Last Updated: November 25, 12:45
Monday, November 25, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ހިޔާނާތުގެ ލިސްޓު މަޖިލީހަށް ހިއްސާ ކުރީ ޤާނޫނާ ހިލާފަށް: އުޝާމް

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ގުޅީގެން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ޖޮއިންޓް ކޮމިޓީގެ ރިޕޯޓް ބިނާކޮށްފައިވަނީ ކޮމިޝަނުން ހިއްސާކޮށްފައިވާ ލިސްޓަށް ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ)ގެ ދަށުންކަން ފާހަގަކޮށް އުޝާމް ބުނެފައިވަނީ އެފަދަ ކޮމިޝަންތައް އުފައްދަނީ ރައީސުލްޖުމްހުރިއްޔާއަށް ލަފާ އެރުވުމަށް ކަމަށެވެ. އަދި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް މިހާރުގެ މަޖިލީހުން ހަދާފައިވާ ގާނޫނެއްވެސް އެބައޮތްކަން ފާހަގަކޮށް އުޝާމް ވިދާޅުވީ އެ ގާނޫނުގެ ދެވަނަ މައްދާގައި ވެސް ބުނެފައިވާގޮތުން އެ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އޮތް ކޮމިޝަނެއްކަން އެނގޭ ކަމަށެވެ.

އުޝާމް ވިދާޅުވީ އެ ކޮމިޝަނަށް އަދިވެސް ތަހުގީގުތައް ކުރެވިފައި ނުވާކަމަށާއި، އަދި ލިސްޓް މަޖިލީހާ ހިއްސާ ކުރި ގޮތާއި މެދު ޤާނޫނީގޮތުން ސުވާލު އުފެެދޭކަމަށެވެ.

"ޤާނޫނާ ހިލާފަށް، ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވާ ލިސްޓެއްގެ މައްޗަށް ހަދާފައިވާ ރިޕޯޓެކޭ މި ރިޕޯޓަކީ." އުޝާމް ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ އެންމެ މުހިންމު އެއް މަސައްކަތަކީ އެސެޓްތައް ރިކަވާ ކުރުންކަމަށް ވީއިރު، އެސެޓްތަކަށް ވީގޮތް ވަރަށް ސާފުކޮށް އެނގޭކަމަށް އުޝާމް ވިދާޅުވިއެވެ. އެގޮތުން ކުރީގެ އޮޑިޓަރ ޖެނެރަލްގެ ނެރުއްވި ރިޕޯޓްތައް ފަޅުތަކާއި ރަށްތައް ދިފައިވާ މީހުން އެގެން އެބައޮތް ކަމަށާއި، ހަދާފައިވާ އެއްބަސްވުންތައް އެބަހުރި ކަމަށެވެ. އަދި މަނީ ޓްރައިލް ވަރަށް ރީތިކޮށް އެ އޮޑިޓް ރިޕޯޓުން ފެންނަން އޮތްކަމަށްވެސް އުޝާމް ވިދާޅުވިއެވެ. އަދި ދެއަހަރާ ބައިވި އިރު އެސެޓްތައް ރިކަވަރ ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ.

އަދި ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތަކީ ފުރިހަމަ ނުވާ ތަހުގީގުތަކެއްގެ މައްޗަށް ބިނާކޮށް ވާދަވެރި ފަރާތްތަކުގެ ނަން ހަރާބު ކުރުމަށް ލިސްޓެއް އާންމު ކުރުންކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މިހުރިހާ ކަމެއްގެ އަޑީގައި ތިބީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދީބުގެ ބައިވެރިންކަން ފާހަގަކޮށް އުޝާމް ވިދާޅުވީ، އެމީހުން ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް ލިސްޓެއްގައި ނަންތަކެއް ޖަހާއިރު މާދަމާ ވެރިކަން ބަދަލުވާއިރަށްވެސް އެ ލިސްޓުގައި ތިބި މީހުންގެ ނަންތައް ބަދަލުވާނެކަމަށެވެ.

އުޝާމްގެ މި ވާހަކައަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ ރައްދު ދެއްވާފައެވެ.

އެގޮތުން އެ މެމްބަރުން ވަނީ މަޖިލީހަށް ބޭނުންވާ މައުލޫމާތެއް ކޮންމެ އިދާރާއަކުންވެސް މަޖިލީހަށް ހޯދޭނެކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާކަން ފާހަގަކޮށް އެކަމުގެ ސަބަބުން އުޝާމް ފާހަގަކުރި ވާހަކައިގެ އަސާސެއްނެތްކަން ފާހަގަކޮށްފައެވެ.