އައްޑޫގައި އިންޑިޔާގެ އެގްޒިމް ބޭންކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި ޕްރޮޖެކްޓުތަކުގެ ސަބަބުން ބަޔޮސްފިޔާ ރިސާވުގެ ގޮތުގައި އައްޑޫ ސިޓީއަށް ލިބިފައިވާ ލަގަބު ގެއްލުމުގެ ބިރު ބޮޑު ވެއްޖެއެވެ.
ނިމިގެން ދިޔަ އަހަރު އައްޑޫ އާއި ފުވައްމުލަކަށް ބަޔޮސްފިއާ ރިސާވްގެ ލަގަބު ލިބިގެން ދިޔައީ ގިނަ ބަޔެއްގެ އެތައް ދުވަސްވީ، ބުރަ މަސައްކަތުންނެވެ. ބައިނަލްއަޤުވާމީ ޖަމްޢިއްޔާ އެއް ކަމަށްވާ ބަޔޮސްފިއަރ ރިޒާވަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ތިމާވެށީގެ ގޮތުން ފާހަގަ ކޮށްލެވޭ، ބަލަހައްޓައި، ދަމަހައްޓައި، ހިމާޔަތް ކުރުން މުހިންމު، އެތަންތަނުން އެ ސަރަހައްދުތަކުގައި އުޅޭ ދިރުންތަކަށް ފައިދާ ލިބޭ ތަންތަނުގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ ތަންތަނަށް ދެވޭ ލަޤަބެކެވެ.
އައްޑޫ ގައި ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓުތަކާ ގުޅިގެން "އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި، ބިން ހިއްކުމާ މަގު ހެދުމުގެ ޕްރޮޖެކްޓުން ތިމާވެއްޓަށް ލިބޭ ގެއްލުން އަންދާޒާ ކުރުމަށް ހަދާ އެންވަޔަރޮމެންޓަލް އިމްޕެކްޓް އެސެސްމެންޓު (އީއައިއޭ) ހެދުމަށް އީޕީއޭ އަށް މިހާރު ވަނީ ހުށައަޅާފައެވެ. މުޅި އައްޑޫ އިން ޖުމުލަ 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހުށައެޅިފައެވެ.
އޭގެ ތެރޭގައި އެންމެ ބޮޑު ބަޔެއް ހިއްކުމަށް ނިންމާފައިވަނީ ހިތަދޫ އިންނެވެ. ހިތަދޫ އިން އެކަނި 90 ހެކްޓަރު ބިން ހިއްކަން ނިންމާފައިވާއިރު މަރަދޫ އާއި މަރަދޫ ފޭދޫ ފުށްޓަރު ފަރާތުން 76 ހެކްޓަރު، ހުޅުމީދޫ އިން 32.3 ހެކްޓަރު އަދި އައްޑޫގެ ފަޅު ހިއްކައިގެން ރިސޯޓު ހެދުމަށް ބިން ދޫކުރަން 29.9 ހެކްޓަރު ހިއްކުމަށް ވަނީ ހުށައަޅާފައެވެ.
މިހާ ބޮޑު ސަރަހައްދެއް ހިއްކައިފިނަމަ އޭގެއިން ލިބޭނެ އަގުނުކުރެވޭ ބޮޑު ގެއްލުމުގެ ވާހަކަ ކުރިން ވެސް ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖޭގައި މަސައްކަތް ކުރާ އެކި ފަރާތަކުން ވަނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ. އެންވަޔަރޮމެންޓް މިނިސްޓަރުގެ މަގާމުގައި ޑރ. ހުސެން ރަޝީދު ހަސަން ހުންނެވިއިރު އެމަނިކުފާނާ ހަމައަށް ވަނީ ގެނެވިފައެވެ. ނަމަވެސް ސަރުކާރުގެ ވިސްނުމުގައި ހުރީ، ތިމާވެއްޓަށް ގެއްލުންވި ނަމަވެސް މިއީ ކުރަން ޖެހޭ ތަރައްގީގެ މަޝްރޫއުތަކެވެ.
ކަންބޮޑުވާން ޖެހޭ އެތައް ކަމެއް!
އައްޑޫ ގައި ދިޔަވަރު ބޮޑުވާ ދުވަސްވަރު އުދަ އެރުމާއި ފެންބޮޑުވުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، އުދަ އެރުން މިހާ ބޮޑަށް ތަހައްމަލް ކުރަން ޖެހިފައިވަނީ ފޭދޫގައި ބިން ހިއްކި ފަހުންނެވެ. ވައުދު ފުއްދުމުގެ ބޭނުމުގައި ފޭދޫގެ ފުށްޓަރު ފަރާތުން 52 ހެކްޓަރު ބިން 2016 ވަނަ އަހަރު ހިއްކާފައިވާއިރު، އޭރުވެސް ބައެއް ފަރާތްތަކުން ވަނީ ބިން ހިއްކުމަށް ހެދުނު އީއައިއޭގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ.
