އައްޑޫ ސިޓީން މިހާތަނަށް ކޮވިޑް-19 އަށް 28 ކުއްޖަކު ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ބުނެފިއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ރޭ ބޭއްވި ނިއުސް ބްރީފިންއެއްގައި ހޮސްޕިޓަލްގެ ފަރާތުން ބައިވެރިވި މުހައްމަދު ނަޖީބު ވިދާޅުވީ މިދިޔަ އަހަރާ ބަލާއިރު މިފަހަރު ކުޑަކުދިން މި ބައްޔަށް ޕޮޒިޓިވްވާ އަދަދު މިފަހަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި އެގޮތުން 12 އަހަރުން ދަށުގެ 28 ކުއްޖަކު މިވަގުތު ވެސް މި ބައްޔަށް ޕޮޒިޓިވް ވެފައި އެބަތިބި ކަމަށެވެ.
ކުޑަކުދިންގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ 18 ފަރާތެއް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެތެރެއިން ހަތް ފަރާތަކީ 70 އަހަރުން މަތީގެ ވަރަށް ހައި ރިސްކު މީހުން ކަމަށް ނަޖީބު ވިދާޅުވިއެވެ. އަދި 65 އަހަރުން ދަށުގެ 19 ފަރާތެއް އިތުރު ބަލިތަކާއެކު ކޮވިޑަށް ޕޮޒިޓިވް ވެފައި އެބަތިބި ކަމަށާއި އޭގެތެރޭގައި ލޭ މައްޗަށް ދިޔުމާއި، ހަކުރު ބަލި ފަދަ ބަލިތައް އެމީހުންގެ އެބަހުރި ކަމަށްވެސް ނަޖީބު ވިދާޅުވިއެވެ.
މި ބަލީގައި ކްރިޓިކަލް ހާލަތަކަށް ދަނީ އެހެން ބައްޔެއް ތަހައްމަލު ކުރަމުންދާ އުމުރުން ދުވަސްވީ މީހުންކަން ފާހަގަކުރަމުން ނަޖީބު ވަނީ މިފަހަރުގެ ހާލަތު ފެންނަނީ ތަންކޮޅެއް ގޯސްކޮށް ކަމަށާއި އެގޮތުން ޕޮޒިޓިވް ވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ވެސް އިތުރު އެހެން ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ތަންކޮޅެއް ގިނަކަން ފާހަގަކުރައްވާފައެވެ.
"ކުރިން ހިފެހެއްޓި ރަނގަޅު ރެކޯޑެއް މިފަހަރު އަތުން ދޫވުމަކީ އެކަށީގެންވާ ކަމެއް" ނަޖީބު ވިދާޅުވިއެވެ.