ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަަސަން މަނިކުގެ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރެއްވި ޑރ. މަރިޔަމް ޝަކީލާ އަށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހެލްތު އެންޑް ޖެންޑަ މިނިސްޓަރުގެ މަގާމު މިއަދު ދެއްވައިފި އެވެ.
ސ. ހިތަދޫ މޫންލައިޓްވިލާ ޑރ. ޝަކީލާއަކީ ޑރ. ވަހީދުގެ ސަރުކާރުގައި ވެސް ވަރަށް އިހުލާސްތެރިކަމާ އެކު ހިދުމަތް ކުރެއްވި ގާބިލް ބޭފުޅެކެވެ. އަދި އެ ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން، ފޮރިން މިނިސްޓްރީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހިންގެވީ ޑރ. ޝަކީލާ އެވެ.
އެ ކަމަނާ އާ މި ފަހަރު ހަވާލު ކުރެއްވި ދާއިރާއަކީ ގިނަ ބައެއްގެ ފާޑު ކިއުންތައް އަބަދުވެސް އަމާޒުވެފައިވާ ސިއްހީ ދާއިރާކަމަށްވުމުން، ޑރ. ޝަކީލާ އަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން މި ފަހަރު ޖެހިވަޑައިގަންނަވާނެ އެވެ.
ޑރ. ޝަކީލާ ހެލްތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު، އެކަމާނާގެ ހިއްސާ އޮންނަ ސިމްޑީ ކުންފުނިން އަންނަނީ އައްޑޫގައި ހުރި ހަމައެކަނި ޕްރައިވެޓް ހޮސްޕިޓަލް އައިއެމްޑީސީ ވެސް ހިންގަމުންކަނަ ފާހަގަކޮށްލަން ޖެހެ އެވެ.
އެހެން ނަމަވެސް ރާއްޖޭގެ ސިއްހީ ދާއިރާ އަށް އެކަމާ ހެޔޮ ބަދަލުތަލެއް ގެންނަވާނެ ކަމުގެ އުންމީދު ބޮޑެވެ.
"އައްޑޫ ލައިވް" ޓީމްގެ ފަރާތުން ވެސް، ޑރ. ޝަކީލާ އަށް ހޫނު މަރުހަބާއެއް ކިޔަމެވެ. އައްޑޫގެ ތި ފަދަ ދަރިންނަކީ އައްޑޫގެ ފަހުރެވެ.