Last Updated: November 24, 18:35
Sunday, November 24, 2024
ކޮލަމް

ރޮޒައިނާ އަށް ސިޓީއެއް

ނޯޓް: މިއީ "މީދޫ.ކޮމް" ގައި ގަދަކަލޭފާނުގެ ނަމުގައި ލިޔެފައިވާ ސިޓީއެކެވެ. މި ސިޓީ އޭނާ ލިޔެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މީދޫ ދާއިރާ އަށް ކުރިމަތިލައްވާނެ ކަމަށް ޓްވީޓްކޮށްފައި ވަނިކޮށެވެ.

ކިޔުންތެރިން ސިޓީ ވިދާޅުވެލައްްވާށެވެ.
*************************************************************************

ރޮޒައިނާ އަށް

ވެދުމާއި ސަލާމް ބަރުތީލަކުރުމަށް ފަހު ވާހަކަ ފަށައިގަންނަމެވެ.

ތިޔަ ރޮޒައިނާ އަށް މިފަދަ ސިޓީއެއް ލިޔާން މިޖެހުނީ އަހުރެމެންނަކީވެސް މިދުނިޔޭގައި އުޅޭ ބައެއްކަމަށް އިއުތިރާފްވެ އަހުރެމެންގެ ފުށުން މުހުތާދަކަށް އެދި އިއުލާން ކުރުމުންނެވެ. އެ މުހުތާދަށް ރިއާޔަތްކޮށް ކަމަނާފާނަށް ވެސް އަހުރެމެންގެ ފަރާތުން އެއްޗެއް އަންގައިލުމަކީ ކުރަންޖެހޭނެ ކަމެއްކަމުގައި ފެނި ފަރުދީ ޒިންމާއެއް އަދާކުރުމުގެ ގޮތުންނެވެ.

ކަމަނާއަކީ ދޮން އާދަމްފުޅުގެ ރޮޒައިނާއެއް ކަމަކު އަމީނިއްޔާ ސްކޫލުގެ ސުޕަވައިޒަރެއްގެ ވަޒީފާގައި ހުއްޓައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަނާ މަޖިލީހަށް ވެއްދެވުމުގެ ކުރިން ތިޔައީ މިދުނިޔޭގައި އުޅޭ މީހެއްކަމެއްވެސް ބަޔަކު ދެނެއެއް ނެތެވެ. މައުމޫން އެފަދަ ޝަރަފެއް ކަމަނާއަށް ދެއްވީ ކަމަނާގެ މޮޅުކަމާއި ތޫނުފިލިކަމަކުން ނޫނެވެ. ކަމަނާގެ ބައްޕާއަށް ހަދިޔާއެއް ދެއްވުމަށާއި ތަސްމީނަށް ވެސް ކަމެއް ކޮށްދެއްވުމުގެ ގޮތުން ކުރެއްވި ކަމެކެވެ.

ކަމަނާ މަޖިލީހުގައި ހުންނަވައިގެން އޭރު ކުރެއްވިހާވެސް ކަމަކީ މައުމޫނަށް ސަނާކިޔުމާއި ޚުޝާމަދު ކުރުމެވެ. މިގޮތަށް ދުވަސްތަކެއް ފާއިތުވެދިޔަ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތުލުސްދޫ ދާއިރާގެ ގޮނޑި ޑީއާރްޕީގެ ފަރާތުން ކަމަނާއަށް ހަދިޔާ ކުރީވެސް ތަސްމީނުގެ އެދިވަޑައިގަތުމަކަށެވެ. އެދާއިރާއިން ކަމަނާއަށް ލިބުނު ވޯޓަކީވެސް މައުމޫނަށްޓަކައި ލިބުނު ވޯޓެވެ. ކަމަނާގެ ބަފާއަށްޓަކައިވެސް މިންވަރެއް ނުލިބެއެކޭ ނުބުނާނަމެވެ. އެކަމަކު މައިގަނޑު އެއްޗަކީ މައުމޫންގެ ސަޕޯޓެވެ.

ތުލުސްދޫ ދާއިރާގެ ގޮނޑީގައި އިށީދެވުމާއެކު މައުމޫނަށް ސަނާކިޔުން ހުއްޓާލާފައި ދެން ކަމަނާ ބެލީ ކަމަނާގެ ފިރިސޮރުގެ ބޭބެ ތަސްމީނުގެ ކޮޅު ގަދަކުރެވޭތޯއެވެ. މިކަހަލަ ގޮތަކަށް އުޅެފައި ތަސްމީނުގެ ހުރި ގޮތްކުޑަކަމުން ޑީއާރްޕީ ބައިބައިވެ ތަސްމީނުގެ ސައިޒް ކުޑަވުމުން ދެން ކަމަނާ ބެލީ މައުމޫނަށް ހުތުރުބަސް ބުނެ މައުމޫނާއި އޭނާގެ އާއިލާ ބަދުނާމު ކުރެވޭތޯ އެވެ. އެމްޑީޕީއަށް ވުރެ ބޮޑަށް އެކަމާއިގެން އުޅުނީ ހަމަ ކަމަނާއެވެ.

