އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ތިން ނަމުގެ ތެރެއިން އެއްވެސް ނަމެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާހެއް ނުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ތިން ނަމެއް ފޮނުވާފައިވަނީ އޭޕްރިލް 25 ވަނަ ދުވަހުއެވެ. އެ ބޭފުޅުންނަކީ އެ ބޭފުޅުންނަކީ އަލްއުސްތާޛު ޝިހާމް މުހައްމަދު ވަހީދު، އަލްއުސްތާޛު އަހުމަދު އާހިދު ރަޝީދު އަދި މަރިޔަމް އަލީމްއެވެ.
އެ ނަންތައް ދިރާސާ ކުރުމަށް ފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އުކުލަވާލާފައިވާ ރިޕޯޓްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ފަރާތްތަކާ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު، އެއިން ފަރާތެއް އައްޔަނުކުރުމާމެދު ނުވަތަ ރުހުން ދިނުމަށް ފެންނަކަމާމެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓު ނެގުމުން، ކޮމިޓީގެ ތިންބައިކުޅަ ދެބައި ވޯޓު ހަމަވާ އަދަދަށް އިންޓަވިއު ކުރެވުނު ތިން ފަރާތުގެ ތެރެއިން އެއްވެސް ފަރާތަކަށް ވޯޓު ލިބިފައި ނުވާކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އެއްވެސް ފަރާތެއްގެ ނަން ފާސްވެފައި ނުވާކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މާޗް 21 ވަނަ ދުވަހުއެވެ. ފިޔާޒް މަޤާމުން އިސްތިއުފާ ދެއްވިތާ މިއަދަށް 60 ދުވަސް ވަނީ ހަމަވެފައެވެ. މައުލޫމާތު ހޯދާ ލިބިގަތުގެ ހައްޤުގެ ޤާނޫނުގައި ބުނެފައިވާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް ބޭފުޅަކު އައްޔަނު ކުރަން ޖެހެއެވެ.