އައްޑޫ ސިޓީ ހިތަދޫގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދަ އެރުމާއި ގުޅިގެން އެ ސަރަހައްދުތަކަށް މޭޔަރ އަލީ ނިޒާރު އާއި ކައުންސިލަރުން މެމްބަރުން ޒިޔާރަތްކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ހިތަދޫގެ އުދައެރި ސަރަހައްދަށް މޭޔަރު އާއި ކައުންސިލަރުން ޒިޔާރަތްކޮށް އެސަރަޙައްދުތަކަށް އުދަ އެރުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަން ހައްލު ކުރުމަށް ކައުންސިލުން ކުރަމުން އަންނަ ކަމެއް ހާމަކޮށްފައި ނުވެއެވެ.
ހިތަދޫގެ އިތުރުން އައްޑޫގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް މިއަދު ވަނީ އުދަ އަރާފައެވެ.
ދިޔަވަރު ބޮޑުވާ ދުވަސްވަރު އައްޑޫގެ އެކި ހިސާބުތަކަށް އުދަ އެރުމަކީ އާއްމުކަމެކެވެ. އަދި އެކަން ހައްލު ކުރުމަށް އައްޑޫ ކައުންސިލަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެ އާއްމުން އުދަ އަރާ ދުވަސްވަރު އެކި ޝަކުވާތައް ކުރެއެވެ.
އައްޑޫގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދަ އެރިއިރު އުދަ އަރާނެކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ޔެލޯ އެލާޓު ނެރެފައެވެ.