ދިވެހި ގައުމު މިއިން ޒަމާނަކުވެސް ނުވެއްޓޭ ފަދަ ފުން ވަޅުގަނޑަކަށް ވެއްޓެމުން ދާ މަންޒަރު ފެންނަ ކަމަށާއި، މިއީ ދިވެހިން އެކަތިގަނޑަކަށްވާންވީ ވަގުތު ކަމަށް ޕްރޮފެސާރ އުގައިލް ވިދާޅުވެއްޖެއެވެ.
އުގައިލް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއިން ޒަމާނެއްގައި ވެސް ނުވެއްޓޭ ފަދަ ފުންވަޅުގަނޑަކަށް ދިވެހި ގައުމު ވެއްޓެމުންދާތަން އެބަފެނޭ ކަަމަށާއި މިއީ އެންމެން އެކުއެކީ އަތުގުޅައިގެން އިހްލާސްތެރިކަމާއި އެކު އުންމީދީ ވިސްނުން ކުރިއަށް ނެރެ އިތުރަށް މަސައްކަތް ކުރަން ފަށަންވީ ވަގުތުކަމަށެވެ.
އުގައިލް ވިދާޅުވީ އެކުވެރި ކަމަކީ ގަދަފަދަ ބާރެއް ކަމަށާއި، މިކަމުން އަރައިގަނެވޭނީ އެންމެން އެކުގައި ކަމަށެވެ.
ރާއްޖޭގައި ކޮވިޑު ކޮންޓްރޯލުން ނެއްޓި ދުވާލެއްގެ މައްޗަށް އެއްހާހަށް ވުރެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަ އިރު ދުވާލެެއްގެ މައްޗަށް މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް މިދަނީ އިތުރުވަމުންނެވެ.
ކޮވިޑުގެ ހާލަތާއި ގުޅޭ ގޮތުން މީގެ ކުރިންވެސް އުގައިލް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އުގައިލް މީގެ ކުރިން ވިދާޅުވީ ކޮވިޑު-19 ގެ ހާލަތު ރާއްޖޭގައި ގޯހުން ގޯހަށް ދާއިރު ގައުމުގެ ވެރިން މިކަމާ ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެންނަ ކަމަށެވެ.