އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރަންޖެހޭކަމަށް ޤާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވިއިރުވެސް އެ މަޤާމަށް ބޭފުޅަކު އައްޔަނެއް ނުކުރެވުނެވެ.
މައުލޫމާތޫ ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނެފައިވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެއްޖެ ނަމަ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރަން ވާނެ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި އެންމެ ފަހުން ހުންނެވި، ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މާޗް 21 ވަނަ ދުވަހުއެވެ. ފިޔާޒް މަޤާމުން އިސްތިއުފާ ދެއްވިތާ މިއަދަށް 60 ދުވަސް ވަނީ ހަމަވެފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ތިން ނަމެއް ފޮނުވާފައިވަނީ އޭޕްރިލް 25 ވަނަ ދުވަހުއެވެ. އެ ބޭފުޅުންނަކީ އަލްއުސްތާޛު ޝިހާމް މުހައްމަދު ވަހީދު، އަލްއުސްތާޛު އަހުމަދު އާހިދު ރަޝީދު އަދި މަރިޔަމް އަލީމްއެވެ.
ރައީސް ފޮނުވި ތިން ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ތިން ފަރާތުގެ ތެރެއިން އެއްވެސް ފަރާތަކަށް ކޮމިޓީގެ ތިންބައިކުޅަ ދެބައިގެ ވޯޓު ހަމަވެފައިނުވާތީ އެއިން އެއްވެސް ފަރާތެއްގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްވެފައި ނުވާކަމަށެވެ.