ސ. މީދޫ ޝަމްސުއްދީން ސްކޫލުން މި އަހަރު ދަސްވެނިވި ދަރިވަރުންނަށް އެ ދަރިވަރުންގެ ދަސްވެނިވިކަމުގެ ހަނދާނީ ލިއުން ދިނުމަށާއި ސްކޫލްގެ ފަރާތުން މަރުހަބާ ދެންނެވުމަށް ބޭއްވި ގްރެޖުއޭޝަން ޖަލްސާ ބާއްވައިފިއެވެ.
ޝަމްސުއްދީން ސްކޫލްގެ ދަރިވަރު މަރިޔަމް ސަޖާޔާ ކީރިތި ޤްރުއާންގެ ބަރަކާތުން ފަށްޓައި ދިން މި ޖަލްސާ ޝަރަފްވެރިކޮށް ދެއްވީ މީދޫ ކޯޓްގެ އިސް މެޖިސްޓޭޓް އައްޝެއިޚް ޠޮއްޔިބު އަބްދުލް ހަކީމާއި ސ. އަތޮޅު މަދުސާގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ ޖަމާލެވެ.
މި ޖަލްސާގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަދެއްކެވީ ޝަމްސުއްދީން ސްކޫލްގެ ލީޑިން ޓީޗަރު ޝަރަފިއްޔާ އަހުމަދުދީދީ އެވެ. މިޖަލްސާގައި ގްރެޖްއޭޓް ވިދަރިވަރުންގެ ފަރާތުން ވާހަކަ ދެއްކެވީ މަރިޔަމް ނިޔާފު ޝަފީގެވެ.
މިޖަލްސާގައި ޝަމްސުއްދީން ސްކޫލުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލްކޮށް ދެއްވީ ޠޮއްޔިބު އަބްދުލް ހަކީމާއި އާމިނަތު ޒީނިއާ ޖަމާލެވެ.
މި އަހަރު ޝަމްސުއްދީން ސްކޫލުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން މީދޫ އަންދަލީބުގޭ މަރިޔަމް ނިޔާފު ޝަފީގަކީ މި އަހަރު އައްޑޫ ސިޓީގެ ސްކޫލްތަކުން ގްރޭޑް 7 ނިންމި ދަރިވަރުންނަށް އައްޑޫ ސިޓީގެ ތައުލީމާ ބެހޭ ޔުނިޓުން ބޭއްވި ޓެސްޓުން އެއް ވަނަ ހޯދާފައިވާ ދަރިވަރެވެ.
މީގެ އިތުރަށް މި ޓެސްޓުން ޝަމްސުއްދީން ސްކޫލްގެ އިތުރު ދަރިވަރަކުވަނީ ވަކިވަކި މާއްދާތަކުން އެއް ވަނަ ހޯދާފަ އެވެ.
އެއީ އިނގިރޭސިއާއި އިސްލާމުން އެއް ވަނަ ހޯދި އުއިގަސްދޮށުގޭ ޖުވެއިދާ އެވެ. އަދި މި ޓެސްޓުގެ ގަދަ ދިހައެއްގައި ޝަމްސުއްދީން ސްކޫލްގެ ދަރިވަރުން ކަމުގައިވާ މީދޫ ބިނާ ސާރާ އާއި އުއިގަސްދޮށުގޭ ޖުއިދާ އަދި ސައިގޭ މަރިޔަމް ސަޖާޔާ ހިމެނިފައިވެ އެވެ.
މި ޖަލްސާގެ ހާޒިރީންނާ މުހާތަބުކޮށް ޖަލްސާގެ ޝަރަފްވެރި މެހެމާނު އާމިނަތު ޒީނިއާ ޖަމާލާއި އެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ވަހީދު ވާހަކަފުޅު ދެއްކެވި އެވެ.
ޒީނިޔާ ވިދާޅުވީ ޕްރީސްކޫލާއި ޕްރައިމަރީގައި ދަރިވަރުންނަށް ތައުލީމު ހޯދައި ދިނުމަށް ބެލެނިވެރީން މަސައްކަތް ކުރަމުންދާ ވަރަށް ސެކެންޑްރީ ތައުލީމަށް ދަރިވަރުން ބަދަލުވުމުން މަސައްކަތް ކުރަމުންދާ ތަން ފެންނަމުން ނުދާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އަތޮޅުމަދަރުސާއިންވެސް ރަނގަޅު ނަތީޖާ ހޯދަމުންދާ ދަރިވަރުންނަކީ މިފަދަ ޕްރައިމަރީ ސްކޫލްތަކުން ރަގަޅު ބިންގަލެއްގެ މަތީގައި އެކަށީގެންވާ ގޮތަކަށް ތަރުބިއްޔަތާއި ތައުލީމު ލިބިގެން އަންނަ ކުދީން ގިނަވުމުގެ ސަބަބުން ލިބެމުންދާ ކާމިޔާބެއް ކަމުގައި ފާހަގަކުރެއްވި އެވެ.
"މި ސްކޫލްގައި ކިޔެވި މާއްދާތަކަށްވުރެ އިތުރު މާއްދާތަށް ސެކެންޑްރީ ސްކޫލަށް ބަދަލުވުމުން ކިޔަވަން ޖެހޭނެ. އަދި މި ސްކޫލުން ކިޔެވި ސިލަބަހާއި ސެކެންޑްރީ ސްކޫލްތަކުގެ ސިލަބަހާ ވަރަށް ތަފާތުވާނެ. ވީމާ ސެކެންޑްރީ ސްކޫލަށް ބަދަލުވާ ދަރިވަރުން ބުރަކޮށް މަސައްކަތްކޮށްގެން ރަގަޅު ނަތީޖާ ހޯދާނެ ކަމަށް އުއްމީދު ކުރަން." ޒީނިއާ ވިދާޅުވި އެވެ.