އިންޑިއާގެ ކޮންސިލޭޓެއް އައްޑޫގައި ހުޅުވުމުން އިންޑިއާ އާއި އައްޑޫ އާއި ދެމެދު ވިޔަފާރީގެ ގާތް ގުޅުމެއް އުފެދި ވިޔަފާރީގެ ކުރިއެރުން ލިބޭނެކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ކޮންސިލޭޓެއް ހުޅުވިއްޖެ ނަމަ އިންޑިއާ އާއި އައްޑޫ އާއި ދެމެދު ވިޔަފާރީގެ ގުޅުން ވަރުގަދަވެ، އިންޑިއާގެ އިންވެސްޓުމެންޓުތަކުގެ ޝައުގުވެރިކަން އައްޑޫއަށް ލިބިގެންދާނެކަމަށެވެ. އަދި މީގެ ސަބަބުން ވިސާގެ ފަސޭހަތަކެއްވެސް އައްޑޫ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ. އަދި މިކަން އަވަސް ކުރުމަށް އަސްލަމް ވަނީ ގޮވާލާފައެވެ.
An idea whose time has come! Indian consulate in Addu will strengthen business ties between the two countries, help attract investment from India & ease visas for the people of Addu. I hope the approvals for this consulate are processed soon.
@ibusolih @PMOIndia @abdulla_shahid— Mohamed Aslam (@aslamdp) May 25, 2021
އައްޑޫގައި އިންޑިއާގެ ކޮންސިލޭޓެއް ހުޅުވުމާއި ގުޅޭގޮތުން އިންޑިއާގެ ޔުނިއަން ކެބިނެޓުން ވަނީ ފާސްކޮށްފައެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ ޔުނިއަން ކެބިނެޓުން ފާސްކުރި ނަމަވެސް އަދި އެއީ ވިސްނުމެއްގައި އޮތް ކަމެއް ކަމަށާއި، ފައިނަލް ނިންމުމެއް ނޫންކަމަށެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހެދުމަށް އެގައުމުން ނިންމުމާއި ގުޅިގެން ގިނަ ބަަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ވަނީ މާލޭގައި އިންޑިއާގެ އެމްބަސީ ހުރެ އައްޑޫގައި އިތުރު ކޮންސިއުލޭޓެއް ހުޅުވަންވީ ސަބަބާއި މެދު ސުވާލު އުފައްދާފައެވެ. އަދި ހިތަދޫގައި ގާއިމް ކުރާ ޕޮލިސް އެކަޑަމީގައި ކޮންސިއުލޭޓު އޮފީސް ހަދާ ވާހަކައިގެ އަޑުވެސް ވަނީ ގަދަވެފައެވެ.
އިންޑިއާގެ އެހީގައި އައްޑޫގައި ޕޮލިސް އެކަޑަމީ ހެދުމާއި، ގަމުގައި އިންޑިއާގެ ހެލިކޮޕްޓަރ އޮޕަރޭޓު ކުރުމުގެ އިތުރުން އައްޑޫގެ މަގު ހެދުމާއި، ބިން ހިއްކުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ބޮޑު ލޯނެއް ސަރުކާރުން ނަގާފައިވާތީ އައްޑޫގެ ބައެއް ރައްޔުތުންނާއި ބައެއް ދިވެހިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ދާދިފަހުން އިންޑިއާގެ ޓުޓުކޮރިން އާއި އައްޑޫ ސަރަހައްދީ ބަނދަރާއި ދެމެދު ކާގޯ ފެރީގެ ހިދްމަތްވެސް ވަނީ ފަށާފައެވެ.