ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އައްޑޫ ސިޓީގެ މީދޫ/މަރަދޫފޭދޫ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ރޮއިނާ މިކަމާ ބެހޭ ގޮތުން ކޮށްފައިވާ ޓްވިޓެއްގައި ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެ ދާއިރާގެ ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީ އަށް ކޮށްދެވެން ހުރި ވަރަށް ގިނަ ކަންތައްތައް މިހާރު ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުގެ މަތިން އައްޑު އަށް ތަރައްޤީ ގެނެސް ދެއްވުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން މަސައްކަތް ކުރެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
އަދި މިފަދަ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން އެމްޑީޕީ އާ ގުޅިވަޑައިގެންނެވީ ވެސް ރާއްޖެއަށާއި ރައްޔިތުންނަށް ތަރައްޤީ ހޯދައިދެއްވުމަށް ކަމަށާއި، އެމްޑީޕީއާއެކު މަސައްކަތްކޮށްގެން މި ތަރައްޤީ ހޯދައިދެވޭނެ ކަމަށް ޤަބޫލުކުރެވޭ އިރު، މި މަސައްކަތުގައި މިހާރު އެންމެ ބޮޑު އެއްބާރުލުމެއް ބޭނުންވަނީ ޙާއްސަކޮށް އައްޑޫ ރައްޔިތުންގެ ކިބައިން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާއަކީ މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ނަމަވެސް އެކަމަނާއަކީ އައްޑު އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.