Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު ޕީޕީއެމް

ބޭންކު ލޯނު ދެއްކުމަށް ލުޔެއް ދޭން މުއިއްޒު ގޮވާލައިފި

ކޮވިޑް-19 ގެ މި ހާލަތުގައި ބޭންކަށް ދައްކަންޖެހޭ ލޯނުތަކަށް ލުޔެއް ގެނެސްދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ގޮވާލައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ އިން ފެށިގެން މާލޭގެ ރައްޔިތުން އަނެއްކާވެސް ލޮކްޑައުނަކަށް ދާން ޖެހިފައިވާއިރު، ރައްޔިތުންގެ އާމްދަނީ ލިބޭނެ މަގުތަކާއި، ސަރުކާރު ކުންފުނިތަކަށް ދައްކަން މަޖުބޫރުވާ ބިލުތަކާއި، ބޭންކަށް ދައްކަންޖެހޭ ލޯނުފަދަ ކަންކަމަށް ލުޔެއް ގެނެސްދިނުމަށް ގޮވާލާ ކަމަށެވެ.

މިކަމަށް މުއިއްޒު ގޮވާލިއިރު މީގެކުރިން އޭނާ ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު މާދަމާ އިން ފެށިގެން ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއު ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް އިތުރުކޮށް، ފާސް ނެތި ގެއިން ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

އަދި ކާފިއުގެ ވަގުތުތަކުގައި ފިހާރަ، ކެފޭ/ރެސްޓޯރެންޓުތަކުން ޑެލިވަރީ ނޫން ގޮތަކަށް ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފައެވެ. އެވަގުތުގައި އޭގެއިން ހިދުމަތެއް ދީފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

މި ފިޔަވަޅުތައް މާލެ ސަރަހައްދުގައި އަޅަން ނިންމާފައިވަނީ މާދަމާ އިން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށެވެ.