ސީރިޔާ ހަނގުރާމައިގައި ބައިވެރިވާ ދިޔަ ކަމަށް ބުނެ ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފިއެވެ.
ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އުޅުނުކަމަށްބުނެ ދައުވާ އުފުލާފައިވަނީ ނ. މަނަދޫ / އޮޕެރާ މުހައްމަދު ނަބީހު، ނ. މަނަދޫ / ނަފާ އާދަމް ފަރުހާން އަދި ނ. މަނަދޫ / ބާދުސަބާ އަހުމަދު އަފްސަލްއެވެ.
އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މި ތިން މީހުން އިތުރު ބަޔަކާއެކު ޖުލައި 2 2017 ގެ ވަގުތެއްގައި ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް ރާއްޖެއިން ފުރައިގެން ތުރުކީއަށް ގޮސްފައިވާާކަމަށެވެ. އެމީހުންގެ މައްޗަށް އެކަމުގައި އުފުލާފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ކުށުގެ ދައުވާއެވެ.
މިމީހުން ތުރުކީގައި ތިއްބާ އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އެމީހުން ހައްޔަރުކޮށް 2017 ސެޕްޓެމްބަރު 23 ގައި އަނބުރާ ރާއްޖެ ފޮނުވާލާފައެވެ.
މި މައްސަލައިގައި މި މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މައްސަަލަ ތަހުގީގު ކުރި ފުލުސް، ހެކިބަސް ދެމުން ބުނެފައިވަނީ މައްސަލައިގައި ދައުވާ ކޮށްފައިވާ ނަބީލްގެ ޕެންޑްރައިވަކުން އައިއެސްއަށް ތާއީދުކޮށް ހަދާފައިވާ ވީޑިއޯތަކާއި ލިޔުންތައް ހުރިކަން ފާހަގަކުރެވޭކަމަށެވެ. އަދި ދައުވާ އުފުލާފައިވާ ތިން މީހުންނަކީވެސް ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ ފަރާތްތަކެއްކަން އިންޓެލިޖެންސް ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމަށްވެސް ހެކިބަސް ދީފައިވެއެވެ.
މީގެ އިތުރުން ޕެންޑްރައިވްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފަރާތުން ހެކިބަސް ދެމުން ބުނެފައިވަނީ، އެ ޕެންޑްރައިވުން މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ 48 ވީޑިއޯ ފެނިފައިވާކަމަށެވެ. އަދި އެ ފައިލްތަކުން ސިރިއާގައި އައިއެސްގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި އުޅަނދުތަކާއި މީހުންނަށް ހަމަލާދޭ މަންޒަރާއި އަނިޔާވެރި ގޮތްގޮތަށް މީހުން މަރާ ވީޑިއޯއާއި ތަންތަނާއި މީހުން ގަޔަށް ބަޑިޖަހާ ގޮއްވާ މަންޒަރު ފެންނަ ވީޑިއޯތައް އަދި ޖިހާދުކުރުމަށް ގޮވާލާ ދިވެހިން އަޑުއަޅާފައިވާ ފައިލުތައްވެސް އޭގެން ފެނިފައިވާކަމަށެވެ. އަދި މައްސަލައާ ގުޅޭ 11 ޑޮކިއުމެންޓެއް ފެނިފައިވާކަމަށާއި، އޭގައި ޖިހާދަށް ދިއުމަށް ބާރުދޭ ލިޔެކިޔުން ފެނިފައިވާކަމަށެވެ.
މި ދެ ހެކިންގެ އިތުރުން މައްސަލައިގައި ދައުލަތުން ދެން ހުށަހަޅާފައިވާ އިތުރު އެއްވެސް ހެއްކެއް، ހެކިބަސް ދީފައެއްނުވެއެވެ.
މައްސަލައިގައި ގޮތް ނިންމަވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ، ޕެންޑްރައިވްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުސް އެ ރިޕޯޓާއި އެކު މުހިންމު ހެކިތަކެއް ހިމެނޭ ސީޑީއެއް ހިމެނޭނެކަމަށް ބުނެފައި ވީނަމަވެސް އެ ސީޑީ ޝަރީއަތަށް ހުށަހަޅާފައިނުވާކަމަށެވެ. އަދި ސީޑީ ހުށަނާޅާ ޝަރީއަތުން އެ ސީޑިއަށް ރިއާޔަތް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ސީޑީއަކީ ރިޕޯޓުގެ ބައެއްކަމުގައި ވާއިރު، އެ ރިޕޯޓު ހުށަހަޅާފައިވަނީ އެޕްންޑިކްސް ނުލައިކަމުގައިވާތީ، ޝަރީއަތަށް ހުށަހަޅާފައިވާ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއްކަމުގައި ޝަރީއަތަށް ނުބެލެވޭނެކަމަށެވެ.
މީގެ އިތުރުން ކޮމްޕިއުޓަރު ފޮރެންސިކް ރިޕޯޓާ ގުޅޭ ޗެއިން އޮފް ކަސްޓަޑީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރިއަތަށް ހުށަހަޅާފައިވަނީ، ރިޕޯޓު ތައްޔާރު ކުރި ފަރާތުގެ ހެކިބަސް ނަގަން ޝަރީއަތަށް ހާޒިރުކޮށްފައިވަނިކޮށްކަމަށެވެ. އަދި ކުރިން އެ ރިޕޯޓް ހުށަހަޅާފައި ނުވަނީ ފުލުހުން އެ ރިޕޯޓް ޕީޖީއާ ހިއްސާ ކޮށްފައި ނެތުމުންކަމަށް ވެސް ޕީޖީން ކޯޓުގައި ބުނެފައިވެއެވެ. އަދި އެއީ މަގުބޫލު ސަބަބެއްކަމަށް ނުވާތި އެ ލިޔުން ޝަރީއަތަށް ބަލައިނުގަތުމަށް ނިންމާފައިވާކަމަށްވެސް ޝަރީއަތުން ބުނެފައިވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުނުވާކަމަށް ހުކުމް ކޮށްފައެވެ.