Last Updated: November 28, 04:25
Thursday, November 28, 2024

ރާއްޖޭގެ ސިޔާސީ ދާއިރާ އިން ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ބޮޑު ފެނުނު ފެއިލިއާއަކީ ޑީއާރްޕީގެ ލީޑަރުކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި އަހުމަދު ތަސްމީން އަލީ ކަމަށް ގަބޫލް ކުރާ ވަރަށް ގިނަ ބަޔަކު އެބަ ތިއްބެވެ.

އެކަން އެގޮތަށް ގިނަ ބަޔަކު ގަބޫލް ކުރަނީ ވަރަށް ގިނަ ސަބަބުތަކާ ހެދި އެވެ. އެގޮތުން ބަލާ އިރު ތަސްމީން އަލީއަކީ މިހާތަނަށް ސިޔާސީ ދާއިރާ އިން އޭނާ ހާސިލް ކުރަން ބޭނުންވި އެއްްވެސް ހިސާބަކަށް ދަތުރު ކުރެއްވުނު ބޭފުޅެއް ނޫނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅުގައި ތަސްމީން ހޯމް މިނިސްޓަރުކަމާއި އެޓޮލްސް މިނިސްޓަރުކަން ފަދަ ބޮޑެތި މަގާމުތަކެއް ފުރުއްވި ނަމަވެސް އޭނާއަކީ އެއް އިރެއްގައި ވެސް ރައްޔިތުން އެހާ ބޮޑަށް ބަލައިގަތް ބޭފުޅެއް ނޫނެވެ. ގިނަ ބަޔަކު ސިފަ ކުރަނީ ތަސްމީނަކީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް އާރެެއް ބާރެއް ނެތް ބޭފުޅެއްފެ ގޮތުގަ އެވެ.

އެހެންވެ ތަސްމީނާ ބެހޭ ގޮތުން ވާހަކަ ދައްކާ މީހުންނަށް މުޅިން ވެސް ދައްކަން ޖެހެނީ އޭނާގެ ނާކާމިޔާބީގެ ވާހަކަތަކެވެ. އޭގެ ބޮޑު ލިސްޓެއް މިހާރު ވެސް އޮތީ އެކުލަވާލެވޭ ވަރުވެފަ އެވެ. އަޅުގަނޑުގެ ލިސްޓުން އެއްވެސް ބައެއް އުނިވާ ނަމަ، މައާފް ކުރައްވާށެވެ. ލިސްޓް ދިގުކަމުން ބައެއް ކަންކަން ފާހަގަ ނުކުރެވި އޮތުން ވެސް ހަމަ އެކަށީގެންވެ އެވެ.

ފުރަތަމަ ކަމަކަށް މި ހިސާބުން ބަލަމާ ހިނގާށެވެ. ނުފޫޒު ގަދަ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އޮތް ޑީއާރްޕީ އާ އެކު މައުމޫން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެންވެނީ ރަނިންމޭޓެއްގެ ގޮތުގައި ތަސްމީން ގޮވައިގެންނެވެ.

އެކަމަކު އެ އިންތިހާބް މައުމޫނަށް ގެއްލި ވަޑަައިގަތުމުގެ އެންމެ ބޮޑު އެއް ދައުރެއް އަދާ ކުރި އެއް ކަމަކަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ގަބޫލް ކުރަނީ ތަސްމީނެވެ. އޭނާއަކީ ރައްޔިތުން ރުހި ގަބޫލްވާ ބޭފުޅަކަށް ނުވުމެވެ. ޓްރެކް ރެކޯޑަށް ބަލާ އިރު، ފާހަގަކޮށްލެވޭ ވަރުގެ އެއްވެސް ކަމެއް ތަސްމީގެ ފަސްބަޔަކު ނެތެވެ.

އެހެންވެ އެފަދަ ބޭފުޅަކު ގޮވައިގެން 2008 ފަދަ ވާދަވެރި އިންތިހާބަކަށް މައުމޫން ނިކުންނެވުމުން، އެކަމާ ހައިރާން ވެސް ވި ބަޔަކު ބިއްބެވެ. އެކަން ހަޖަމުކޮަށްލައި އެ ވާހަކަ ހިންދާލި މީހުންގެ ނަޒަރުގައި މައުމޫން އެފަދަ ނިންމެވުމެއް ނިންމެވީ ތަސްްމީނަކީ އިހުލާސްތެރި ބޭފުޅެއް ކަމަށް ނިންމައިގެންނެވެ.

