ސ. ހުޅުދޫ ސްކޫލްގެ 2013 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެ ރަށު ފުނަމާގޭ ރާޔާ މޫސާ ހޮވިއްޖެ އެވެ.
އޭނާ މޮޅު ދަރިވަރަކަށް ހޮވުނުކަން އިއުލާންކޮށްފައި ވަނީ މިއަހަރު ހުޅުދޫ ސްކޫލުން ގްރެޖްެއޭޓްވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ރޭ ހުޅުދޫ ސްކޫލްގައި ބޭއްވި ޚާއްސަ ޖަލްސާގަ އެވެ.
އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރާޔާ އަށް ސްކޫލްގެ ޕީޓީއޭގެ ފަރާތުން ހުށަހަޅާފައިވާ ޝީލްޑާއި ލެޕްޓޮޕް އަދި ސްކޫލްގެ މުދައްރިސުންނާއި ސްޓާފުންގެ ފަރާތުން ހުށަހަޅާފައިވާ އިނާމާއި ސެޓްފިކެޓް ހަވާލްކޮށް ދެއްވީ ރޭ ހުޅުދޫ ސްކޫލު ހޯލުގައި ބޭއްވި މި ޖަލްސާގެ ޝަރަފުވެރި މެހުމާނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް( ހުޅުމީދޫ ބްރާންޗްގެ މެނޭޖަރު އަބްދުﷲ ސޯލިހެވެ.
މި ރަސްމިއްޔާތުގައި މި އަހަރު ހުޅުދޫ ސްކޫލުން ގްރެޖްއޭޓްވި ދަރިވަރުންގެ ރިޕޯޓްފޮތްތައް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ ހަވާލްކޮށް ދެއްވާފައި ވާއިރު ގްރެޖްއޭޓް ވިދަރިވަރުންނަށް ސެޓްފިކެޓާއި އެވޯޑް ހަވާލްކޮށް ދެއްވީ ސޯލިހެވެ.
މީގެ އިތުރަށް މި ޖަލްސާގައި ދަރިވަރުންނާއި ހަވާލްކުރެވުނު އެޕްރިސިއޭޝަން ސެޓްފިކެޓް ހަވާލްކޮށް ދެއްވާފައި ވަނީ ސ. އަތޮޅު މަދަރުސާގެ ޑިޕިއުޓީ ޕްރިންސިޕަލް އައްޝެއިޚް މޫސާ ސިއްދީގު ހަސަން އެވެ.
މި ޖަލްސާގައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކިޔެވުމަކީ ނިމުނެތް ކަމެއް ކަމަށާއި ހުރިހާ ކުދިންނަކީ އެންމެ މޮޅަށް ކިޔެވޭނެ ކުދިބައެއް ނޫން ކަން ފާހަގަ ކުރެއްވި އެވެ. އަދި ކޮންމެ ދަރިވަރަކީ ކިޔެވުމުގައި ކާމިޔާބު ދަރިވަރަކަށް ނުވި ކަމުގައިވީ ނަމަވެސް ގަދަ އަޅާ މަސައްކަތް ކުރުމަކީ އޮތްކަމެއް ކަން ފާހަގަ ކުރައްވާ މަސައްކަތްތެރި ބަޔަކަށް ވުމަށް ދަރިވަރުންނަށް ގޮވާލެއްވި އެވެ.
ހުޅުދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ހުޅުދޫ ފުނަމާގޭ ރާޔާ އަށް ސްކޫލްގެ ޕީޓީއޭގެ ފަރާތުން ހުށަހަޅާފައިވާ ލެޕްޓޮޕަކީ ޕީޓީއޭ އަށް ހުޅުދޫ މިނާ ސާމިއު އަންވަރު ހަދިޔާކޮށްފައިވާ ލެޕްޓޮޕެކެވެ.