ގެސްޓު ހައުސް ވިޔަފާރިއާއި ފްލެޓު އެޅުމާއި ހޮސްޕިޓަލެއް އަޅަން ޖެހިއްޖެ ނަމަ ހޮސްޕިޓަލެއް ވެސް އެޅޭނެ ވަރުގެ ބޮޑު ބިމެއް ހިއްކުމުގެ ނިޔަތުގައި ސަރުކާރުން ފޭދޫގައި ބިން ހިއްކުމަށް ފަހު ޖެހިގެން އައި އަހަރުތަކުގައި އައްޑޫގެ އެހެން ދިމާލުން ފެނިގެން އަންނަން ފެށީ ނޭދެވޭ މަންޒަރުތަކެކެވެ. މަރަދޫ އަދި މަރަދޫ ފޭދޫ ލިންކު ރޯޑަށް ރާޅު ޖެހުމާއި ގައުކެނޑި ސަރަހައްދުން ލިންކުރޯޑާއި ހިތަދޫ ފެނަކަ އޮފީސް ހިސާބުން މަގުމައްޗަށް ރާޅުގަނޑު އަރައިގެން ދިޔައެވެ. އަދި މަރަދޫ-ހަންކެޑެ ކޯޒްވޭގައި ދަތުރުނުކުރެވޭ ވަރަށް ރާޅު ޖަހައިގެން ދިޔަތަން ފެނިގެން ދިޔައެވެ.
ތިމާވެށީގެ މާހިރުން ދެކޭ ގޮތުގައި ބިން ހިއްކުމުގެ ކުރިން ދިރާސާ ނުކޮށް ހިއްކުމުން މޫދުގެ އޮއިވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ޗައިނާގެ ޔަންގސޫ ޕްރޮވިންސަށް ބިންހިއްކުމުގެ ސަބަބުން ކުރި އަސަރުތައް ދިރާސާކުރި ޓީމަކުން ނެރުނު ނަތީޖާތަކަށް ބަލާއިރު އޮއިވަރަށް އަންނަ ބަދަލު ފެންނަނީ ހިއްކި ސަރަހައްދަށް ވުރެ ބޮޑަށް ކައިރި އެހެން ސަރަހައްދުތަކަށެވެ. މި ދިރާސާ އިން ދައްކާ ގޮތުގައި، ރަށުގެ އައްސޭރި ފަށާ މާ ކައިރިން ބިން ހިއްކުމުން އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ރަށް ގިރުމާއި އުދަ އެރުން އިތުރުވެގެން ދެއެވެ.
މި ދިރާސާގެ ނަތީޖާތަކާ އައްޑޫގެ އަވަށްތަކުން މިހާރު ފެންނަ މަންޒަރުތަކާ ދާދި އެއް ގޮތެވެ. އުދަ އެރުމާއި ރަށް ގިރުމުގެ މައްސަލަ ފާއިތުވެދިޔަ ފަސް އަހަރު އިތުރުވެފައިވާއިރު އަތޮޅުގެ ބޮޑު ބައެއް، އައްސޭރިފަށާ އެހާ ކައިރިން އަނެއްކާ ވެސް ހިއްކުމަކީ މިފަދަ ނޭދެވޭ އަސަރުތައް އިތުރުވެގެން ދާނެ ކަމެއް ކަމަށް ތިމާވެށީގެ މާހިރުން ދެކެއެވެ.
މަޝްރޫއުތަކުން ފަރުތަކާއި ފަޅުތަކަށް ކިޔާނީ އަލްވަދާއު
ހިއްކުމަށް ހަމަޖެހިފައި އޮތް މަރަދޫ އަދި މަރަދޫ ފޭދޫ ފުށްޓަރު ފަރާތު ފަރަކީ މުޅި އައްޑޫގައި ވެސް އޮތް އެންމެ މުއްސަނދި ފަރެވެ. މިސަރަހައްދު ހިއްކައިފިނަމަ އައްޑުއަށް ގެއްލިގެން ދާނީ އަތޮޅުގައި ވެސް އޮތް ގުދުރަތީ އެންމެ ބޮޑު އެއް ނިއުމަތެވެ.