ޑީއާރްޕީ ކުޑަވަމުން ކުޑަވަމުން ގޮސް ތަސްމީނު އެކަންޏަށް ވުމުން މިހާރު ތަސްމީނާއި އެކު ކަމަނާވެސް ތިޔަހަރީ އެމްޑީޕީއަށް ސޮއިކޮށްގެންނެވެ. އެގޮތަށް ހުރެ ކަމަނާ ތިޔަ ޚިޔާލު ކުރަނީ އަނެއްކާވެސް އާ ދައުރަކަށް މަޖިލީހަށް ވަނުމަށެވެ. ތުލުސްދޫ ދާއިރާއިން ނުހޮވޭނެކަން ގައިމު ވާތީ ތިޔަ ޚިޔާލު ކުރަނީ މީދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށެވެ.

ކަމަނާއެވެ. ތަސްމީނުގެ އަޑިއަޅާފައިވާ ސިޔާސީ ކެރިއަރު އަލުން ނަގައި ފެންމަތި ކުރުމަށާއި ތަސްމީނުގެ ދަރަނިތަކަށް ލުއި ހޯދަން ބޭނުންކުރާ ހަތިޔާރަކަށް މީދޫދާއިރާގެ ގޮނޑި ކަމަނާއަށް ވެދުން ކުރަން ޖެހޭ އެއްވެސް ސަބަބެއް އެބައޮތް ހެއްޔެވެ؟ ކަމަނާގެ ސިކުނޑި ރަނގަޅު ހެއްޔެވެ؟ ކަމަނާގެ ސައިޒަކީ ފަހެ ކޮބައި ހެއްޔެވެ؟ މިސުވާލުތައް މިކުރީ ކަމަނާވެސް އަދި ތަސްމީނުވެސް އަހުރެމެންނަށް ކޮށްދިން ކަމެއްވެސް އަދި ކޮށްދޭނެ ކަމެއްވެސް ފެންނަން ނެތީމައެވެ.

ކަމަނާ ކަހަލަ މުނާފިގު ގޮތެއްފޮތެއް ނެތް އަދި ކާންދޭ މީހާގެ އަތުގައި ދަތްއަޅާ މީހަކަށް އަހުރެމެން މިގޮނޑި ނުދޭނަމެވެ. ޔަގީނުންވެސް ދެން ދަތް އަޅާނީ އަހުރެމެންގެ އަތުގައެވެ. މީދޫ ދާއިރާއަށް ކުރިމަތިލާނަމޭ ބުނެ އިއުލާން ކުރުމަކީ އަހުރެމެން ގަބޫލު ކުރާ ގޮތުން ކަމަނާ އަހުރެމެންގެ ދާއިރާއަށް ކުރި މަލާމާތެކެވެ. އާނފަހެ މިގޮނޑި ފުރާނެ މީހުން މިދާއިރާގައި ނެތީ ހެއްޔެވެ؟ ކަމަނާއަށް އަޅެ ތިޔަ ހީކުރެވިގެން އުޅެނީ ކޯޗެއް ބާވައެވެ.

ކަމަނާގެ މާމައަކީ މީދޫ މީހަކަށްވާތީ ކަމަނާއާ ތިމާގެ މީހުން މީދޫގައިވެސް އުޅޭނެއެވެ. ހަތަރު ފަސްގެއެއްގައި ކަމަނާއަށް ވޯޓުދޭނެ މީހުންވެސް ތިބެދާނެއެވެ. އެކަމަށް އިންކާރެއް ނުކުރަމެވެ. އެކަމަކު ކަމަނާއެވެ. ތިޔަ ތިމާގެކަން ފެނުނީ ކުއްލިއަކަށް މިއަދު ހެއްޔެވެ؟ ކަމަނާގެ ތިޔަ ވިސްނުމަކީ އެމީހުންނަށްވެސް ކުރެވޭ މަލާމާތެކެވެ. މިހާތަނަށް އެއިން މީހަކަށް ކަމެއްކޮށްނުދޭތާގައި ތިޔަ ދިމާކުރީ އެމީހުންނަށް މަލާމާތް ރައްދުވާނެ ގޮތެއް ފެނޭތޯއެވެ. ހުވާކޮށްފައި ބުނަމެވެ. ތިޔަ ހީކުރާ ތިމާގެ މީހުންގެ ތެރެއިންވެސް ގިނަ މީހުން ކަމަނާއާ ދެކޮޅެވެ.

ކަމަނާ ކުރިމަތިލުމަކީ އަހުރެމެންނަށް މާބޮޑު މައްސަލައެއް ނޫނެވެ. އަހުރެމެން ވޯޓު ނުދިނީމާ ނިމުނީއެވެ. ކަމަނާ ކުރިމަތިލައިފިއްޔާ އެއްގޮތަކުން އަހުރެމެންނަށް ރަނގަޅެވެ. އެހެނީ ތަސްމީނާއި ކަމަނާ ކަހަލަ މީހުންނަށް ހައްގުވެގެންވަނީ ވެލި ކެއުމެވެ. މިފަހަރު ނިކަން ރީއްޗަށް ކަމަނާއަށާއި ތަސްމީނަށް އަހުރެމެން ވެލިކާން ދޭނަމެވެ.

ވައްސަލާމް

23 ނޮވެމްބަރު 2013