އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ މީހުންގެ ލިސްޓް ގައި ހިމެނޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް އެމަގާމުތަކުން ވަކިކުރުމަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ގުޅިގެން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 45 މެމްބަރުންގެ ވޯޓުންނެވެ. މި ރިޕޯޓްގައި ވަނީ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ނަންތައް ވެސް އާންމުކޮށްފައެވެ.
ކޮމިޓީ ރިޕޯޓުގައި ހިޔާނާޓުގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓް ކަމަށްބުނެ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް އާންމުކޮށްފައިވެއެވެ. އަދި އޭގެތެރެއިން ކުރީގައާއި މިހާރު ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 ފަރާތެއްގެ ނަން ވެސް ހިމެނިފައިވެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ޖޮއިންޓް ކޮމިޓީންވަނީ ހުށަހެޅުންތަކެއްވެސް ހުށަހަޅާފައެވެ. އެގޮތުން ޖުމުލަ 8 ހުށަހެޅުމެއް ކޮމިޓީން ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި މި މައްސަލައިގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަންއެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށާއި، އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ތަޙްޤީޤު ނިމިފައިވާ ފަރާތްތަކުގެ އަތުން އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާގައި ދެންނެވުމާއި، އެ މަސައްކަތް ކުރިއަށް ގެންދާގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިއުމަށެވެ.
މީގެ އިތުރުން އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށާއި، އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުގެ ތެރެއިން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަޤާމަކުން ވަކިކުރުމަށްވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ. އަދި އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަޤާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ޙުކުމަކުންކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި
ދެންނެވުމަށް ވެސް ރިޕޯޓްގައި ހުށަހަޅާފައިވެއެވެ.