އެކަމަކު އޭގެ ފަހުން ކަންވީ ކިހިނެއްތޯ އެވެ؟ މައުމޫން އިސްވެ ހުންނަަވައިިގެން އުފެއްދެވި ޕާޓީ ޑީއާރްޕީ ވެސް ތަސްމީން "ފޭރިވަޑައިގަތީ" އެވެ. އެ ހިސާބުން މައުމޫނާއި އޭނާގެ ބައިވެރިން ސިޔާސީ ޕާޓީއެއްގެ މަސައްކަތް އަލުން ފަށައި، ބޮންތި އަށް އެރުމުގެ މަސައްކަތް ފެށި އެވެ. ނަތީޖާއަކީ ކޮބައިތޯ އެވެ؟ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑީއާރްޕީ އަށް ވުރެ ވަރުގަދަ ޕާޓީއަކަށް މައުމޫން ދެވަނަ އަށް އުފެއްދެވި ޕީޕީއެމްވުމެވެ. ޕާޓީ އުފެދުނުތާ ކުރީކޮޅު ބޭއްވި ގިނަ ބައި-އިލެކްޝަންތައް އެމްޑީޕީ އާއި ޑީއާރްޕީ ފަދަ ޕާޓީތަކާ ވާދަކޮށް ޕީޕީއެމް ކުލަގަދަ ކާމިޔާބީތަކެއް ހޯދި އެވެ.

މީގެ ތެރެއިން އެންމެ ބޮޑު ޖޯކަކަށް ފެނުނީ 40،000 މެމްބަރުން ތިބި ކަމަށް ތަސްމީން ދައުވާ ކުރެއްވި ޑީއާރްޕީ، ޑރ. ހަސަން ސައީދު ކުރިން ރައީސްކަން ކުރެއްވި ގައުމީ ޕާޓީ އާ ކޯލިޝަން ހަދައިގެން އެކުގައި، ބައި-އިލެކްޝަންތަކަށް ނިކުމެ، ބަޔަކު ހީހީ ހަލާކުވާ ފަދަ ނަތީޖާތަކެއް ހޯދައި، ގަރުނުގެ ބޮޑު ޖޯކަަށްވުމެވެ.

ތަސްމީންގެ ފެއިލިއާތަކަށް ބަލާ އިރު ދެން އޮތް ވާހަކައަކީ ރައްޔިތުންގެ މަޖިލިސް ތެރޭގައި އޭނާ އަށް ލިބިވަޑައިގަތް ދައުރުފެ ވާހަކަ އެވެ. އޭނާއަކީ މަޖިލީހުގައި މެޖޯރިޓީ ލީޑަރުކަން ލިބިވަޑައިގެން، ފަހުން މައިނޯރިޓީ ލީޑަރަަކަށް ވެސް ސައިޒު "ކުޑަވި" ސިޔާސީ ލީޑަރެކެވެ. އޭގެ ފަހުން އެ ދެ ލީޑަރުކަން ވެސް ގެއްލިވަޑައިގަތީ އެވެ.

އަނެއްކޮޅުން ތަސްމީންގެ މަސްލަހަތު އޮންނަ ކުންފުނިތަކަކުން ނެގި ބޮޑެތި ލޯންތަކެއްގެ ސަބަބުން ޑީއާރްޕީގެ ދެ މެމްބަރެއްހެ މަޖިލިސް ގޮނޑި ވެސް ގެއްލިއްޖެ އެވެ. އެެއީ އޭނާގެ ކޮއްކޮއެއް ކަމަށްވާ އަލިފުށި ދާއިރާ މެމްބަރު އަހުމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ގޮނޑި އެވެ.

