ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެންދިޔަ ހިންދީ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ނެއިތިކްގެ ރޯލުން ފެނިފައިވާ އެކްޓަރ ކަރަން މެހެރާގެ މައްޗަށް ގެވެށިއަނިޔާގެ ތުހުމަތު އޭނާގެ އަނބިމީހާ ނިޝާ ރަވާލް ކޮށްފިއެވެ
ނިޝާ ވަނީ އޭނާއަށް އަނިޔާ ކޮށްފައިވާ ކަމަށްބުނެ 31 މެއި ގައި މުމްބާއީގެ ގޮރެގާއޮން ޕޮލިސް ސްޓޭޝަނުގައި އެފްއައިއާރު އެއް ފައިލް ކޮށްފައެވެ. ނިޝާއާއި ކަރަން ކައިވެނި ކޮށްގެން އުޅޭތާ 8 އަހަރު ވެފައިވާއިރު މި ދެމަފިރިން އުޅެމުން އަންނަނީ ވަރަށް ލޯބިން ކަމަށް މީގެ ކުރިން މީހުންނަށް ވަނީ ހީވެފައެވެ.
ހުށަހެޅުނު މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ސުވާލު ކުރުމަށް ކަރަން ހައްޔަރު ކޮށްގެން ގެންގޮސްފައެވެ. އެހެން ނަމަވެސް ފަހުން ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސްއަށް ކަރަންދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ އޭނާ ނިޝާއަށް އަނިޔާ ނުކުރާ ކަމަށެވެ. ނިޝާ އަމިއްލައަށް ފާރުގައި ބޮލުން ޖަހާ އޭނާ އަނިޔާ ކުރިކަމަށް ބުނީ ކަމަށެވެ. އަދި ނިޝާ ހެދި ދޮގު އެއީ ތެދުކަމަށް ޤަބޫލުކޮށް ނިޝާގެ ބޭބެ ކަރަންގެ ގައިގާ ޖަހާފައިވާ ކަމަށް ވެސް ކަރަން ބުނެފައިވެއެވެ.
ކަރަން ބުނެފައިވަނީ އެނާގެ ކައިވެނި ވަރަށް އުނދަގޫ މަރުހަލާތަކެއްގައ އުޅެމުންދާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. ދެމީހުން ވެގެން އެކި މައްސަލަތައް ހައްލު ކުރަން އުޅެފައިވާ ކަމަށެވެ. އެންމެ ފަހުން މައްސަލަ ހައްލު ނުވާނެކަން ގަބޫލު ކުރެވުނީމަ ދަރިފުޅުގެ ހައްގުގަ ސުލްހަވެރިކަމާއެކު ވަކިވުމަށް ވާހަކަ ދެކެވުނު ކަމަށް ވެސް އޭނާގެ ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.
ވަކިވުމަށް ވާހަކަ ދެއްކުމަށް އޭނާ ނިޝާގެ ގެއަށް ދިޔުމުން ނިޝާގެ ބޭބޭ ވަކިވުމުގެ އަގެއްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ނިޝާ އޭނާގެ ގައިގާ ތެޅި ކަމަށާއި އެންމެފަހުން ފާރުގައި ބޯ ޖެހުމަށްފަހު އެއީ ކަރަން ކުރި ކަމެއް ކަމަށް އޭނާގެ އާއިލާ މީހުންގެ ގާތުގައި ބުނި ކަމަށް ކަރަން ބުންޏެވެ. އެވާހަކަ ގަބޫލުކޮށް ކަރަން އާއި އޭނާގެ އާއިލާ މަރާލާނެ ކަމުގެ އިންޒާރު ނިޝާގެ ބޭބޭ ދިން ކަމަށް ވެސް ކަރަން ބުންޏެވެ.
ކޮވިޑަށް ފަރުވާ ކުރުމަށްފަހު ކަރަންގެ ހަށިގަނޑުގައި އަދިވެސް ވަރެއް ނެތް ކަމަށާއި މިކަމާއި ކުރިމަތިލާނެ ހިތްވަރެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.