މަރަދޫ-ހަންކެޑެ ގުޅުމަށް އާ މަގެއް ހެދުމަށް ފަރު ހިއްކާއިރު އެ ސަރަހައްދަކީ މުޅި މި ސަރަހައްދުގައި ވެސް އެންމެ ގިނަ މިޔަރު އާލާވާ ސަރަހައްދެވެ. މީގެ އިތުރުން ފާނަ އާއި މަޑިވެސް އެންމެ ގިނައިން އާލާވާ އެއް ސަރަހައްދެވެ. މަސްމަހާމެހީގެ އެތައް ބާވަތަކާއި މުރަކައިގެ އެތައް ބާވަތެއްގެ ގެ ދާއިމަށް ގެއްލިގެން ދާނެއެވެ.
ރިސޯޓު ހެދުމަށް ރަށްތައް ދޫކުރަން ހިއްކަން ނިންމާފައިވާ ފަޅުތަކަކީ ފަތުރުވެތަރއރިން އެންމެ ގިނައިން ފީނަން ދާ ސަރަހައްދުތަކެވެ. ތަރައްގީގެ ނަމުގައި ވެށި ގުރުބާން ކުރާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މަޝްހޫރު ވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރާނީ މުސްތަގުބަލަށް ކަން ވިސްނަންވީ ވަގުތު ފާއިތުވެއްޖެއެވެ.
ރައްޔިތުންގެ ބަހެއް ހޯދުން މުހިންމު
ކޮންމެ ސަރުކާރަކުން ވެސް ތަރައްގީ ގެނައުމަށް މަސައްކަތްކުރަނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ގެނައުމަށެވެ. އެހެންކަމުން، އެ ގެންނަ ތަރައްގީއަކީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ބޭނުންވާ އެންމެ ލާބަހުރި ތަރައްގީއެއް ކަމަށް ކަނޑައެޅޭނީ އެ ރައްޔިތުންގެ ބަހެއް ވެސް ލިބިގެންނެވެ.
ފާއިތުވެދިޔަ ކައިރި މުސްތަގުބަލަށް ބަލާއިރު، ތިމާވެށި ގުރުބާން ކުރުމަށް ފަހު ގެނައި ތަރައްގީތަކަކީ އޭގެ އެދެވޭ އަދި ނޭދެވޭ އަސަރު ރަނގަޅަށް ކިޔައިނުދީ ފެށި ނިންމި މަޝްރޫއުތަކެވެ. ކުޅުދުއްފުށި ކުޅި ހަލާކުކޮށްލުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމީ، ފުރަތަމަ އެއާޕޯޓު އަޅަން ރައްޔިތުންގެ ޚިޔާލު ހޯދިއިރު ހުށައެޅި ތަނުގައި އެއާޕޯޓު އެޅުމަކަށް ނޫނެވެ. ގޮއިދޫ ފަޅު ހަލާކުކޮށްލީ ގޮއިދޫ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކިޔައިދިނުމަށް ފަހުގައެއް ނޫނެވެ.
އީއައިއޭ ހަދާއިރު މަޝްރޫއު ކުރިއަށް ގެންދަން ބުރަވާ ގޮތަށް އެއްބައި އުނިކުރުމަށް ފަހު ދައުލަތުގެ ވެރިންނާއި ސަރުކާރު ތަމްސީލު ކުރާ މަޖިލިސް މެމްބަރުން ވާހަކައިގެ އެއްކޮޅު ރައްޔިތުންނަށް ކިޔައިދިނުމަށް ފަހު "ޔޭސް" ހޯދައިގެން މަޝްރޫއު ކުރިއަށް ގެންދިއުމުން އަނެއްކާވެސް ފެނިގެން ދާނީ އަހަރުތަކެއް ފަހުން އެރަށެއްގައި ދިރިއުޅޭ ރައްޔިތުން އޭގެ ތަކުލީފު އުފުއްލާ ތަނެވެ.
މައްސަލައަކަށް ފަހު މައްސަލައެއް ނިކުމެ، ހައްލުނުކުރެވޭ ހިސާބަށް ދިއުމުން ފަހަށް ބެލުމަށް ވުރެ ގިނަ ފަހަރަށް ފެނިގެންދާ މަންޒަރަކީ އޭރަކު އޮންނަ ސަރުކާރަށް ކުރެވޭ އިތުބާރު ގެއްލުމެވެ. މިއީ މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބަކުން ފެންނަމުންދާ މަންޒަރެވެ. ފަހަތަށް ބެލުމުގެ ބޭނުމެއް ވެސް ނެތީއެވެ. މާޒީ އަކީ ބަދަލުކުރެވޭނެ އެއްޗަކަށް ނުވާތީ، މާދަމާ އުޖާލާ ކުރެވެން އޮތް ހަމައެކަނި މަގަކީ މިއަދު އަޅާ ފިޔަވަޅުތަކަކީ މާދަމާއަށް ވިސްނުމަށް ފަހު އަޅާ ފިޔަވަޅުތަކެއް ކަމުގައި ހެދުމެވެ.