ތަސްމީން ހިންގަވާފައިވާ ޒިންމާދާރުކަން ކުޑަ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން، އަރިސް ދެ ބޭފުޅެއްގެ ގޮނޑި އޭނާ އާ ހެދި ގެެއްލިގެން ދިޔަ އިރު، ހުދު ތަސްމީންގެ ގޮނޑި އާ ދޭތެެރޭ ވެސް ވަނީ ސުވާލް އުފެދިފަ އެވެ. ސާބިތު ދަރަންޏެއްގެ މައްސަލާގައި، އޭނާގެ ގޮނޑި ގެއްލިއްޖެކަން ކަނޑައަޅައި ދިނުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަން ވެސް ބަޔަކު ވަނީ ނިންމައިފަ އެވެ. އެކަން އެގޮތަށް ވެެއްޖެ ނަމަ، ތަސްމީނަކީ ކިހާ ބޮޑު ފެއިލިއާއެއްކަން އަމިއްލަފުޅަށް ވެސް ގަބޫލް ކުރައްވަން ޖެހިވަޑައިގަންނަ ވާނެ އެވެ.
ދެން އޮތީ މި އަހަރުގެ ރިޔާ އިންތިހާބުގެ ވާހަކަ އެވެ.

އެ ވާހަކަ ފަށާ އިރު ބުނަން ޖެހެނީ ތަސްމީނަކީ ވެސް ރައީސް ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓެއް ކަމެވެ. އެކަމަކު ފަހުން އެކަން ވެސް ބަދަލުވެއްޖެ އެވެ. "40،000 މެމްބަރުން" ތިބި ކަމަށް ބުނާ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް، އެއަށް ވުރެ ނިސްބަތުން ކުޑަ، ނިކަމެތި ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ވުމަށް ތަސްމީން ނިންމެވި ނިންމެވުމަކީ ހިނިގަނޑެެއް ޖަހާ ނުލައި ދޫކޮށްެލެވޭ ވަރުގެ ކަމެއް ނޫނެވެ. މިކަން ބައެއް މީހުން ސިފަ ކުރީ "ބޮއްކުރާ ދޮށަށް އޮޑި ކެބުން" ފަދަ ކަމެއްގެ ގޮތުގަ އެވެ.

އެކަމަކު އެއީ ގައުމަށްޓަކައި ތެދުވެރިކަމާއި އިހުލާސްތެރިކަމުން ތަސްމީން ނިންމެވި ނިންމެވުމަށް ކަމަށް ޑީއާރްޕީ ތެރޭގައި ތިއްބެވި ތަސްމީންގެ އާއިލީ ބޭފުޅުން ވިދާޅުވިޔަސް އެ ވާހަަކަ ގަބޫލް ކުރާނެ ކުޑަ ކުއްޖެއް ވެސް މި ގަައުމަކު މިހާރަކު ނުހުންނާނެ އެވެ.

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންފާނެ ހުތުރު ނާކާމިޔާބީއަކުން ސަލާމަތްވެޑައިގަތުމަށް، ކެންޑިޑޭޓްކަން ދޫކޮށްލައްވާފައި "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީހު ހަސަން މަނިކުގެ ފަހަތްޕުޅަށް ބައެއް ބޭފުޅުންގެ ސިފަ ކުރެއްވި ގޮތުގައި "ޕްރޮފެޝަނަލް ރަނިންމޭޓް" ގެ ޓެގް އަޅުއްވައިގެން ތަސްމީން ވަޑައިގަތުމުން، ސްޕްރީމް ކޯޓުން ބާތިލް ކުރި އިންތިހާބުން ފެނުނީ ކޮން ނަތީޖާއެއްތޯ އެވެ؟ ލިބިވަޑައިގަތީ އެންމެ ފަސް ޕަސެންޓް ވޯޓެވެ. އެއީ ކޯޗެއް ހެއްޔެވެ؟ އަޅުގަނޑުމެން ކަހަލަ އާދައިގެ ރައްޔިތަކު ވެސް މި ވަރުގެ ނަތީޖާއެއް ހޯދައި ފާނެ އެވެ.

ޑރ. ވަހީދަށް ތަސްމީނާ އެކު ވޯޓް ދެއްވަން ތިއްބެވި "ޑީއާރްޕީ 40،000" މެމްބަރުނބް ކޮބައިތޯ އެވެ؟ އެ މީހުންގެ ވޯޓަށްވީ ކިހިނެއްތޯ އެވެ؟ މިއީ ތަސްމީނާ ދޭތެރޭ ސަމާލުވާން ޖެހޭ މީހުން ވިސްނަން ޖެހޭ ކަންކަމެވެ.

