Last Updated: November 28, 04:25
Thursday, November 28, 2024

ފުލުހުންގެ ދައުރު ގާތުން މޮނިޓަ ކުރަން އެދެފި

ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ފުލުހުންގެ މަސައްކަތްތައް ވީހާ ވެސް ގާތުން މޮނިޓަކޮށް ދެއްވުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގައި އާ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު އެދިވަޑައިގެންފި އެވެ.

ަސީޕީ ވަހީދު މިގޮތަށް އެދިވަޑައިގެންނެވީ މަޤާމާއި ހަވާލުވެލެއްވުމަށް ފަހު ތަޢާރަފްވެވަޑައިގަތުމަށްޓަކައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ މިއަދު ބޭއްވި ބައްދަލުވުމަކީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންއަކީ ފުލުހުންގެ މަސައްކަތްތައް އެންމެ ގާތުން ފާރަވެރިވެ ބައްލަވާ ފަރާތްކަމަށްވާތީ، އެންމެ އިސްކަމެއް ދީގެން ބައްދަލުކޮށްލައްވަން ބޭނުންފުޅުވެ ލެއްވީކަމަށާއި އަދި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ފުލުހުންގެ މަސައްކަތްތައް ގާތުން މޮނިޓަކޮށް ދެއްވުމަށް އެދިލެއްވި އެވެ.

މީގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުންގެ މަސައްކަތްތައް މޮނިޓަރކޮށް، ބައްލަވާ ފަރާތްކަމުގައިވާތީ ފުލުހުންނާއި އިންޓެގްރިޓީ ކޮމިޝަން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ޕްރޯއެކްޓިވްކޮށް މަސައްކަތް ކޮށްދެއްވުމަށާއި ކޮމިޝަނުން ބައްލަވަމުން ގެންދަވާ މައްސަލަތައް ވީހާވެސް އަވަހަށް ނިންމަވާ ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަދި އިންޓެގްރިޓީ ކޮމިޝަނުން ރިޕޯޓްތައް ނެރުމުގެ ބަދަލުގައި ދެފަރާތް ގުޅިގެން މަސައްލަތަކުގެ ހައްލު ހޯދުމަށް މަސައްކަތް ކުރުމަށާއި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބައެއް ހާލަތްތަކުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތްތަކާ ބެހޭ ގޮތުން، ކަންކަން ހިނގައި ދިޔަ ގޮތް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުންނަށް އޮޅުންފިލުއްވައި ދެއްވި އެވެ.

މި ބައްދަލުވުމުގައި އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުންގެ ވާހަކަފުޅުތަކުގައި ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް ޙުސައިން ވަހީދު އައްޔަންކުރުމާ ގުޅިގެން އެކަމަށް މަރުޙަބާ ވިދާޅުވެ ފުލުހުންނާއި އިންޓެގްރިޓީ ކޮމިޝަން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް ޤަބޫފުޅުކުރައްވާކަމަށް ވިދާޅުވި އެވެ. އަދި މިހާރު ވެސް ފުލުހުންނާ ވަރަށް ގާތް ގުޅުމެއް ބާއްވައިގެން މަސައްކަތް ކުރަމުންދާކަން އެބޭފުޅުން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ވެސް ވޭތުވެ ދިޔަ ދުވަސްތަކުގައި ފުލުހުންގެ ތަޞައްވުރު ރަގަޅުކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަން ފާހަގަ ކުރައްވައި ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ތަޞައްވުރު ރަނގަޅު ކުރުމަށް މަސައްކަތް ކުރެއްވުމަށް އެ ކޮމިޝަނުން އެދިލައްވާފައިވެ އެވެ.