އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ދެވަނަ ލިސްޓެއް 2024 ގައި އާންމު ކުރާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ކޮވިޑް-19 ބާރު ސްޕީޑްގައި ފެތުރޭތީ އެކަން ކޮށްޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް މިދަނޑިވަޅުގައި ނެރުނީ ކޮވިޑްގެ މައްސަލަތައް ފޮރުވުމަށްޓަކައިކަމަށެވެ. އަދި 2024 ގައި އެމްއެމްޕީއާރްސީގެ ދެވަނަ ލިސްޓެއް ނިކުންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އެ ލިސްޓުގައި 19 މިލިއަން ރުފިޔާ އަހުމަދު އަދީބުގެ ގެއިން ބާލާދިޔަ ފަރާތާ، އެތަނުގައި ތިބި އޭރުގެ ސަރުކާރުގެ ދެ ވަޒީރުންނާއި މަޖިލިސް މެމްބަރުންވެސް ތިއްބަވާނެ. އެބޭފުޅުން އަދި މިވާހަކަ ދައްކަވާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ އިންސާފުވެރިކަމާ އެކު ބެލޭނީ 2024 ގައި ލިސްޓު ނިކުމެގެން ކަމަށެވެ. އަދި އިންސާފު ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްވުރެއް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އާދަމް ޝަރިފް ވިދާޅުވިއެވެ.