އަނެއްކޮޅުން އިންތިހާބް ބާތިލް ކުރުމާ އެކު ޑރ. ވަހީދު އަލުން އިންތިހާބުގައިު ވާދަ ވެސް ކުރައްވަން އަދި ނުނިންމަވަނީސް "އެއްކަލަ އިހުލާސްތެެރި" ތަސްމީން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ އަރިހަށް ވަޑައިގެންފި އެވެ. އަދި ނަޝީދުގެ ކެމްޕޭނުގައި މަގު މައްޗަށާއި އަތޮޅުތަކަށް ނިކުމެވަޑައިގަތެވެ.

އެކަމަކު ތަސްމީން ނަޝީދަށް ތާއިދު ކުރަން ނިންމުމަކުން، އެމްޑީޕީ އަށް ލިބުނު އެއްވެސް ފައިދާއެއް، ކުރިއެރުމެއް އޮތް ކަމަކަށް ހުދު އެމްޑީޕީގެ މެމްބަރުން ވެސް ގަބޫލެއް ނުކުރައްވަ އެވެ.

އެ ނަޒަރުން ބަލާ އިރު، އިންތިހާބުގެ ދެ ބުރުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތް ވޯޓަކީ އެމްޑީޕީ އަށް މަރުދޭ ސަޕޯޓަރުން ދެއްވި އިހުލާސްތެރި ވޯޓެވެ. ޑީއާރްޕީ އަށް އެއައަކަށް އެޅުނު އެކައްޗެއް ނެސް ނެތެވެ.

މި ހުރިހާ ކަންކަން މިހެން ހުރި އިރު، ތަސްމީނަކީ ހަމަ ބޮޑު ފެއިލިއާއެކެވެ. ދެން ވެސް ތިމާގެ ގަދަރާއި އަގު ހިފަހައްޓަން ބޭނުން ނަމަ ސިޔާސީ، ދާއިރާ ނޫން ކޮންމެވެސް އެހެން ދާއިރާއެއް އޭނާ އިހުތިޔާރު ކުރަން ވެއްޖެ އެވެ. ސިޔާސީ ވާހަކަ ދައްކަވާނީ އެ ފެންވަރުގެ މީހުންނެވެ.

މީސްމީހުން "ކަނޑަށް ވައްޓައި" އަދި "ވެލި ކާން ދެވޭނީ ވެސް" އެކަމުގެ ގާބިލްކަމާއި ފަންވަރާއި ހިތްވަރާއި ކެރުންތެރިކަން ވެސް ތިއްބެވި ސިޔާސީ ވެރިންނަށެވެ.

އަޅުގަނޑަށް މިހާތަަނަށް ސިިޔާސީ މައިދާނުގައި ފެނުނީ ތަސްމީން މުޅިން ވެސް "ވެލި ކެއި" ތަނެވެ. އެ ނޫން މަންޒަރެއް ގައިމު އެހެން ބަޔަކަށް ވެސް ފެންނާނެކަމާ ދޭތެރޭ ޝައްކެވެ.

ތިހެން އަބަދު "ޗަސްވެ" ބޭކާރުވެ، ނާކާމިޔާބީ ތެރޭގައި އުޅުމަށް ވުރެ، ރައްޔިތުންގެ ލޯބި ހޯދޭނެ ކޮންމެވެސް އެހެން ގޮތެއް ތަސް ހޯއްދެވުން ކީއްތޯ އެވެ؟

ލީޑަރުކަން ކުރެއްވި އަމިއްލަ ޕާޓީގަނޑު ވެސް ދޫކުރައްވައި، ދެން ވެސް ކުލަކުލައިގެ ޕާޓީތަކަށް ސޮއި ކުރެއްވިޔަސް، ތަސްމީނަކަށް މި ގައުމުގެ ސިޔާސީ މަސްރަހުން ނެރެވެން އޮތީ ކޮން ނަތީޖާއެއްތޯ އެވެ؟ އެއީ ރައްޔިތުންގެ ހިތުގައި އުފެދޭ އެންމެ އާދައިގެ ސުވާލެވެ.