކުރަން ވަރަށް އުނދަގޫ ވާނެ އެވެ. އަދި މިއާ އެކު އަތޮޅާއި މުޅި ސަރަޙައްދުގެ އަމަން އަމާންކަން ކަށަވަރުކޮށް، ޤާނޫނު ތަންފީޒުކޮށް ޢަދުލު އިންސާފު ޤާއިމުކޮށް ދޭން ޖެހެ އެވެ.