Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

އޭއޭއޭ ނޫން އޮޕްޝަނެއް ފްލައިން ސްކޫލް ދަރިވަރުންނަށް މިހާރު ނެތް: ނަހުލާ

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ - ފޮޓޯ: އެމްޓީސީސީ

ބޯޓެއް ނުދުއްވިޔަސް އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ނޫން އެހެން އޮޕްޝަނެއް މިވަގުތު ނެތް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތ ނަހުލާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި މިއަދު ވާހަކަދައްކަމުން ނަހުލާ ވިދާޅުވީ ވަކި ސްކޫލަކަށް ދަރިވަރުން ފޮނުވައިގެން ކޯސް ފުރިހަމަ ކުރަން ސިވިލް އޭވިއޭޝަނުގެ ވިސްނުމުގައި ނެތް ކަމަށާއި އެގޮތުން ބޭނުމަކީ ކޮންމެ ސްކޫލެއް ވިޔަސް ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށްފަހު އެކަން އެގޮތަށް ނިންމުން ކަމަށެވެ.

"އެގޮތަށް ނިންމާއިރު ދަރިވަރުންނަށް މިހާރު އޮތް ހަމައެކަނި އޮޕްޝަނަކީ އަދި މިހާރު ބޯޓެއް ފްލައި ކުރިޔަސް ނުކުރިޔަސް، އޭއޭއޭކަން ފާހަގަކޮށްލަން" ނަހުލާ ވިދާޅުވިއެވެ.

އަދި މިހާރު އޮތް އޮޕްޝަނާއެކު ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިތޯ ބަލައި، ދަރިވަރުންނާއެކު މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

މީގެއިތުރުން ނަހުލާ ވަނީ އިތުރު އޮޕްޝަންތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެގޮތުން އައިލޭންޑް އޭވިއޭޝަނާއެކު ވެސް ފްލައިން ސްކޫލެއް ހިންގުމާ ގުޅޭ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މާލީ ހާލަތު މިހާރު އޮތް ގޮތުން މިވަގުތު އެކަން ކުރުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ނުކުޅެދިފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފްލައިން ސްކޫލް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާއިރު، މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލްގައި ދުއްވާނެ އެއްވެސް ބޯޓެއް ނެތެވެ.

މީގެއިތުރުން ދާދިފަހުން ސްކޫލްގެ އިންޖިނިއަރުންގެ ޓީމު މުސާރައިގެ މައްސަލައިގައި ސްކޫލުން އިސްތިއުފާ ދިނުމަށްފަހު އެނބުރި ގައުމަށް ފުރާފައިވާއިރު ދެން ބޯޓެއް ނިކުންނާނެ ދުވަހެއް ވެސް އަދި އިންޖިނިއަރުންތަކެއް އެނބުރި ސްކޫލާއި ގުޅޭނެ ދުވަހެއް ވެސް ދަރިވަރުންނަށް އަދި މިހާތަނަށް އަންގާފައެއް ނުވެއެވެ.

ސްކޫލްގައި ހުރި މައްސަލަތަކެއް ހައްލެއް ނުލިބި ދިގުލައި، އަދި ހާލަތު އިތުރަށް ގޯސްވެފައިވާތީ ދަރިވަރުން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ދަރިވަރުން އަންނަނީ މިހާރު ބޭނުންވަނީ އޭއޭއޭ ނޫން ހައްލެއް ކަމަށް ބުނަމުންނެވެ.