Last Updated: November 23, 21:59
Sunday, November 24, 2024
ޚަބަރު

ޙައްލަކީ މެޑިކަލް ނެގްލިޖެންސްއާ ބެހޭ ހަރުދަނާ ޤާނޫނެއް އެކުލަވާލައި ތަންފީޛު ކުރުން:ހިސްޓޯ

ފޮޓޯ: ސަންއޮންލައިން

ޙައްލަކީ މެޑިކަލް ނެގްލިޖެންސްއާ ބެހޭ ހަރުދަނާ ޤާނޫނެއް އެކުލަވާލައި ތަންފީޛު ކުރުން ކަމަށް ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ޝިފާގް މުފީދު(ހިސްޓޯ) ވިދާޅުވެެއްޖެއެވެ.

ހިސްޓޯ މިހެން ވިދާޅުވެފައިވަނީ ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި އުމުރުން 10 އަހަރުގެ ކުއްޖާ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް ބޮޑުތަނުން ލަސްވި މައްސަލައަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

މި މައްސަލައިގެ ސަބަބުން ހެލްތު މިނިސްޓަރާއި އެޗްޕީއޭ އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

"ޙައްލަކީ މެޑިކަލް ނެގްލިޖެންސްއާ ބެހޭ ހަރުދަނާ ޤާނޫނެއް އެކުލަވާލައި ތަންފީޛު ކުރުން. ކިތަންމެ ވަރަކަށް މައްސަލަ ބަލައި ސޮރީއޭ ބުންޏަސް އިހުމާލަށް ޒިންމާ ނެގުމާއި ޒިންމާ ކުރުވުމުގެ ރޫޙެއް ނުވާހާހިނދަކު ޙައްލެއް ނުލިބޭނެ." ހިސްޓޯ ވިދާޅުވިއެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ކުޑަކުއްޖާގެ މައްސަލައިގައި، އެ ކުއްޖާގެ ހާލު ސިރިއަސްވިއިރު، އެމްބިއުލަންސްއަށް ގުޅައިގެން ގިނަ ވަގުތުތަކެއް ވިކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނެފައިވަނީ، އެމްބިއުލާނސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީ ކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުއްޖާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވް ކަމަށާއި، ކަރަންޓީނުވެގެންތިބީ ގޭގައި ކަމަށެވެ. އަދި ކުއްޖާ ނޭވާލާން އުނދަގޫވެގެން އެޗްޕީއޭއަށް ގުޅިކަމަށާއި، ކުއްޖާ ބަލައި އެމްބިއުލެންސް އައީ ގުޅިތާ 2 ގަޑި އިރާއި 40 މިނިޓް ފަހުން ކަމަށެވެ.